18 ޖޫން 2019 - 06:30

ގޭންގްސްޓާރުންގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަން ޑައިރެކްޓަރު ސަންޖޭ ގުޕްތާ ބުނެފައި ވަނިކޮށް، ފިލްމުގެ ނަމާއި ލީޑް ކާސްޓް ވެސް އިއުލާންކޮށްފި އެވެ.
"މުމްބާއީ ސާގާ" ގެ ލީޑް ކާސްޓަކީ ޖޯން އަބްރަމް އާއި އިމްރާން ހާޝިމީ އެވެ. އަދި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ، ޖެކީ ޝްރޮފް، ޕްރަތީކް ބައްބަރު، ގުލްޝަން ގްރޯވާ ރޯނިތު ރޯއި އަދި ޑައިރެކްޓަރު އަމޯލް ގުޕްތޭ ހިމެނެ އެވެ. މި ފިލްމުގެ ފިރިހެން ކާސްޓް އިއުލާންކުރި ނަމަވެސް، ފިލްމުން ފެންނާނެ ބަތަލާއިންނަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ.
މީގެ ކުރިން ވެސް ގޭންގްސްޓާރުންގެ ފިލްމުތަކެއް ސިނަމާ އަށް ގެނެސް ދީފައިވާ ސަންޖޭގެ "މުމްބާއީ ސާގާ" އަކީ 1980 އާއި 1990 ގެ އަހަރުތަކުގައި މުމްބާއީގެ ކުށުގެ ވެށީގެ މާހައުލު އޮތް ގޮތް ކިޔައިދޭނެ ފިލްމެކެވެ. އަދި މި ފިލްމުގައި ބޮމްބޭގެ ނަން މުމްބާއީ އަށް ބަދަލުވެގެން ދިޔަ ގޮތަށް އަލިއަޅުވާނެ އެވެ.
އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ނިންމާފައިވާ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ. އެކަމަކު ޓީ ސީޒީރާއި ސަންޖޭގެ ވައިޓް ފެދާ ފިލްމްސް ގުޅިގެން ގެނެސްދޭ "މުމްބާއީ ސާގާ" ރިލީޒް ކުރާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސަންޖޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2017 ގައި ރިތިކް ރޯޝަނާއި ޔާމީ ގޯތަމް ލީޑް ރޯލް ކުޅުނު އެކްޝަން ތުރިލާ "ކާބިލް" އެވެ.
އޭނާ ކުރިން ގެނެސް ދީފައިވާ ގޭންގްސްޓަރުންގެ ފިލްމުތަކުގެ ތެރޭގައި "ޝޫޓްއައުޓް އެޓް ވަޑާލާ"، "ޝޫޓްއައުޓް އެޓް ލޯކަންދުވާލާ" އަދި "ކާންޓޭ" ހިމެނެ އެވެ.