ނާނާ ޕަޓޭކަރަށް ތަނުޝްރީ ދައްތާ ކުރި ތުހުމަތުން ސަލާމަތްވެއްޖެ
ނާނާ ޕަޓޭކަރަށް ތަނުޝްރީ ދައްތާ ކުރި ތުހުމަތުން ސަލާމަތްވެއްޖެ

ފިލްމުގެ ސެޓެއްގައި ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ، ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ، ފުލުހުންނަށް ހުށަހެޅި އެކްޓަރު ނާނާ ޕަޓޭކަރުގެ މައްސަލާގައި އޭނާގެ ކުށްވެރި ނުވެ ސަލާމަތްވެއްޖެ އެވެ.

މައްސަލަ ތަހުގީގު ކުރި ފުލުހުންގެ ޓީމުން ބުނީ ނާނާ، 68، ގެ މައްޗަށް ތުހުމަތުކޮށް، ހުށަހެޅި މައްސަލާގައި މިހާތަނަށް އެއްވެސް ހެއްކެއް ފެނިފައިވާ ނުވާ ކަމަށެވެ. އެހެންވެ މައްސަލަ ފައިނަލްކޮށްފައިވާ ކަމަށް ބުންޏެވެ.

އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ތަނުޝްރޫ ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ކުރީގެ މިސް އިންޑިއާ ބުނި ގޮތުގައި 2009 ގެ ފިލްމު "ހޯން އޯކޭ ޕްލީޒް" ގެ ލަވައެއްގެ ޝޫޓިން ތެރޭގައި ނާނާ ޕަޓޭކަރް އޭނާގެ ގަޔަށް އަތްލައި، ލަވައިގައި ނުހިމެނޭ ގައިގޯޅި ސްޓެޕްތަކެއް ޖައްސަން މަސައްކަތްކޮށްފައިވެ އެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން ލަވައިގެ ކޮރިއޯގްރާފަރު ގަނޭޝް އަޗަރިއާ އާއި ޑައިރެކްޓަރު ރާކޭޝް ސަރަންގް ކައިރީގައި ޝަކުވާ ވެސް ކުރި ކަމަށާއި އެކަމަކު އެއްވެސް މީހަކު ދިފާއުގައި މަސައްކަތް ނުކޮށްދޭ ކަމަށް ބުންނެވެ.

މި މައްސަލާގައި ތަނޫޝްރީ އަށް "ހޯން އޯކޭ ޕްލީޒް" އިން ދިން ލަވަ ނުކުޅެ، ދޫކޮށްލުމުން އެ ލަވަ ފަހުން ކުޅުނީ ބޮލީވުޑްގެ "ޑްރާމާ ކްއީން" ގެ ގޮތުގައި މަޝްހޫރު ރާކީ ސާވަންތު އެވެ.

ނާނާގެ މައްޗަށް ކުރި ތުހުމުތަކާ އެކު ބޮލީވުޑްގައި މިދިޔަ އަހަރު ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް #މީޓޫ މޫވްމަންޓްގެ ދަށުން އަޑު އުފުލާފައިވެ އެވެ. އަދި ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި އެކްޓަރުންނާއި ލަވަކިޔުން ބޭޒާރުވެފައިވެ އެވެ. ނަމަވެސް އެއިން ވެސް އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ކުށް ސާބިތުވެފައެއް ނުވެ އެވެ.

އަނެއްކޮޅުން ތުހުމަތުތައް ކުރެވުނު ގިނަ ފަންނާނުން މިހާރު ތިބީ ބޮލީވުޑުން މަސައްކަތެއް ނުލިބި އެކަހެރިކޮށްފަ އެވެ.

ނާނާގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭރު އޭނާ ކުޅެމުން ދިޔަ ފިލްމު "ހައުސްފުލް 4" އިން ވެސް ވަނީ ވަކިކޮށްފަ އެވެ. އަންނަ އޮކްޓޯބަރު މަހުގެ 25 ގައި ރިލީޒް ކުރާ އެ ފިލްމުން އޭނާ އަށް ދިން ރޯލުން ފެނިގެން ދާނީ ސައުތުގެ މަޝްހޫރު އެކްޓަރު ރާނާ ދަގޫބަތީ އެވެ.

ނާނާގެ މައްސަލަ ފުލުހުން ފައިލް ކުރުމާ ގުޅިގެން ތަނުޝްރީ ވަނީ ފުލުހުންނަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނީ "ކޮރަޕްޓް ފުލުހުން ތިބޭ ތަނަކުން އިންސާފެއް ނުލިބޭނެ" ކަމަށާއި "އެކަނިމާއެކަނި ވިޔަސް ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެ" ކަމަށެވެ.