15 ޖޫން 2019 - 21:59

އިގްތިސާދީ ގޮތުން ބޭރު ގައުމުުތަކުގެ ބައިވެރިވުން ހޯދުމަށްޓަކައި ސަރުކާރުން ބާއްވާ ޕާޓްނާޝިޕް ފޯރަމުގައި ބައިވެރިވާ ގައުމުތަކުގެ ވަފުދުތައް އަންނަން ފަށައިފި އެވެ.

މި ފޯރަމުގައި 100 އަށް ވުރެ ގިނަ ވަފުދު ބައިވެރިވާއިރު ބައެއް ވަފުދުތަކުގެ މީހުން ވަނީ މިރޭ ރާއްޖެ އައިސްފަ އެވެ. މާދަމާ ވެސް ވަފުދުތައް އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި މަހުގެ 17-18 ގައި ބާއްވާ މި ފޯރަމް އިފްތިތާހުކޮށް ދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި، މީގެ ފޯރަމްތައް ބޭއްވުން ހިމެނޭއިރު މި ފޯރަމްގެ ޝިއާރަކީ "އިންވެސްޓިން އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" އެވެ.
ރާއްޖޭއާ ރަހުމަތްތެރި ގައުމުތައް ގުޅިގެން ބާއްވާ މި ފޯރަމުގައި މި ސަރުކާރުގެ ""ޖަޒީރާ ރާއްޖެ" ތަސައްވުރާއި ތަރައްގީގެ އެޖެންޑާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ރާއްޖެ އަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީގޮތުން އެހީތެރިކަން ހޯދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން މި ފޯރަމުގައި އެކި ގައުމުތަކާއެކު ތަފާތު އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ފޯރަމުގައި ސަރުކާރުގެ ތަރައްގީގެ ތަސައްވުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާނީ ދައުލަތުގެ ވަޒީރުންނެވެ. އެގޮތުން މައުލޫމާތު ދިނުމަށް ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ވަނީ ރާވައިފަ އެވެ.
- މާލީ އަދި އިގްތިސާދީ ދާއިރާ
- ނޫ އިގްތިސާދު
- އިޖްތިމާއީ ދާއިރާ
- އިދާރާތައް ހިންގުމާއި އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުން
- ޕްރައިވެޓް ސެކްޓާއާ ގުޅިގެން ގައުމު ތަރައްގީ ކުރެވޭނެ ގޮތްތައް