ޓޯކޮށްފައިވާ 79 އުޅަނދެއް ނައްތާލައިފި
ޓޯކޮށްފައިވާ 79 އުޅަނދެއް ނައްތާލައިފި

ގަވާއިދާ ޚިލާފު ވެގެން، ފުލުހުން މިހާތަނަށް ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 79 އުޅަނދެއް މިއަދު ނައްތާލައިފި އެވެ.

ޓޯކޮށްފައިވާ 79 އުޅަނދެއް ނައްތާލައިފި
ޓޯކޮށްފައިވާ 79 އުޅަނދެއް ނައްތާލައިފި

ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، އުޅަނދުތައް ނައްތާލަނީ 60 ދުވަހުގެ މުއްދަތެއް ދިނުމުން ވެސް އެއާ ހަވާލުވާނެ ބަޔަކު ނުވުމުން ކަމަށެވެ.

ޓޯކޮށްފައިވާ 79 އުޅަނދެއް ނައްތާލައިފި
ޓޯކޮށްފައިވާ 79 އުޅަނދެއް ނައްތާލައިފި

އޭނާ ވިދާޅުވި ގޮތުގައި، މިއަދު ނައްތާލީ 64 ސައިކަލާއި ހަތަރު ފުރޮޅުލީ 10 އުޅަނދާއި ފަސް ބައިސިކަލެވެ. އަދި އޭގެ ތެރޭގައި ގިނައީ ޕާކިން ޒޯނުތަކުގައި ބަހައްޓާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އުޅަނދުތައް ކަމަށް ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހަތަރު ފުރޮޅުލީ 30 އުޅަނދާއި 200 ސައިކަލް ޓްރެފިކް ޕޮލިހުން އާންމުކޮށް ކޮންމެ މަހަކު ޓޯކުރާ ކަމަށެވެ. އެކަމަކު، އޭގެ ތެރެއިން 95 ޕަސެންޓަށް ވުރެ ގިނަ އުޅަނދު އަނބުރާ ގެންދާ ކަމަށް ސަމީރު ވިދާޅުވި އެވެ.

"ނަމަވެސް މިހާރު އަޅުގަނޑުމެން މި ޓާގެޓް ކުރަނީ މާލޭގެ މަގުތަކުގައި ހުންނަ ގިނަ ދުވަސްވީ އުޅަނދުތަކަށް. އޭގެން ފަސް ޕަސެންޓު އާންމުން ގެންދަނީ. ނުވަދިހަ ފަސް ޕަސެންޓު އަޅުގަނޑުމެން ނައްތާލަނީ،" ސަމީރު ވިދާޅުވި އެވެ.

އުޅަނދުތައް ނައްތާލުމުގެ ބާރު ފުލުހުންނަށް ގާނޫނުން ލިބިދީފައި ވަނީ، އެތަކެތި ޓޯކުރިތާ 60 ދުވަސް ފަހުން ނެވެ. އެކަމަކު، އެ މުއްދަތަށް ވުރެ ގިނަ ދުވަސް ވެފައިވާ އުޅަނދުތައް ވެސް ބައެއް ފަހަރު ނައްތަނުލާ ކަމަށާއި އެތަކެތި ނައްތާލުމުގެ ކުރިން، އެއާ ހަވާލުވާން މީހަކު ދާ ނަމަ އަނބުރާ ދޭ ކަމަށް ސަމީރު ވިދާޅުވި އެވެ.

އެ އުޅަނދުތައް އަނބުރާ ހަވާލުކުރާނީ ގަވާއިދާ ހިލާފަށް ޕާކުކުރުމުން، ޓޯ ކުރަން ނަގާ ޖޫރިމަނާ ސަރުކާރަށް ދެއްކުމުންނެވެ.

ފުރަތަމަ ފަހަރަށް އުޅަނދެއް ޓޯކުރާ ނަމަ ޖޫރިމަނާ ކުރާނީ 250ރ. އިންނެވެ. ނަމަވެސް އެ ކަން ތަކުރާރު ވާ ނަމަ، ޖޫރިމަނާ އިތުރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދެ އެވެ.