ފީފާ ދޫކޮށް ބޮބާން އެނބުރި މިލާނަށް
ފީފާ ދޫކޮށް ބޮބާން އެނބުރި މިލާނަށް

ފީފާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކްރޮއޭޝިއާގެ ވޮނިމިރް ބޮބާން އެ އިދާރާ ދޫކޮށް އޭނާ ކުރިން ކުޅުނު އިޓަލީގެ އޭސީ މިލާނުގެ ޗީފް ފުޓްބޯލް އޮފިސަރުގެ މަގާމާ ހަވާލުވަން ނިންމައިފި އެވެ.

ބޮބާން މިލާނުގައި މަސައްކަތްކުރާނީ، އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރަކަށް މިއަދު ހަމަޖެއްސި ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީގެ ދަށުންނެވެ. ކުރިން ސްޕޯޓިން ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓް ޑިރެކްޓަކަށް މަސައްކަތްކުރި މަލްޑިނީ އަށް ޓެކްނިކަލް ޑިރެކްޓަރުކަންދީ އަދި ބޮބާން އަނބުރާ ގެނައުމުގެ ފަހަތުގައި ހުންނެވީ މިދިޔަ އަހަރު ކްލަބުގެ ސީއީއޯގެ މަގާމާ ހަވާލުވި އާސެނަލްގެ ކުރީގެ ސީއީއޯ އިވާން ގަޒިޑިސް އެވެ.

ފީފާގެ ރައީސްގެ މަގާމާ 2016 ވަނަ އަހަރު ޖިއާނީ އިންފަންޓީނޯ ހަވާލުވެވަޑައިގެން، އެތަނަށް ގެންނެވި ބޮބާން ބުނީ ފީފާ އޭގެ ހައްގު މަގާމަށް ގެނައުމަށް މުހިއްމު ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކުރެވުނީތީ ފަހުރުވެރިވާ ކަމަށެވެ. އޭނާ ވަނީ ފީފާ ކްލަބް ވޯލްޑް ކަޕަށް ބަދަލު ގެނައުމާއި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ބިޑިން މަސައްކަތްތަކާއި އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ ޕްރޮޖެކްޓުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.

"ފީފާ ދޫކޮށްލުމަކީ ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު މި ނިންމުން ނިންމީ ހިތް އެދޭ ގޮތަށް. އޭސީ މިލާނުގެ މީހުންނަކީ އަހަރެންގެ އާއިލާ. އަދި މިލާނާއި އިޓަލީ އަކީ އަހަރެންގެ ގެ. މި ކާމިޔާބު ކްލަބް ހައްގުވެރި މަގާމަށް އަނބުރާ ގެންދިއުމަށް އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ،" ބޮބާން ބުންޏެވެ.

ކްރޮއޭޝިއާ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު ކެޕްޓަންކަންކުރި ބޮބާން ވަނީ 1991-2001 އަށް މިލާނަށް ކުޅެ 1994 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އިޓާލިއަން ލީގު ހަތަރު ފަހަރު ހާސިލްކޮށްފަ އެވެ.

ކާމިޔާބު ދުވަސްތަކަށް ފަހު މިލާން އަޑިއަޅާލީ ކްލަބުގެ ވެރިޔާ ސިލްވިއޯ ބާލުސްކޯނީ ކްލަބަށް ހޭދަކުރެއްވުން ހުއްޓާލެއްވުމުންނެވެ. އޭނާ 2016 ވަނަ އަހަރު ޗައިނާގެ އިންވެސްޓަރަކަށް މިލާން ވިއްކާލެއްވި އެވެ. އެކަމަކު އެ ކްލަބް ގަތުމަށް އިންވެސްޓަރުން، އެމެރިކާގެ އެލިއޮޓުން ނެގި ލޯން އަނބުރާ ދެއްކޭ ގޮތް ނުވުމުން އެލިއޮޓުން މިލާނާ ހަވާލުވީ އެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރު ސީއީއޯ އަކަށް ގަޒިޑިސް ގެނެސް އާ ޕްރޮޖެކްޓެއް ފަށައިފަ އެވެ. މިދިޔަ ސީޒަނުގައި ގަދަ ހަތަރަކަށް އަރައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމާ އެއް ޕޮއިންޓް ގާތަށް މިލާން ދިޔަ އެވެ. އެކަމަކު ސީޒަން ނިންމާލީ ފަސް ވަނައިގައި އޮވެ އެވެ.

މިދިޔަ ސީޒަނުގައި ކްލަބުގެ ސްޕޯޓިން ޑިރެކްޓަރަކަށް މަސައްކަތްކުރި ލެއޮނާޑޯ ވަނީ ޕީއެސްޖީއާ ގުޅިފަ އެވެ. އެއާ އެކު ކްލަބް ޓެކްނިކަލީ ހިންގުމުގެ ޒިންމާ އެޅިފައިވަނީ މަލްޑިނީ އާއި ބޮބާންގެ ކޮނޑުގަ އެވެ.