07 ސެޕްޓެމްބަރ 2016 - 11:04

ރިޔާޒް (ސެޕްޓެމްބަރު 7) - އީރާނުގައި އުޅެނީ މުސްލިމުން ނޫން ކަމަށް ވިދާޅުވެ ސައުދީ އަރަބިއާގެ މުފްތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ހައްޖުގެ އަޅުކަމުގެ ކަންތައް ސައުދީ އަރަބިއާ އިން ކުރަމުން ގެންދާ ގޮތް ރަނގަޅު ނޫން ކަމަށް ވިދާޅުވެ އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ ފާޑު ވިދާޅުވިތާ އެއް ދުވަސް ފަހުން މުފްތީ އަބްދުލް އަޒީޒް އާލް ޝެއިޚް ވިދާޅުވީ އީރާނުގައި ތިބީ މަގީ ދަރިކޮޅު މީހުން ކަމަށެވެ. ޝެއިޚް އިޝާރާތް ކުރައްވާފައި ވަނީ އެއް ޒަމާނެއްގައި އީރާނުގައި އޮތް ޒޮރޯސްޓްރިނިޒަމަށެވެ.
ސައުދީ އަރަބިއާގެ ސުންނީ މުސްލިމުންނާއި އީރާނުގެ ޝިއައީ މުސްލިމުންގެ މެދުގައި ބޮޑެތި ތަފާތުތައް ހުރެ އެވެ. ސައުދީ އާބާދީގެ 85-90 ޕަސެންޓަކީ ސުންނީން ކަމަށްވާ އިރު އީރާނުގެ އާބާދީގެ 90-95 ޕަސެންޓަކީ ޝިއައީންނެވެ.
އީރާނުގެ ރޫހީ ލީޑަރު ޚާމަނާއީ ވަނީ ސައުދީ އަށް ފާޑުވިދާޅުވެ އެ ގައުމުން ހައްޖުވެރިން "މަރާ" ކަމަށް ހޯމަ ދުވަހު ތުހުމަތު ކުރައްވައިފަ އެވެ. މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިގެން މީހުން މަރުވި ހާދިސާ އަށް އިޝާރާތް ކުރައްވާ ޚާމަނާއީ ވިދާޅުވީ މަރުވެފައި ތިބި މީހުންނާއި ޒަޚަމްވި މީހުން ސައުދީން ބައިތިއްބައިފައި ތިބީ އެއް ކޮންޓެއިނާއެއްގައި ކަމަށެވެ. އަދި އެ މީހުންނަށް ރަނގަޅު ސިއްހީ ފަރުވާއެއް ނުދިންތާ ކަރުހިއްކުން ފިލުވާލާދީފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރަހުމެއް ނެތް ސައުދީން ވަނީ ހައްޖާޖީން މަރާފައި،" ޚާމަނާއީ ވިދާޅުވި އެވެ.
މިހާ ހަރުކަށި އިބާރާތުން ޚާމަނާއީ ވާހަކަ ދައްކަވާފައި މި ވަނީ މިނާގައި ފިތިގެން 2،426 މީހުން މަރުވި ހާދިސާ އަށް އެއް އަހަރު ފުރުނު ދުވަހު އެވެ. މި ހާދިސާގައި އީރާނުގެ 464 މީހުން ވެސް މަރުވި އެވެ. ނަމަވެސް ސައުދީން ބުނެފައި ވަނީ ފިތިގެން މަރުވެފައި ވަނީ 769 މީހުން ކަމަށެވެ.
ޚާމަނާއީގެ ކޮމެންޓްތަކާ ގުޅިގެން މައްކާ ނޫހަކުން ސުވާލު ކުރުމުން އާލް ޝެއިޚް ވިދާޅުވީ "އީރާނު މީހުންނަކީ މުސްލިމުން ކަމަށް ބަލައިގެން ނުވާނެ" ކަމަށެވެ.
"އެއީ މަގީ ދަރިކޮޅުގެ މީހުން. މުސްލިމުންނަށް އެ މީހުންގެ ހަސަދުވެރިކަން އަބަދުވެސް އޮންނާނެ. ޚާއްސަކޮށް ސުންނީ މުސްލިމުންނަށް،" އާލް ޝެއިޚް ވިދާޅުވި އެވެ.
އީރާނާއި ސައުދީ އަރަބިއާގެ ދީނީ އިސް ލީޑަރުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި މި ވަނީ ދެ ގައުމުން ސިޔާސީ ގުޅުން ކަނޑާލިތާ ނުވަ މަސް ފަހުންނެވެ. ޝިއާއީންގެ އިސް ލީޑަރަކަށް ސައުދީން މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުމުގައި އީރާނުގައި ހުންނަ ސައުދީ އެމްބަސީގައި ބަޔަކު ވަނީ އަލިފާން ޖަހައިފަ އެވެ.
ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމްކޮށްފައި ނެތުމުން އީރާނުން ހައްޖަށް ދާ މީހުންނަށް ވިސާ ދޫރުމުގައި ދަތިތަކެއް ދިމާވުމުން އީރާނުން މި އަހަރު ހައްޖަކަށް މީހުން ނުދެ އެވެ.