އއ. ރަށެއްގައި ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި
އއ. ރަށެއްގައި ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

އއ. އަތޮޅުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް 58 އަހަރުގެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހާ މި ހައްޔަރުކުރީ، އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ފުލުހުން އިއްޔެ ބުނެފައި ވަނީ އެ މީހާ ހައްޔަރު ނުކުރެވި ލަސްވީ، އޭގެ ކުރިން ހޯދަންޖެހޭ ޑޮކިއުމެންޓުތަކެއް ނުލިބި ދިގުލައިގެންދާތީ އެވެ.

ފުލުހުން ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލާ ކަމަކަށް ވާތީ، އަނިޔާ ލިބޭ ކުދިންގެ މައުލޫމާތު އާންމު ނުކުރާ ކަމަށެވެ. އެހެންވެ މި ކުއްޖާ ވެސް ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

ބައްޕަގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭތީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު އަމިއްލަ އަށް ފުލުސް ސްޓޭޝަނަށް ގޮސް އިއްޔެ މައްސަލަ ހުށަހެޅިއިރު، އެ ކުއްޖާ އަށް ވެސް އެހެން ބައެއްގެ ފަރާތުން ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައުލޫމާތު ތަހުގީގުގެ ތެރޭގައި އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.