ރޭލަކަށް ވިހޭ ކުއްޖަކަށް، 25 އަހަރު ވަންދެން ހިލޭ ދަތުރު
ރޭލަކަށް ވިހޭ ކުއްޖަކަށް، 25 އަހަރު ވަންދެން ހިލޭ ދަތުރު

އަޔަލެންޑްގެ ރޭލު ދަތުރެއްގެ މަތީގައި ވިހޭ ކުއްޖަކަށް 25 އަހަރު ވަންދެން ހިލޭ ރޭލު ދަތުރު ދޭން ނިންމައިފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ގައުމުގެ ސިޓީއެއް ކަމަށްވާ ގަލްވޭ އިން ވެރިރަށް ޑަބްލިން އަށް ރޭލުގައި ކުރި ދަތުރު މަތީގައި ކުއްލި ގޮތަކަށް އަންހެނަކު ވަނީ ވިހައިފަ އެވެ. ނަސީބު ދިމާކުރި އަންހެން މީހާ ދަތުރު ކުރި އިއަންރޮޑް އެއިރީން (އައިރިޝް ރެއިލް) ގައި ޑޮކްޓަރަކާއި ދެ ނަރުހަކު ވެސް ތިއްބެވެ. އެހެންވެ ދަތުރު މަތީގައި ވިހަން ޖެހުނަސް، މާ ބޮޑު ކޮމްޕްލިކޭޝަނަކާ ވެސް ކުރި މައްޗެއް ނުވެ އެވެ.

އަންހެން މީހާ އާއި ވިހޭ އަންހެން ދަރިފުޅުގެ ހާލު ވެސް ރަނގަޅެވެ. އަދި ޑަބްލިން އަށް ދެވުމުން އެތަނުގެ ހޮސްޕިޓަލެއްގައި ބާއްވައިގެން ފަރުވާ ވެސް ދިނެވެ.

އުފާވެރި ހަބަރަކީ ރޭލަށް ވިހޭ ކުއްޖާ އަށް އައިރިޝް ރެއިލް އިން ހިލޭ ދަތުރު ދޭން ނިންމުމެވެ. އެތަނުން ބުނީ އެ ކުއްޖާގެ އުމުރުން 25 އަހަރު ވަންދެން އެ ރޭލުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

"އަހަރެން ވަރަށް އުފާ ކުރަން ކަސްޓަމަރަށް [އަންހެން މީހާ އަށް] އެއްވެސް މައްސަލައެއް ދިމާނުވެ ވިހެއުމުގައި އެހީތެރިވެ ދިން ޑޮކްޓަރާއި ނަރުހުންގެ އިތުރުން އެކަމުގައި އަހަރެމެންގެ ސްޓާފަތަކުން ވެސް ހަރަކާތްތެރިވީތީ،" އައިރިޝް ރެއިލް ތަރުޖަމާން އެ ގައުމުގެ ރަސްމީ މީޑިއާ އާރްޓީއީ އަށް ވިދާޅުވި އެވެ. "އަންހެން މީހާ ރޭލުގެ ފާހާނާ ތެރޭގައި ވިހަން ތައްޔާރުވެ، އެ ވޭނުގައި އޮވެ ލެވި ހަޅޭކުގެ އަޑަށް އަހަރެމެންގެ ސްޓާފަކު ދޮރު ހުޅުވައިގެން ވަނީ. އޭގެ ފަހުން ޑޮކްޓަރާއި ނަރުހުންގެ އެހީތެރިކަން ވަރަށް ރަނގަޅަަށް ލިބުނު."

އެ ހާދިސާއާ ބެހޭ ގޮތުން އަންހެން މީހާ ވިއްސުމުގައި ހަރަކާތްތެރި ޑރ. އެލަން ޑެވައިން ވިދާޅުވި ގޮތުގައި އަންހެން މީހާ ވިއްސުމުގައި ދެ ނަރުހުން ކުރި މަސައްކަތަކީ ފާހަގަ ކުރަން ޖެހޭ ވަރުގެ ކަމެކެވެ.

"އަހަންނަށް އެޓެންޑް ކުރެވުނީ ތަންކޮޅެއް ލަސްވި ފަހުން. އެކަމަކު ނަރުހުން ވަނީ ވަރަށް ފުރިހަމަ އަށް އަންހެން މީހާ އަށް އެހީތެރިވެ ދީފައި،" އޭނާ ވިދާޅުވި އެވެ.