އީދަށް ފުރާ މީހުން ގިނަވެ، ޑޮލަރު ހޯދަން ބާރު ބޮޑުވެއްޖެ
އީދަށް ފުރާ މީހުން ގިނަވެ، ޑޮލަރު ހޯދަން ބާރު ބޮޑުވެއްޖެ

މި ފަހަރުގެ ބޮޑު އީދަށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަދަދު ގިނަވެ، ޑޮލަރު ހޯދަން ބާރު ބޮޑުވެއްޖެ އެވެ.

އީދަށް ފުރާ މީހުން ގިނަވެ، ޑޮލަރު ހޯދަން ބާރު ބޮޑުވެއްޖެ
އީދަށް ފުރާ މީހުން ގިނަވެ، ޑޮލަރު ހޯދަން ބާރު ބޮޑުވެއްޖެ

އީދު ބަންދު ފެށެން ދެ ދުވަހަށް ވެފައިވާ އިރު، މިއަދު ވެސް ބީއެމްއެލްގެ ބާޒާރު ބްރާންޗު ދޮށުގައި ގިނަ ބަޔަކު، ޓިކެޓާއި ޕާސްޕޯޓު ހިފައިގެން ކިއު ހަދާފައި ތިއްބެވެ. ހެނދުނު 8:30 ގައި ބޭންކު ހުޅުވުމުގެ އެތައް އިރެއް ކުރިން އުމުރުން ދުވަސްވީ މީހުންން ވެސް ކިއޫ ޖެހިގެން ތިބި އިރު، މި ކިއު ބީއެމްއެލް އަށް ވަންނަ ދޮރުން ފެށިގެން އެ ތަނުގެ ފުރަގަހަށް އޮންނަ މަގަށް ދެމިގެން ގޮސްފައި އޮތެވެ.

އީދަށް ފުރާ މީހުން ގިނަވެ، ޑޮލަރު ހޯދަން ބާރު ބޮޑުވެއްޖެ
އީދަށް ފުރާ މީހުން ގިނަވެ، ޑޮލަރު ހޯދަން ބާރު ބޮޑުވެއްޖެ

އެ ތަނުގައި ޑޮލަރު ގަންނަން ކިއޫ ޖެހުނު މުހައްމަދު އަސްލަމް ބުނި ގޮތުގައި އޭނާ ޑޮލަރު ގަންނަނީ އާއިލާއާ އެކު އީދު ބަންދުގައި ލަންކާ އަށް ދިއުމަށެވެ. ހަ މީހުން ހިމެނޭ އެ އާއިލާގެ އެންމެން އަންނަ ހުކުރު ދުވަހު ފުރާއިރު، ޖުމްލަ 4،000 އެއްހާ ޑޮލަރު ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު، ހަ ޓިކެޓަށް ބޭންކުން ލިބޭނީ 3،000 ޑޮލަރު ކަމުން ބާކީ ބައި ގަންނަން ޖެހެނީ ކަޅު ބާޒާރުންނެވެ.

"ރޭގައި ގަނެފިން 1،000 ޑޮލަރު، 17.20ގެ ރޭޓުން. ކިތަންމެ އަގު ބޮޑު ވިޔަސް އެ ނޫން ގޮތަކަށް ނެތް ލިބޭކަށް،" އަސްލަމް ބުންޏެވެ.

ބީއެމްއެލް އިން ޑޮލަރު ވިއްކަނީ ހަމައެކަނި ބާޒާރު ބްރާންޗުންނެވެ. ކޮންމެ ޓިކެޓަކަށް 500 ޑޮލަރުގެ މަގުން ވިއްކާ އިރު، ޑޮލަރު ގަންނަން ދާން ޖެހެނީ ދަތުރުކުރާ މީހާ އެވެ. ގިނަ ބަޔަކު ހިމެނޭ ގުރޫޕެއް ނަމަ، ދަތުރު ކުރާ ކޮންމެ ވެސް އެކަކު ދިއުމުން ފުދެ އެވެ.

ބީއެމްއެލްގެ އިތުރުން ދަތުރުވެރިންނަށް ޑޮލަރު ވިއްކާ އެހެން ބޭންކުތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވެސް މި ހަފުތާގެ މިހާތަނަށް ގިނަ އަދަދެއްގެ ޑޮލަރު ވިއްކާފައިވެ އެވެ. ނަމަވެސް، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ދަތުރުވެރިންނަށް ވިއްކުމަށް އެ ތަނަށް ދިން ޑޮލަރު ހުސްވުމުން، އިތުރަށް ނުވިއްކާ ކަމަށް އެ ބޭންކުގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އެކަމަކު، އިތުރަށް ޑޮލަރު ލިބިއްޖިއްޔާ މިއަދާއި މާދަމާ ވެސް ވިއްކާނަން،" އޭނާ ވިދާޅުވި އެވެ.

އެމްއައިބީން ވެސް ޑޮލަރު ވިއްކަނީ ކޮންމެ ޓިިކެޓަކަށް 500 ޑޮލަރުގެ މަގުންނެވެ.

އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓު، 15.42 އަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް ބޭނުންވާ ވަރަށް ބޭންކުތަކުން ޑޮލަރު ނުލިބޭތީ ވަރަށް ގިނަ ފަހަރު ވިޔަފާރިވެރިން ވެސް ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުުންނެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 17.50ރ. އަށް ވުރެ ވެސް މައްޗަށް ގޮސްފަ އެވެ.

މީގެ އިތުރުން، އީދު އަދި ސްކޫލް ބަންދާއި ހައްޖު މޫސުމާ ގުޅިގެން ކޮންމެ ފަހަރަކު ވެސް ބޭންކުތަކުގެ ދޮށުގައި ޑޮލަރު ގަންނަން ދިގު ކިއޫތަކެއް ހަދަ އެވެ. އެކަމަކު، ބޭނުންވާ އަދަދަށް ޑޮލަރު ނުލިބޭތީ ކަޅު ބާޒާރުގައި ވެސް ޑޮލަރުގެ އަގު ބޮޑުވެ އެވެ.