13 ޖޫން 2019 - 18:49

ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ގެންދިއުމަށް ޖޭއެސްސީގައި އޭނާ މިއަދު އެދިވަޑައިގެންފި އެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން އިސްގާޒީ ހަސަން އިއްޔެ އިން ފެށިގެން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
އެކަމާ ގުޅިގެން އިސްގާޒީ ހަސަންގެ ވަކީލް ޖޭއެސްސީއަށް މިއަދު ފޮނުވި ސިޓީގައިވަނީ އިސްގާޒީ ހަސަން އަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ފަނޑިޔާރު ކަމުގައި ހޭދަވި 10 އަހަރުގެ މުއްދަތުގައި ސުލޫކީ މައްސަލައެއް ދުވަހަކު ވެސް ދިމާވެފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައަކީ ކޯޓުގެ މުވައްޒަފުންތަކެއް ގާނޫނާ ޚިލާފަށް ކުރަމުންދިޔަ ކަންތައްތަކަކާ ގުޅިގެން އޭނާއާ މެދު އެހެން މިސްރާބަކަށް ކަންކަން ގެންދިއުމަށް ކުރެވުނު ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ. އެހެންވެ އެ މައްސަލާގެ މައުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ޖޭއެސްސީން ބަލަމުންދާ އެ މައްސަލާގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލަން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އަޅުގަނޑުގެ މުވައްކިލުގެ މައްޗަށް ހުށަހެޅިފައިވާ ޝަކުވާގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ބޭނުންވާތީ އެކަން އަޅުގަނޑުގެ މުވައްކިލުގެ ފަރާތުން ހުށަހެޅީމެވެ." ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ފޮނުއްވާފައިވާ އެ ސިޓީގައިވެ އެވެ.
އެ ސިޓީގައިވަނީ އިސް ގާޒީ ހަސަން ސަސްޕެންޑްކުރީ އެ މައްސަލަ ރިވިއުކޮށް ދިނުމަށް މިދިޔަ މަހުގެ ފަހުކޮޅު ޖޭއެސްސީގައި އެދިފައި ވަނިކޮށް އަދި ޖޭއެސްސީއަށް އަލަށް އައްޔަން ކުރެވުނު މެމްބަރުންނަށް އެކަން އެންގުމެއް ނެތި ކަމަށެވެ. އެހެންވެ، އެ މައްސަލަ ރިވިއު ކުރުމުގެ މައްސަލަ ކޮމިޝަންގައި އެޖެންޑާ ކޮށް ދިނުމަށް އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ޖޭއެސްސީން ބެލި މައްސަލައަކާ ގުޅިގެން އިސް ގާޒީ ހަސަން ކުރިން ވެސް ސަސްޕެންޑްކުރި އެވެ. އެ މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު ފަހުން ވަނީ ސަސްޕެންޝަން އުވާލައިފަ އެވެ.
އިސްގާޒީ ހަސަންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ސަސްޕެންޑް ކުރަން ވެސް ޖޭއެސްސީން އިއްޔެ ނިންމި އެވެ. އެކަމަކު ސުޕްރީމް ކޯޓުން މިއަދު ވަނީ ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ހުއްޓުވައި، އެކަމުގައި އިތުރު ފިޔަވަޅެއް ނާޅަން ޖޭއެސްސީގެ މައްޗަށް އަމުރުކޮށްފަ އެވެ.