ވިކްޓްރީ މި ސީޒަނުގައި ފެންނާނެ!
ވިކްޓްރީ މި ސީޒަނުގައި ފެންނާނެ!

ވިކްޓްރީ ސްޕޯޓްސް ކްލަބުން މި ސީޒަނުގައި ވާދަކުރުމަށް ނަގަން ޖެހޭ އޭއެފްސީ ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކޮށްފި އެވެ.

އެ ޓީމަށް ލައިސަންސް ނުލިބި ސީޒަނުގައި ނުކުޅެވިދާނެ ކަމުގެ ބިރުހީވީ މިދިޔަ ސީޒަނުގައި ކުޅުނު ބައެއް ކުޅުންތެރިން ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން އެ ކުޅުންތެރިން އެފްއޭއެމް އަށް މައްސަލަ ހުށަހަޅާފައި އޮތުމުންނެވެ.

އެކަމަކު ވިކްޓްރީން ވަނީ ހޯމަ ދުވަހު ފައިސާ ހަމަކޮށްފަ އެވެ. އަދި އިއްޔެގެ ނިޔަލަށް އެ ފައިސާތައް ކުޅުންތެރިންނަށްދީ އަދި އިދާރީ ހުރިހާ ކަމެއް ފުރިހަމަކޮށްފަ އެވެ. ވިކްޓްރީން ކުޅުންތެރިންނަށް ދިނީ ނުދީ ހުރި ފައިސާގެ 50 ޕަސެންޓެވެ. އެއާ އެކު ކުޅުންތެރިން ވަނީ އެފްއޭއެމް އަށް ހުށަހެޅި މައްސަލަތައް އަނބުރާ ނަގައިފަ އެވެ. ބާކީ ފައިސާ ހަމަޖައްސާނީ ޑޭޓެޑް ޗެކަކުންނެވެ.

ވިކްޓްރީން ބުނީ އެ ކްލަބުގެ އިދާރީ ޓީމުގެ ބުރަ މަސައްކަތާއި އެ ކްލަބުގެ އެންމެ ބޮޑު އެއް ސްޕޮންސަރުގެ މާލީ އެހީތެރިކަމާ އެކު، އޭއެފްސީ ކްލަބް ލައިސަންސް ނެގުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެފްއޭއެމްގެ މި ފަހަރުގެ ގަވާއިދުގައިވާ ގޮތުން ލީގުގައި ވާދަކުރެވޭނީ އޭއެފްސީ ކްލަބް ލައިސަންސް ލިބޭ ޓީމުތަކަށެވެ. ވޭތުވެދިޔަ އަހަރުގެ ކުޅުންތެރިންގެ މުސާރަ ހަމަނުޖެއްސޭނަމަ ކްލަބް ލައިސަންސްގެ ކަންތައްތައް ފުރިހަމަނުވާނެ އެވެ. ލައިސަންސް ހޯދުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ކަންކަން ނިންމަން އެންމެ ފަހުން އެފްއޭއެމުން ދިން މުއްދަތު އަންގާރަ ދުވަހަށް ހަމަވި ނަމަވެސް އެފްއޭއެމުން ވިކްޓްރީ އަށް އިތުރު ފުރުސަތެއް ދިނެވެ.

ވިކްޓްރީގެ ވާދަވެރި ނިއު ރޭޑިއަންޓް އަންނަ ސީޒަނުގައި ނުފެންނާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެ ޓީމަށް ފުރުސަތު ގެއްލުނީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ދިން ސަސްޕެންޝަން ދަމަހައްޓަން ކޮންގްރެސް އިން ނިންމާފައިވާތީވެ އެވެ. އެ ފައިސާތައް ދައްކައި މި ސީޒަނުގައި ވާދަކުރެވޭތޯ ކްލަބުން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. އެހެންވެ މި އަހަރު މަސައްކަތްކުރާނީ އެ ފައިސާ ދެއްކުމަށް ފަހު އަންނަ އަހަރަށް ޓީމެއް ނެރެން ކަމަށް ނިއު އިން ވަނީ ބުނެފަ އެވެ.

މި ސީޒަނުގެ ލީގު ފަށާނީ މާދަމާރޭ ފ. ނިލަންދޫ އާއި ދަ ގްރާންޑޭ ކުޅޭ މެޗުންނެވެ.