"ބަވަތި" ގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި
"ބަވަތި" ގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި

ސެޕްޓެމްބަރު މަހު ސިނަމާ އަށް ގެންނަން ނިންމާފައިވާ ފިލްމު "ބަވަތި" ގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި އެވެ.

ޕާޓީއެއްގެ މަންޒަރުތައް ފެންނަ ލަވަ ކިޔާފައި ވަނީ މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގައި ވާދަކުރި ޖައިޝާ ވަހީދެވެ. އޭނާ ވެސް ލަވަ އިން ފެނެ އެވެ. މިސްޓީގެ މިއުޒިކަށް ލަވައިގެ ޅެން ހަދާފައި ވަނީ "ބަވަތި" ގެ ޑައިރެކްޓަރު އިލްޔާސް ވަހީދެވެ.

އޭނާ އަލަށް ފީޗާ ފިލްމެއްގެ ޑައިރެކްޝަނުން ފިލްމީ ދާއިރާ އަށް ނުކުންނަ އިރު، "ބަވަތި" އަކީ މި އަހަރު ސްކްރީނަށް އަންނަން ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ އެއް ފިލްމު ވެސް މެ އެވެ. މީގެ ލީޑް ރޯލުން ފެނިގެން ދާނީ މިހާރު ކުރިއަރަމުން އަންނަ ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބް އާއި އަލަށް ތައާރަފުވާ އަހުމަދު އިފްނާޒް ފިރާގެވެ.

"ބަވަތި" ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަ އިރު، ފިލްމުގެ ޕްރޮމޯޝަންތަކާ އެކު މިހާތަނަށް ވަނީ މީގެ ޓީޒާއެއް ވެސް ދައްކާލައިފަ އެވެ. ބެލެވޭ ގޮތުން މި ފިލްމަކީ ބިރުވެރި ކަންތައްތަކެއް ވެސް ފެނިގެން ދާނެ ފިލްމެކެވެ.

އިލްޔާސް ކުރިން ބުނެފައިވާ ގޮތުގައި "ބަވަތި" އަކީ ކައިވެނިކޮށްގެން ފިރިމީހާއާ އެކު މާލެ އަށް ދިރިއުޅުން ބަދަލުވާ އަންހެނަކަށް ދިމާވާ ހާދިސާތަކެއް ކިޔައި ދޭނެ ފިލްމެކެވެ.

މި ފިލްމު ސިނަމާ އަށް އަންނާނީ ސެޕްޓެމްބަރު 2 ގަ އެވެ.