14 ޖޫން 2019 - 09:17

ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 14) - ބާރަ އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ތަށި ހޯދުމުގެ އަޒުމުގައި ބްރެޒިލުން މިރޭ އެ ގައުމުގައި ފަށާ ކޮޕާ އެމެރިކާގެ ފުރަތަމަ މެޗުގައި ބޮލިވިއާއާ ދެކޮޅަށް ނުކުންނައިރު، ޓީމުގެ ތަރި ނޭމާ އަނިޔާގައި ހުރުމުން އެޓޭކް ލީޑުކުރާނީ ފިލިއްޕޭ ކުޓީނިއޯ ކަމަށް ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފި އެވެ.
ގަތަރާ ދެކޮޅަށް މި މަހު ފަސް ވަނަ ދުވަހު ކުޅުނު މެޗުގައި ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ކޮޕަ އެމެރިކާގައި ނުކުޅެވޭނެ އެވެ. ނޭމާގެ ބަދަލުގައި ބްރެޒިލް ސްކޮޑަށް ނެގީ ޗެލްސީގެ ވިންގް ވިލިއަން އެވެ.
ބްރެޒިލް އެޓޭކުގައި މި ފަހަރުގެ މުބާރާތުގައި ކުޅޭ ސްކޮޑަށް ބަލާއިރު ތިބީ ނިސްބަތުން ޒުވާން ކުޅުންތެރިންނެވެ. ރަޝިއާގައި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގައި ބްރެޒިލްގެ ކެޕްޓަންކަން ކުރި ސިލްވާ ބުނީ ކުޓީނިއޯ އަށް އޮތް ޒިންމާ ބޮޑު ކަމަށެވެ.
"އެންމެ އެކުގައި ޓީމެއްގެ ގޮތުގައި ކުޅުން މީގެ އެންމެ މުހިއްމީ. ބާސެލޯނާއާ އެކު ކުޓީނިއޯ އުނދަގޫ ސީޒަނެއް ނިންމާލި ނަމަވެސް ގައުމީ ޓީމުގައި އޭނާ ތަފާތު ދައްކާ. އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ވެސް އެކަން ފެނިއްޖެ. އަހަރެމެންގެ އެޓޭކް ލީޑުކުރުމުގެ ޒިންމާ އޮތީ ކުޓީނިއޯ އަށް،" ޕީއެސްޖީ އަށް ކުޅެމުން އަންނަ ސިލްވާ ބުންޏެވެ.
މިދިޔަ އަހަރު ވެސް ނޭމާ އަށް އަނިޔާވުމުން ކުޓީނިއޯ ވަނީ ޓީމުގެ އެޓޭކް ލީޑުކޮށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ފޯމު ދަމަހައްޓައި ވޯލްޑް ކަޕްގައި ވެސް މޮޅަށް ކުޅުނެވެ. ސިލްވާ ބުނީ އެންމެ ފަހުން ބްރެޒިލް ކުޅުނު މެޗުތަކުގައި ކުޓީނިއޯގެ ފަރާތުން ފެނިގެންދިޔައީ އުއްމީދީ ކުޅުމެއް ކަމަށެވެ.
ބްރެޒިލްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ކުޓީނިއޯ ބުނީ މިއީ ކްލަބް ލެވެލްގައި އޭނާ އަށް އެންމެ މޮޅު ކުޅުމެއް ނުދެއްކުނު އަހަރެއް ކަމަށާއި ބޭނުންވަނީ ގައުމީ ޓީމާ އެކު ކާމިޔާބެއް ހޯދުމަށް ކަމަށެވެ.
ބްރެޒިލުން އެންމެ ފަހުން ކޮޕަ އެމެރިކާ ކާމިޔާބުކުރީ 2007 ވަނަ އަހަރު އެވެ. ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ނޭމާ ނުލައި ވެސް އެ މުބާރާތް ބްރެޒިލަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"މެސީ އާއި ރޮނާލްޑޯ ނަގާފައި ނޭމާއާ އަޅާކިޔޭނެ ކުޅުންތެރިޔަކަށް ހުރީ ހަޒާޑް. ނޭމާގެ އެޑްވާންޓޭޖަކީ އޭނާގެ ސްޕީޑް. އެ ފެންވަރުގެ ކުޅުންތެރިއެއް އަހަރެމެންނަށް މި ގެއްލުނީ. އެކަމަކު މި ކަންތައްތައް މިހެން ހުއްޓަސް ބްރެޒިލަކީ ހުނަރުގެ ގޮތުން މުއްސަނދި ޓީމެއް. އަހަރެމެންގެ އަމާޒަށް ވާސިލްވެވޭނެ،" ޓީޓޭ ބުންޏެވެ.
ނޭމާގެ އަނިޔާގެ މައްސަލައިގެ ކުރިން ބްރެޒިލުން ވަނީ އަހުލާގީ މައްސަލަތަކެއްގެ ސަބަބުން އޭނާ އަތުން ކެޕްޓަން ބޭންޑް ނަގައި ޑެނިއަލް އަލްވޭސް އަށް ދީފަ އެވެ. އޭގެ ފަހުން މިދިޔަ މަހު ފްރާންސްގެ ޕެރިހުގައި ބްރެޒިލްގެ އަންހެނެއް ރޭޕްކުރި ކަމަށް ބުނެ، ނޭމާއާ ދެކޮޅަށް މައްސަލަ ހުށަހެޅުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ބްރެޒިލް ޓީމަށް އަމާޒުވި އެވެ. ރޭޕްގެ ތުހުމަތަށް ނޭމާ ދެކޮޅު ހެދި ނަމަވެސް ޕޮލިހުން އަންނަނީ އެ އަންހެން މީހާ ހުށަހެޅި ވީޑިއޯތަކެއް ބަލައި އެ މައްސަލަ ބަލަމުންނެވެ.
ކޮޕާ އެމެރިކާގެ ފުރަތަމަ މެޗުގައި ބްރެޒިލާއި ބޮލިވިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ފަތިހު 5:30 ގަ އެވެ.