14 ޖޫން 2019 - 09:13

މެޑްރިޑް (ޖޫން 14) - ރެއާލް މެޑްރިޑަކީ އޭނާގެ ހުވަފެނީ ކްލަބް ކަމަށާއި އެ ޓީމަށް ބަދަލުވެ، ފުޓްބޯޅައިގެ އެންމެ އުހުގައި ގިނަ ތަޖުރިބާތަކެއްކޮށް ތަފާތު ދައްކަން ބޭނުންވާ ކަމަށް ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ބުނެފި އެވެ.

ރެއާލުން ހަޒާޑްގެ ޓްރާންސްފާ ފީ އަކަށް އެންމެ ފުރަަތަމަ 100 މިލިއަން ޔޫރޯ ދައްކާނެ އެވެ. އަދި ބޯނަސްގެ ގޮތުގައި އިތުރު 45 މިލިއަން ޔޫރޯ ދޭން ވަނީ އެއްބަސްވެފަ އެވެ. ޗެލްސީ ދޫކޮށް ހަޒާޑް ރެއާލާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މީގެ 10 އަހަރު ކުރިން ރެއާލުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދިއިރު އޭނާ ތައާރަފްކުރިތަން ބަލާލަން ދަނޑަށް 70،000 ސަޕޯޓަރުން ދިޔަ އެވެ. ރޭ ހަޒާޑަށް މަރުހަބާކިޔަން ދިޔައީ 50،000 ސަޕޯޓަރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސަޕޯޓަރުން ވަނީ ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ވެސް ރެއާލަށް ގެނައުމަށް އަޑުއުފުލައިފަ އެވެ.
ރެއާލް ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މީޑިއާއާ ކުރިމަތިލުމަށް ފަހު ހަޒާޑް ބުނީ މިއީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.
"އަހަންނަކީ ގޭގެ ބަގީޗާގައި ކޮއްކޮ މެންނާ އެކު ބޯޅަ ކުޅެން ފެށިއްސުރެ ރެއާލުގެ ސަޕޯޓަރެއް. ދެން އަހަރެން ފްރާންސްގެ ލިއްލޭ އަށް ދިޔައީ. އެ އަށް ފަހު އިންގްލެންޑްގެ ޗެލްސީ އަށް. އެކަމަކު މިހާރު ރެއާލްގެ ޖޯޒީގައި މި ހުންނައިރު މި ލިބެނީ ހާއްސަ އުފަލެއް. ސީޒަން ފަށަން މި ހުރީ ކެތްމަދުވެފައި،" ހަޒާޑް ބުންޏެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ވެސް ރެއާލުން ވަނީ ހަޒާޑް ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އޭރު ޗެލްސީން ވެސް ހަޒާޑް ދޫކޮށްލަން ބޭނުމެއްނުވި އެވެ. ޗެލްސީން މި އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ހަޒާޑް ބުނީ އޭނާ ރެއާލަށް ބަދަލުވީ ކެރިއަރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައި ގަބޫލުކުރާކަމަށެވެ. އަދި ރެއާލަށް ބަދަލުވުމުގައި އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން މުހިއްމު ރޯލެއް ކުޅުނު ކަމަށް ހަޒާޑް ބުންޏެވެ.
"އެންމެނަށް ވެސް އެނގޭނެ ޒިދާން އަކީ އަހަރެންގެ އައިޑަލް ކަން. ޒިދާން އަކީ ވެސް އަހަރެން މި ޓީމަށް ބަދަލުވާން ބޭނުންވި އެންމެ ބޮޑު އެއް ސަބަބު،" އުމުރުން 28 އަހަރުގެ ހަޒާޑް ބުންޏެވެ.
ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަޒާޑްގެ އިތުރުން ފްރޭންކްފާޓްގެ ލޫކަ ޔޯވިޗް، ޕޯޓޯގެ އެޑާ މިލިޓާއޯ، ލިޔޯނުގެ ފޭލަންޑް މެންޑީ އަދި ބްރެޒިލްގެ އުއްމީދީ ކުޅުންތެރިޔާ ރޮޑްރީގޯ ގެނެސްފަ އެވެ. އެކަމަކު މި ކުޅުންތެރިންގެ ތެރެއިން ވެސް އެންމެ ހާއްސަ ޓްރާންސްފާ "ގަލަކްޓިކޯ" އަކީ ހަޒާޑް ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް ހަޒާޑް އެ ކަމަށް އެއްބަހެއްނުވެ އެވެ.
"އަހަންނަކީ ގަލަކްޓިކޯ އެއް ނޫން. އެކަމަކު އުއްމީދަކީ އެ ހިސާބަށް އަލުން ދިއުން. އަހަރެން ކުރިން ހާސިލްކުރި ހުރިހާ ކަމެއް އެއީ މާޒީ. މި ފަށަނީ ސުމަކުން. ރެއާލަށް ކުޅޭއިރު ހުރިހާ ކުޅުންތެރިންނަކީ ވެސް ތަރިން. މި ޓީމަށް އައީ އާ ޗެލެންޖަކަށް،" ހަޒާޑް ބުންޏެވެ.
ރެއާލަށް ސޮއިކުރީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޯދުމަށް އަމާޒުހިފައިގެން ނޫން ކަމަށާއި ފުރަތަމަ މަސައްކަތްކުރާނީ ރެއާލުގެ މޮޅު ކުޅުންތެރިޔަކަށް ވުމަށް ކަމަށް ހަޒާޑް ބުންޏެވެ. އަދި ރޮނާލްޑޯ ފަދަ ކުޅުންތެރިޔެއް ނެތްތަން ފޫބައްދަން އޭނާ ގެނައި ކަމަށް ދެކެވޭ ވާހަކަތައް އެންމެ ރަނގަޅު ނޫން ކަން ހަޒާޑް ފާހަގަކުރި އެވެ.
ފްރާންސްގެ ލިއްލޭ ދޫކޮށް 2012 ވަނަ އަހަރު ހަޒާޑް ޗެލްސީ އަށް ސޮއިކުރީ 40 މިލިއަން ޑޮލަރަށެވެ. އެ ޓީމަށް ކުޅެދިން 352 މެޗުން ހަޒާޑް ވަނީ ހަ ތަށި ހޯދައިފަ އެވެ. ޗެލްސީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ސީޒަނެއްގައި ހޯދާފައިވާއިރު، ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ވަނީ ހޯދައިފަ އެެވެ. މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ޕްލޭމޭކަރުގެ އެވޯޑް ހޯދީ ވެސް ހަޒާޑް އެވެ.