ވޮއްމުލި ރިސޯޓުން މުރަކަ އާލާކުރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި
ވޮއްމުލި ރިސޯޓުން މުރަކަ އާލާކުރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓުން ފަށައިފި އެވެ.

"އެޑަޕްޓް އަ ކޮރަލް"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގާމުގައި، ރިސޯޓަށް ދާ ކޮންމެ ޓޫރިސްޓަކަށް މުރަކައެއް އެޑަޕްޓް ކުރެވޭނެ އެވެ. އަދި ކަނޑު އަޑީގައި ހަދާފައިވާ ފްރޭމެއްގައި އެ މީހަކު އެޑަޕްޓް ކުރާ މުރަކަ އިންދުމުގެ ފުރުސަތު ހުރިހާ ޓޫރިސްޓުންނަށް ވެސް ލިބޭނެ ކަމަށް ވޮއްމުލި ރިސޯޓުން ބުނެ އެވެ.

މި ފްރޭމުގައި އިންދާ މުރަކަތައް ފަރުތަކަށް ބަދަލުކުރުމުގެ ކުރިން ކޮންމެ ހަތަރު މަހަކުން އެއް ފަހަރު އެ މުރަކަތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ޓޫރިސްޓުންނަށް ދޭނެ އެވެ. މުރަކަތައް ފަރުތަކަށް ބަދަލު ކުރާނީ 18 މަސް ދުވަސް ފަހުންނެވެ.

މި ޕްރޮގްރާމް މި ފެށީ ރާއްޖޭގެ ފަރުތައް ހަލާކުވަމުން ދިއުމާ ގުޅިގެން ފަރުތައް ހިމާޔަތް ކުރުމަށެވެ.

މިދިޔަ ފަސް އަހަރު ތެރޭގައި، ދުނިޔޭގެ ފަރުތަކުގެ 80 ޕަސެންޓު ވަނީ ހަލާކުވެފަ އެވެ. ފަރުތައް ހަލާކު ވަނީ ކަނޑަށް އަޅާ ޕްލާސްޓިކާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.