ބެޑްމިންޓަން ޓީމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް
ބެޑްމިންޓަން ޓީމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް

ދެކުނު ކޮރެއާގެ ގައުމީ ބެޑްމިންޓަން ޓީމަށް 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި އިރުޝާދުދިން ކޯޗު ސުން ހަން ކުކްގެ ބެލުމުގެ ދަށުން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމު އަންނަ މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރީތައް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.

ބެޑްމިންޓަން ޓީމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް
ބެޑްމިންޓަން ޓީމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް

އަންނަ މަހު 19 ގައި މޮރިޝަސްގައި ފަށާ އައިއޯއައިޖީ އަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިން ބެޑްމިންޓަނުން ތައްޔާރީތައް ކުރިއަށްގެންދިޔައީ އިންޑިއާގެ ދެ ކޯޗުން ކަމަށްވާ ނިޝާންތު ކައުތޭކަރު އާއި އަބްދުﷲގެ ބެލުމުގެ ދަށުންނެވެ. އެކަމަކު މިހާރު ކުރިއަށްދާ މޮރިޝަސް ބެޑްމިންޓަން މުބާރާތުގެ ފަހުން ކޯޗު ކުކް ޓީމާ ހަވާލުވާނެ އެވެ.

ބީއޭއެމްގެ ރައީސް މޫސާ ނާޝިދު "މިހާރަ"ށް ވިދާޅުވީ އައިއޯއައިޖީން ރަން މެޑަލެއް ގެންނަން ބެޑްމިންޓަނުން ކުރާ މަސައްކަތަށް އެހީވުމަށް ފެންވަރު ރަނގަޅު ކޯޗެއް ލިބިގެންދިއުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

"ގާތްގަނޑަކަށް އެއް މަސް ނޫނީ 45 ދުވަހުގެ ޓްރެއިނިންތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައި މި އޮތީ. ކޮރެއާ ކޯޗު އަންނާނީ ކުޅުންތެރިން ވެސް ގޮވައިގެން. އެހެންވީމަ ރަނގަޅު މެޗުތަކެއް ވެސް ލިބޭނެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނަށް ތަމްރީންތައް ދޭން ގެންނަ އެންމެ ފެންވަރު ރަނގަޅު ކޯޗު،" ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ މޫސަ ވިދާޅުވި އެވެ.

ބީއޭއެމުން އެންމެ ފުރަތަމަ ނިންމީ އައިއޯއައިޖީގެ ކުރިން އިންޑިއާ އާއި ތައިލެންޑްގައި ޓްރެއިނިން ކޭމްޕް ޖެހުމަށެވެ. އެކަމަކު ކުޅުންތެރިން ވީއްލުމުގައި ހުރި ދަތިތަކެއްގެ ސަބަބުން އެކަން ކުރެވޭގޮތް ނުވުމުން މާލޭގައި ފެންވަރު ރަނގަޅު ޓްރެއިނިންތަކެއް ކުރިއަށްގެންދެވޭނެ ގޮތެއް ހޯދީ އެވެ.

މޫސަ ވިދާޅުވީ މިހާރު އޮތް ޕްލޭނާ އެއްގޮތަށް ގޮސްފިނަމަ ކުޅުންތެރިން އައިއޯއައިޖީ އަށް ދާނީ ވަރަށް ރަނގަޅު ހާލަތެއްގައި ތިބެ ކަމަށެވެ.

"ޓްރެއިނިން ކޭމްޕެއްގައި ހުރިހާ ކުޅުންތެރިންނަށް ނުދެވޭނެތީ އެގޮތަށް ނުދިޔައީ. އޭގެ ބަދަލުގައި ކޮރެއާ ކޯޗާ އެކު މާލޭގައި ރަނގަޅު ޓްރެއިނިންތަކެއް ކުރިއަށްގެންދެވޭނެ. ހުރިހާ ކުޅުންތެރިންނަށް ފަސޭހަގޮތެއް ހޯދީ. ދެން ޝެޑިއުލް އޮތްގޮތުން ޓްރެއިނިންގެ ފަހު ދެ ހަފްތާގައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ކޭމްޕް ކުރުމުގެ ވިސްނުން އެބަހުރި. އެކަމަކު އެއީ ހާލަތު ތަންދޭނަމަ،" މޫސަ ވިދާޅުވި އެވެ.

މި އަހަރު ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ވަނީ މާލޭގައި އިންޑިއާގެ ޓޮސް އެކެޑަމީ ކުޅުންތެރިންނާ އެކު ވެސް މެޗުތަކެއް ކުޅެފަ އެވެ.

މި ވަގުތު ގައުމީ ބެޑްމިންޓަން ޓީމުން އަންނަނީ މޮރިޝަސްގައި ކުރިއަށްދާ އިންޓަނޭޝަނަލް ސީރީސްގައި ވާދަކުރަމުންނެވެ. އެ މުބާރާތުގައި ވާދަކުރުމަށް ފަހު މި މަހު 17 ވަނަ ދުވަހު އެނބުރި މާލެ އަންނާނެ އެވެ. އެ އަށް ފަހު ޓްރެއިނިންތައް ކުރިއަށްގެންދާނީ ކުކްގެ ބެލުމުގެ ދަށުންނެވެ. އަދި ކޯޗު ނިޝާންތާއި އަބްދުﷲ ވެސް ބައިވެރިވާނެ އެވެ. އައިއޯއައިޖީ އަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 18 ވަނަ ދުވަހު އެވެ.

ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލި ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފް އަންނަނީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ނަމުގައި މުބާރާތްތަކުގައި ވާދަކުރަން ފަށައިފަ އެވެ. އެ ކްލަބުން މޮރިޝަސް މުބާރާތުގައި ކުޅެމުން އަންނައިރު އެ މުބާރާތުގައި ވާދަކުރަނީ ޒަޔާންގެ އިތުރުން ރިޝްވާން ޝިޔާމް އެވެ.

މޮރިޝަސް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ އަންހެން ސިންގަލްސް ބައިގައި މިއަދު އައިމިނަތު ނަބާހާ އާއި ނީލާ ނަޖީބު ވާދަކުރާނެ އެވެ. އަދި ފިރިހެން ސިންގަލްސް ބައިގައި ޒަޔާން ނުކުންނާނީ އެމެރިކާގެ ވިންސަން ޗިއުއާ ދެކޮޅަށެވެ. ސިންގަލްސް ބައިގައި ވާދަކުރި ރާއްޖޭގެ އެހެން ކުޅުންތެރިން ވަނީ އިއްޔެ ކުޅުނު ކޮލިފައިން ބުރުގައި ބަލިވެ، މުބާރާތާ ވަކިވެފަ އެވެ.