ދިވެހި ޕްރިމިއާ ލީގުން ސަޕޯޓަރުންނަށް ހާއްސަ ފުރުސަތެއް
ދިވެހި ޕްރިމިއާ ލީގުން ސަޕޯޓަރުންނަށް ހާއްސަ ފުރުސަތެއް

މިހާރު ކުރިއަށް ގެންދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ބަލާލައިގެން، މި އަހަރު އޮންނަ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ޓިކެޓް ހޯދޭނެ ފުރުސަތެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ، ދިވެހި ޕްރިމިއާ ލީގުގެ ތިން ބުރުގެ މެޗުތަކަށް ވަންނަން ޓިކެޓް ގަނެގެން، ކޮންމެ ބުރަކުން ނަސީބުވެރި، އެއް ސަޕޯޓަރަކު (ޖުމްލަ ތިން ސަޕޯޓަރުންނަށް) ރާއްޖޭން ބޭރުގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން މެޗެއް ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން އޮންނާނެ އެވެ. ކޮލިފައިން މެޗުތައް ފަށާނީ މި އަހަރު ފަހުކޮޅު އެވެ.

ޕްލޭނިން މިނިސްޓްރީގެ ލަފާގެ މަތިން ގަލޮޅު ދަނޑުގެ ދެކުނު ފަރާތުގެ ސިޑިބަރި (ސަހަރާ ފަޅި) އާއި ރޮސްޓްރަމް ކުރިމަތީގައި އޮންނަ ފަޅި މިހާރު ބޭނުމެއް ނުކުރެ އެވެ. އެ މިނިސްޓްރީން އެ ގޮތަށް ސްޕޯޓްސް މިނިސްޓްރީ އަށް ލަފާދިނީ ގަލޮޅު ދަނޑުގެ އެ ދެ ސިޑިބަރި އަކީ ސަލާމަތީ ގޮތުން ބަލާއިރު ބޭނުންކުރެވޭވަރުގެ ތަނަކަށް ނުވާތީ އެވެ.

ލީގުގެ މެޗުތަކަށް މިހާރު އެފްއޭއެމުން ޓިކެޓް ވިއްކަނީ ގަލޮޅު ދަނޑާ ވީ ފަޅީގެ ސިޑިބަރިންނާއި ގޮނޑިބަރިންނެވެ. ލީގުގެ މެޗުތަކަށް ވަންނަ ޓިކެޓްގެ އަގުތައް އުޅެނީ 10ރ. އާއި 20ރ. ގަ އެވެ.

ފާއިތުވި އަހަރުގައި މެޗު ބަަލަން ދަނޑަށް ހިލޭ ވަދެވޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ފަހަކަށް އައިސް މެޗުތައް ބެލުމަށް ދަނޑަށް ވަދެވެނީ ޓިކެޓް ގަނެގެންނެވެ. އެފްއޭއެމުން މިދިޔަ މާޗް މަހު ފާސްކުރި ބަޖެޓުގައި ޓިކެޓް އާމްދަނީގެ ގޮތުގައި ވަނީ 405،000ރ. ހިމަނައިފަ އެވެެ. އެފްއޭމުން ވަނީ މީގެ ކުރިން ކްލަބްތައް މެދުވެރިކޮށް ސަޕޯޓަރުންނަށް ސީޒަން ޓިކެޓް ވިއްކައިފަ އެވެ. މި ފަހަރު ވެސް ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ކްލަބްތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުގެ މެޗުތައް ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ފ. ނިލަންދޫ ބައްދަލުކުރި މެޗުން ފެށިއިރު، މިއަދު ހަވީރު ކުޅޭނީ ވިކްޓަރީ އާއި ޓީސީ އެވެ. އަދި މިރޭ ޔުނައިޓެޑް ވިކްޓަރީ ނުކުންނާނީ ށ.ފޯކައިދޫއާ ދެކޮޅަށެވެ. ލީގު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭގެ މެޗު ފެށުމުގެ ކުރިންނެވެ. އެފްއޭއެމުން ބުނީ ކުޑަކުދިންގެ ހަރަކާތްތަކަކާއި މިއުޒިކްގެ ބައެއް މިރޭގެ ރަސްމިއްޔާތުގައި އޮންނާނެ ކަމަށެވެ.