13 ޖޫން 2019 - 23:31

އައްޑޫގައި މަތީ ތައުލީމު ދޭން ޝައުގުވެރިވާ އިންސްޓިޓިއުޝަންތަކަށް ބިން ދޫކުރަން ކައުންސިލުން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ އައްޑޫގެ ތަރައްގީގެ ޕްލޭނުގައިވާ ތައުލީމީ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އިންސްޓިޓިއުޝަންތައް ގާއިމުކުރަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރަން ނިންމީ އެޕްރީލް، 29، 2019 ގައި ބޭއްވި ކައުންސިލްގެ 91 ވަނަ ބައްދަލުވުމުގައި ކަމަށެވެ.
އެގޮތުން ތިން ކެޓަގަރީއަކަށް ބިން ދޫކުރަން ވަނީ ނިންމައިފަ އެވެ. އެއީ 5،000 އަކަފޫޓްގެ ދެ ބިން، 10،000 އަކަފޫޓްގެ އެއް ބިން އަދި 25،000 އަކަފޫޓްގެ އެއް ބިމެވެ. ނަމަވެސް ބިން ދޫކުރަނީ ކޮން ސަރަހައްދުތަކަކުން ކަމެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.
ކައުންސިލުން ބުނީ މި ބިންތަކުގައި މަތީ ތައުލީމު ދޭ އިންސްޓިޓިއުޝަންތައް ގާއިމު ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ މި މަހުގެ 17-23 އަށް ކަމަށެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 300ރ. އެވެ.
އަދި ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.
ކައުންސިލުން މިފަދަ ފުރުސަތެއް މި ހުޅުވައިލީ ވިލާ ކޮލެޖުން ހިތަދޫގައި ހިންގާ ކެމްޕަހަށް، އެ އަވަށުން ބޮޑު ބިމެއް ދޭން ނިންމާފައިވާ ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.
ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ވެސް ހިންގަމުން އަންނަ އައްޑޫގައި މަތީ ތައުލީމު ދޭ ޕްރައިވެޓް ތަންތަނުގެ ތެރޭގައި ވިލާ ކޮލެޖްގެ އިތުރުން މައި ކޮލެޖް ހިމެނެ އެވެ.