ފިރިމީހާގެ "83" އިން ދީޕިކާ އަށް 14 ކްރޯޑް ރުޕީސް
ފިރިމީހާގެ "83" އިން ދީޕިކާ އަށް 14 ކްރޯޑް ރުޕީސް

ކައިވެންޏަށް ފަހު ފިރިމީހާ ރަންވީރު ސިންގްއާ އެކު ކުޅޭ ފުރަތަމަ ފިލްމު "83" އަށް ބަތަލާ ދީޕިކާ ސޮއިކުރީ 14 ކްރޯޑް ރުޕީސް (2,016,560 ޑޮލަރު) އަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސިވިލާތުގައި މިހާރު ޝޫޓް ކުރަމުން އަންނަ، ޑައިރެކްޓަރު ކަބީރު ހާންގެ ކްރިކެޓް ފިލްމުން ދީޕިކާ ފެނިގެން ދާނީ ވެސް ރަންވީރުގެ އަނބިމީހާގެ ރޯލުންނެވެ.

އިންޑިއާ އިން 1983 ގައި ކާމިޔާބުކުރި ކްރިކެޓް ވޯލްޑް ކަޕަށް ބިނާކޮށް ހަދާ "83" ގައި ރަންވީރު ކުޅެނީ އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ. އެހެންވެ ދީޕިކާ ފެނިގެން ދާނީ އޭނާގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލުންނެވެ. ނަމަވެސް އެއީ "83" ގެ ވަރަށް ކުރު ރޯލެކެވެ.

ފިލްމަށް އެއްބަސްވުމާ ބެހޭ ގޮތުން ދީޕިކާ ބުނީ ރަންވީރުގެ އަންހެނުންގެ ރޯލް ކުޅެން ކަބީރު އޭނާ އަށް ހުށަހެޅުމަކީ ވެސް ބޮޑު އުފަލެއް ކަމަށެވެ. އަދި ފިލްމަށް ސޮއިކުރިކަން ރަސްމީކޮށް އިއުލާން ނުކޮށް މަޑުކުރީ ރަނގަޅު ވަގުތަކަށް މަޑުކުރަން ބޭނުންވުމުން ކަމަށް ބުންޏެވެ.

ދީޕިކާ "83" އަށް ސޮއިކުރިކަން ކަށަވަރުކޮށް ދިނީ މި ހަފުތާގެ ތެރޭގަ އެވެ. އަދި ރަންވީރު ވަނީ ފިލްމުގައި އޭނާގެ އަންހެނުންގެ ރޯލް ކުޅެން ދީޕިކާ އަށް ވުރެ ކަމުދާނީ ވަކި ކާކުތޯ ވެސް ޓްވިޓާގައި ސުވާލުކޮށްފަ އެވެ.

އެ ފިލްމަށް 14 ކްރޯޑަށް ދީޕިކާ އެއްބަސްވި އިރު، އޭނާއަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އަގެއް ވެސް ލިބޭ އެއް ބަތަލާ އެވެ. އެގޮތުން މިދިޔަ އަހަރު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދުމާވަތު" ދީޕިކާ ކުޅުނީ 13 ކްރޯޑް ރުޕީސްއަށެވެ.

ކައިވެންޏަށް ފަހު ރަންވީރާއި ދީޕިކާ އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމު "83" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް 10 ގަ އެވެ. އޭގެ ކުރިން އަންނަ އަހަރުގެ ޖެނުއަރީ 10 ގައި ދީޕިކާގެ "ޗަޕާކް" ސިނަމާތަކަށް އަންނާނެ އެވެ.