15 ޖޫން 2019 - 12:56

ފެނަކަ ކޯޕަރޭޝަންގެ ރަސްމީ ޓުވިޓާ އެކައުންޓުން އެ ކުންފުނީގެ މަސައްކަތުގެ ދާއިރާ ނުގުޅޭ ޓުވީޓެއް ކުރީ އެ އެކައުންޓު ބަލަހައްޓާ މުވައްޒަފު ކަމަށާއި އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.
އެ ކުންފުނީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދައިފަ އެވެ. އެ ޓުވީޓު މިހާރު ވަނީ ޑިލީޓު ކޮށްފަ އެވެ.
މި ޓުވީޓާ ގުޅިގެން ފެނަކަ އިން ރޭ ނެރުނު ނޫސް ބަޔާނެއް ގައި ބުނީ އެ މައްސަލަ ތަހުގީގު ކޮށްފައިވާ ކަމަށެވެ. އަދި އެ ޓުވީޓު ކުރީ، އެ އެކައުންޓު ބަލަހައްޓާ މުވައްޒަފުކަން އެނގޭ ކަމަށް ފެނަކަ އިން ބުނެ އެވެ.
އެ ޓުވީޓު އޭނާ އަށް ކުރެވުނީ އަމިއްލަ އެކައުންޓުން ޓުވީޓު ކުރަން އުޅުމުގެ ތެރޭގައި އޮޅިގެން ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
މި ޓުވީޓާ ގުޅިގެން ފެނަކަ އިން ވަނީ މާފަށް އެދިފަ އެވެ.