ލަމްޕާޑްގެ ޝަރުތުތައް ޗެލްސީ އަށް ހުށަހަޅައިފި
ލަމްޕާޑްގެ ޝަރުތުތައް ޗެލްސީ އަށް ހުށަހަޅައިފި

ލަންޑަން (ޖޫން 15) - ޗެލްސީގެ ކޯޗުކަމާ ހަވާލުވާނީ ވަކި ކަންތައްތަކާ މެދު އެ ކްލަބްގެ މެނޭޖްމަންޓުން އެއްބަސްވާނަމަ ކަމަށް ބުނެ، އެ ޓީމުގެ ކުރީގެ ތަރި އަދި ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑް ޝަރުތުތަކެއް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަމްޕާޑްގެ ޝަރުތުތައް ޗެލްސީ އަށް ހުށަހަޅައިފި
ލަމްޕާޑްގެ ޝަރުތުތައް ޗެލްސީ އަށް ހުށަހަޅައިފި

މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކޯޗުކޮށްދީ އެ ޓީމަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ ދޫކޮށްލަން ޗެލްސީން ވަނީ ބުރާސްފަތި ދުވަހު ނިންމައިފަ އެވެ. ޔުވެންޓަސްއާ ހަވާލުވާނެ ކަމަށް ބެލެވިފައިވާ ސާރީ ޗެލްސީއާ އެކު ހަދާފައި އޮތް އެއްބަސްވުން ހަމަވާން ދެ އަހަރު އެބައޮތެވެ. ޔުވެންޓަސް އަށް ސާރީ ގެންދެވޭނީ ޗެލްސީގެ އެއްބަސްވުން އުވާލަން ފަސް މިލިއަން ޕައުންޑު ދެއްކުމަށް ފަހު އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ލަމްޕާޑް ވަނީ ޗެލްސީއާ އެކު މަޝްވަރާތަކެއް ބާއްވައި އޭނާ ބޭނުންވާ ޝަރުތުތަކެއް ހުށަހަޅައިފަ އެވެ. އެ ގޮތުން ލަމްޕާޑް ބޭނުންވަނީ ޓީމެއް ބިނާކުރަން އޭނާ އަށް ދެ ސީޒަން ދިނުމަށެވެ. އަދި ޒުވާން ކުޅުންތެރިން ކުރިއެރުވުމާއި މުސްތަގުބަލަށް ރަނގަޅު ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގައި ޗެލްސީގެ ބޯޑުގެ އިތުބާރު އޮތްކަން ހާމަކުރުމެވެ. ބެލެވޭ ގޮތުގައި މި ހުށަހެޅުންތަކަކީ ފާއިތުވި އަހަރުތަކުގައި ޗެލްސީން ގިނަ ކޯޗުންތަކެއް ވަކިކޮށްފައިވާތީ އެކަމަށް ބެލުމަށް ފަހު ލަމްޕާޑް ކޮށްފައިވާ ޑިމާންޑެކެވެ.

ލަމްޕާޑް މި ގޮތަށް ހުށަހެޅީ އެންމެ ފަހުން ޗެލްސީގެ ކޯޗުކަން ގެއްލުނު ދެ ކޯޗުންނަށް ވެސް އެކަމާ ކުރިމަތިލީ ކާމިޔާބީ އަކަށް ފަހު އެވެ. މިދިޔަ އަހަރު ޖުލައި މަހު ޗެލްސީގެ ކޯޗުކަމުން އޭރު ހުރި އެންޓޯނިއޯ ކޮންޓޭ ދުރުކުރީ އޭގެ ކުރީ ސީޒަނުގައި އޭނާ އެފްއޭ ކަޕް ކާމިޔާބު ކޮށްދީފައިވަނިކޮށެވެ. އަދި މިހާރު ސާރީ ޗެލްސީއާ ވަކިވާއިރު، އޭނާ ވަނީ އެ ޓީމަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީ އަލުން ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދީފަ އެވެ.

މިދިޔަ އަހަރު މެއި މަހު ޑާބީއާ ހަވާލުވުމުގެ ކުރިން ލަމްޕާޑް ވަނީ ކޯޗިން ކެރިއަރުގައި އެންމެ ބޭނުންވަނީ ޗެލްސީ އަށް އިރުޝާދުދޭން ކަމަށް ބުނެފަ އެވެ. އެކަމަކު ފަހަކަށް އައިސް މީޑީއާގައި ވާހަކަ ދައްކަމުން ލަމްޕާޑް ވަނީ ޗެލްސީ އަށް ކޯޗުކޮށްދޭން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު ޑާބީ އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދޭން ކުރި މަސައްކަތް ލަމްޕާޑަށް ކާމިޔާބުނުވީ ޕްލޭއޮފް ފައިނަލުގައި އެސްޓަން ވިލާ އަތުން ބަލިވުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީގެ ބޯޑުގެ ގިނަ މެމްބަރުން ވަނީ ލަމްޕާޑަށް އެ ޓީމުގެ ކޯޗުކަން ދޭށެވެ. ޑާބީއާ އެކު ލަމްޕާޑް ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު އެ އުވާލާނަމަ ޗެލްސީން ހަތަރު މިލިއަން ޕައުންޑް ދައްކަން ޖެހޭނެ އެވެ. ޗެލްސީގެ ވިސްނުން ހުރީ ސާރީގެ އެއްބަސްވުން އުވާލައިގެން ލިބޭ ފަސް މިލިއަން ޕައުންޑްގެ ތެރެއިން ލަމްޕާޑުގެ ކޮންޓްރެކްޓްގެ އަގު ދެއްކުމަށެވެ.

ޗެލްސީ އަށް 13 އަހަރު ކުޅެދިން މިހާރު އުމުރުން 40 އަހަރުގެ ލަމްޕާޑް ވަނީ އެ ޓީމާ އެކު ބޮޑު 11 މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޭނާ ކެރިއަރުގައި ފަހުން ކުޅުނީ މެންޗެސްޓާ ސިޓީ އަށެވެ.

ޗެލްސީ އަށް ކުރިން ކޯޗުކޮށްދިން ގްލެންޑް ހޮޑްލް ވަނީ ލަމްޕާޑް އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފިނަމަ އެއީ ރަނގަޅު ނިންމުމަކަށްވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ޑެނިސް ވައިސް ބުނީ ކޯޗިންގައި ލަމްޕާޑް އަދި އުޅެނީ ޅަަފަތުގައި ކަމަށާއި އެހެންވެ އަދި އެހާ ޕްރެޝަރު ވަޒީފާ އަކަށް ދިއުން ރަނގަޅު ނޫން ކަމަށެވެ.