16 ޖޫން 2019 - 09:30

ގެސްޓްހައުސްގެ ވިޔަފާރިއަށް ސަރުކާރުގެ ފަރާތުން ކުރިން ނުލިބޭ އެއްބާރުލުން މިހާރު ލިބޭ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ކަރަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އުނިމާ ގްރޭންޑުގައި އޮތް އެ އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ކަރަމް ވިދާޅުވީ ރާއްޖޭގެ ގެސްޓްހައުސް އިންޑަސްޓްރީއަށް ކުރީ ސަރުކާރުގެ އެއްބާރުލުން ނުލިބުނު ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ގެސްޓްހައުސްތައް ކުރިއަރުވަން ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި އެއް ކަމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު، އެ އެސޯސިއޭޝަނާ ބައްދަލު ކުރައްވައި އެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާ އެވެ.
"އަޅުގަނޑުމެންނަށް ފާހަގަވެގެން ދިޔައީ އޭރުގެ ސަރުކާރުގެ އެހީތެރިކަމެއް ގެސްޓްހައުސް އިންޑަސްޓްރީިއަށް ނެތްކަން. ނަމަވެސް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓް ލިބުމާ އެކު އަޅުގަނޑުމެންނާ ބައްދަލުކުރައްވައި މި އިންޑަސްޓްރީގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް އޮޅުން ފިލުވި. އިތުރު އެއްވެސް ޕާޓީއަކުން އަޅުގަނޑުމެންނާ ބައްދަލު ކުރަން އެޕްރޯޗެއް ނުކުރޭ،" ކަރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެއްވުމަކީ ގެސްޓްހައުސް އިންޑަސްޓްރީއަށް ލިބުނު އާ ހިތްވަރެއް ކަމަށެވެ. އެގޮތުން ގެސްޓްހައުސްތަކުގެ އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އޮތް، ބޭނުންވާ މާލީ އެހީތެރިކަން ނުލިބުމުގެ މައްސަލަ އެސްއެމްއީ ބޭންކް މެދުވެރިކޮށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެސްޓްހައުސް އިންޑަސްޓްރީގެ ބޭފުޅުން ފާހަގަކުރާ އެއް ކަމަކީ ފައިނޭންސް ހޯދުމުގައި ހުރި ދަތިތައް. މިކަމަށް ހައްލެއް މިހާރު މިވަނީ އެސްއެމްއީ ބޭންކާ އެކު އައިސްފައި،" ކަރަމް ވިދާޅުވި އެވެ.
މީގެ އިތުރުން މި އިންޑަސްޓްރީ ކުރިއަރުވަން އެމްއެމްޕީއާރުސީގެ ބޯޑަށް އިންޑަސްޓްރީގެ ބޭފުޅަކު އައްޔަން ކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ސަރުކާރުން ވަނީ ގެސްޓްހައުސް އިންޑަސްޓްރީ ކުރިއެރުވުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެސްޓްހައުސް ސިމްޕޯސިއަމެއް ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި 340 ގެސްޓްހައުސްއަކުން ބައިވެރިވި އެވެ.