15 ޖޫން 2019 - 07:54

އުސޫލުތަކާ ހިލާފަށް ވަޓްސްއެޕް ބޭނުންކުރާ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕުން ބުނި ގޮތުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް، އެ އެޕްގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅަން ފަށާނީ އަންނަ ޑިސެމްބަރު
މަހުގެ 7 އިން ފެށިގެންނެވެ.
މި ފިޔަވަޅަކީ ވަަޓްސްއެޕް ބޭނުންކުރާ 1.5 ބިލިއަން މީހުންގެ ހައްގުގައި ކުރާ ކަމެއް ކަމަށް ބުންޏެވެ.
"ވަޓްސްއެޕަކީ އެ ބޭނުން ކުރާ ހުރިހާ މީހުންނަށް ވެސް ފަސޭހަކަމާ އެކު ބޭނުން ކުރެވޭ އަދި ރައްކާތެރިކަން ކަށަވަރުވެފައި އޮންނަ ހިދުމަތަކަށްވުމަކީ އަހަރެމެންގެ އެންމެ ބޮޑަށް ކަށަވަރު ކުރަން ބޭނުންވާ އެއް ކަންތައް،" ވަޓްސްއެޕުން ބުންޏެވެ. "ވަޓްސްއެޕް ބޭނުން ކުރަން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ހިލާފަށް އަމަލު ކުރާ ވަކިވަކި ފަރުދުންނާއި ކުންފުނިތަކާ ދޭތެރޭ ވެސް ގާނޫނީ ފިޔަވަޅު އަޅާނެ. މި އެޕަކީ ބަލްކް މެސެޖިން އަށް ވުރެ ބޮޑަށް ޕްރައިވެޓް މެސެޖިން އަށް ހާއްސަ އެއްޗެއް. އެހެންވީމާ ޔޫޒަރުން ޖެހޭނެ އެ އުސޫލު ހިފަހައްޓަން."
ވަޓްސްއެޕުން ބުނީ މިހާރު ވެސް މިންގަނޑުތަކާ ހިލާފުވެގެން މަހެއްގެ މައްޗަށް އެވްރެޖްކޮށް ދެ މިލިއަން ވަޓްސްއެޕް އެކައުންޓް ބަންދު ކުރަން ޖެހޭ ކަމަށެވެ.
ދެހާސް ނުވައެއްގައި ވުޖޫދަށް އައި މި އެޕް ފޭސްބުކަށް ވިއްކައިލީ 2014 ގަ އެވެ.