އިންޑިއާގެ ޓީ ސީރީޒަށް ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ލިބިއްޖެ
އިންޑިއާގެ ޓީ ސީރީޒަށް ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ލިބިއްޖެ

ޔޫޓިއުބްގައި އެންމެ ފުރަތަމަ 100 މިލިއަން ސަބްސްކްރައިބަރުން ހަމަކުރި ޗެނެލްގެ މަގާމާ އެކު އިންޑިއާގެ ޓީ ސީރީޒަށް ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ލިބިއްޖެ އެވެ.

އެ ރެކޯޑް ލިބުނުކަން ޖިނިސް ވޯލްޑް ރިކޯޑުން އިއުލާންކޮށް، އެކަމާ ބެހޭ ލިޔުންތައް ޓީ ސީރީޒާ ވަނީ ހަވާލުކޮށްފަ އެވެ.

ޓީ ސީރީޒަކީ ދުނިޔޭގެ އެންމެ ގިނަ ލަވަ (މިއުޒިކް) ވެސް ހުރި ޕްލެޓްފޯމަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމު ކުންފުނި ވެސް މެ އެވެ. އަދި ޓީ ސީރީޒްގެ ޔޫޓިއުބް ޗެނަލެކީ އެތަކެއް ހާސް ފިލްމެއްގެ ޓްރެއިލާ ވެސް ހިމެނޭ ޕްލެޓްފޯމެކެވެ. އެ ކުންފުނިން ކޮންމެ އަހަރަކު އެތައް ފިލްމެއް ވެސް ގެނެސް ދެ އެވެ.

ޓީ ސީރީޒަކީ މިހާރު އެ ކުންފުނި ހިންގުމާ ހަވާލުވެ ހުރި ބުޝަން ކުމާރުގެ ބައްޕަ ގުލްޝަން ކުމާރު ޖުލައި، 11، 1983 ގައި ވުޖޫދަށް ގެނައި ކުންފުންޏެވެ. އޭނާވެގެން ގޮސްފައި ވަނީ އިންޑިއާގެ މިއުޒިކް އިންޑަސްޓްރީ އަށް އިންގިބާލެއް ގެނުވި ވަރުގަދަ ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ. އެ ދުވަސްވަރު މިއުޒިިކް އިންޑަސްޓްރީ ތެރޭގައި އޮތް ބޮޑު ވާދަވެރިކަމުގެ ތެރޭގައި ބަޔަކު އަންޑަވޯލްޑްގެ ބަޔަކަށް ފައިސާ ދީގެން އޮގަސްޓް، 12، 1997 ގައި ވަނީ ގުލްޝަން މަރާލައިފަ އެވެ.

އޭނާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް "މޮގުލް" ގެ ނަމުގައި ހަދަން ޓީ ސީރީޒުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ބެލެވޭ ގޮތުން އެ ފިލްމުގައި ގުލްޝަންގެ ރޯލް ކުޅޭނީ އާމިރު ހާނެވެ.

ޓީ ސީރީޒަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނު އިރު، އެންމެ ގިނަ ސަބްސްކްރައިބަރުން ތިބި ޔޫޓިއުބް ޗެނެލްގެ މަގާމު ހޯދަން މި އަހަރުގެ ކުރީކޮޅު ސްވިޑްންގެ ޒުވާން ޔޫޓިއުބާ ޕިއުޑިޕައި ވަނީ ވަރަށް ވަރުގަދަ އެންޓި ކެމްޕޭންތަކެއް ވެސް ހިންގައިފަ އެވެ. ނަމަވެސް އޭނާ ބަލި ކުރުމަށް ފަހު، ޔޫޓިއުބްގެ ރަސްކަން ޓީ ސީރީޒް ހޯދި އިރު، ސަބްސްކްރައިބަރުންގެ އަދަދު މިހާރު 101.9 މިލިއަނަށް އަރަ އެވެ.

ޕިއުޑިޕައިގެ ސަބްސްކްރައިބުންގެ އަދަދަކީ 96.5 މިލިއަނެވެ.