07 ސެޕްޓެމްބަރ 2016 - 12:28

އެސްޓީއޯ ޓްރޭޑް ސެންޓަރުގެ މަތިން ވެއްޓި މިއަދު މަރުވީ ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފި އެވެ.
ޓްރޭޑް ސެންޓަރުގެ ހަތަރު ވަނަ ބުރިން ވެއްޓި މަރުވީ މއ. އީނާޒު، މުހައްމަދު ހައިލަމް، 35، އެވެ.
އޭނާ މަރުވީ ވެއްޓިގެންތޯ ނުވަތަ އަމިއްލައަށް ފުންމާލައިގެންތޯ ފުލުހުން އަންނަނީ ބަލަމުންނެވެ. އެތަނުން ހަމައެކަނި ބުނީ އެއީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަަމަށް އާއިލާއިން ބުނާ ކަމަށެވެ.
ޓްރޭޑް ސެންޓަރަށް ހައިލަމް ވަދެގެން އުޅުނީ ކީއްވެގެން ކަމެއް ނުވަތަ އެތަނުގައި ހުރި އެއްވެސް އޮފީހެއްގައި އޭނާ ވަޒީފާ އަދާކުރަމުން އައި ކަމެއް ވެސް އަދި ނޭނގެ އެވެ.
މަންޒަރު ދުށް މީހުން ބުނިގޮތުގައި ހައިލަމް ވެއްޓިފައި އޮތީ ޓްރޭޑް ސެންޓަރުގެ އެތެރޭގައި އޮންނަ، ކުރިން އަލްފްރެސްކޯ ހިންގި ތަނަށެވެ.
ހެނދުނު 7:30 ހާއިރު އެ ހާދިސާގެ ރިޕޯޓު ލިބުމާ އެކު ފުލުހުން އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު ކޮންމެވެސް ވަރަކަށް ވިންދު ހުރި ކަމަށްވެ އެވެ.
"އެކަމަކު ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މަރުވި ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.