ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ބާހްބަލީ" އިން ވިދައިލި އެކްޓަރު ޕްރަބާސްގެ އާ ފިލްމު "ސާހޯ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ޕްރަބާސް އާއި ބަތަލާ ޝްރަދާ ކަޕޫރްގެ ލޯބީގެ މަންޒަރަކުން ފެށިގެން އަންނަ ޓީޒާ ބޮޑަށް ބޮޑަށް ބިނާކޮށްފައި އޮތީ ވަރުގަދަ އެކްޝަން މަންޒަރުތަކަށެވެ. ސުޖީތު ޑައިރެކްޓްކޮށްފައިވާ "ސާހޯ" އަކީ ޒަމާނީ އެކްޝަން ތުރިލާއެކެވެ.

ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކަށް ވާނީ ވެސް ނޭވާ ހިފަހައްޓައިލަން ޖެހޭ ކަހަލަ ތަޅާފޮޅުމުގެ މަންޒަރުތައް ފިލްމުގައި ހިމެނެ އެވެ.

އަންނަ އޮގަސްޓް މަހުގެ 15 ގައި ރިލީޒްކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ނީލް ނިތިން މުކޭޝް، ޖެކީ ޝްރޮފް، އެވެލީން ޝަރުމާ، ޗަންކީ ޕާންޑޭ އަދި މަންދިރާ ބޭދީ ފަދަ ތަރިން ހިމެނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސާހޯ" އަކީ 300 ކްރޯޑް ރުޕީސް (43 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. މި ފިލްމުން ތިން ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުންނެވެ.

އޮގަސްޓް މަހު އޮސްޓްރޭލިއާގައި ބާއްވާ 10 ވަނަ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި އެކްޓަރު ޝާހްރުކް ހާން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ފިލްމުތަކަށް އަބަދު ވެސް ބޮޑު ތަރުހީބެއް އޮންނަ އޮސްޓްރޭލިއާގައި ބާއްވާ ފެސްޓިވަލް މި އަހަރު ކުރިއަށް ދާނީ އޮގަސްޓް މަހުގެ 8-17 އަށެވެ. މި ފެސްޓިވަލަކީ އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ވިކްޓޯރިއާގެ ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވާ ފެސްޓިވަލެކެވެ.

އައިއެފްއެފްއެމްގައި ކޮންމެ އަހަރަކު ވެސް ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިއަކު ބައިވެރިވެ އެވެ. މި އަހަރަކީ ވެސް ފޯރިގަދަ އަހަރަކަށް ވާނެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒް ކުރި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމު "ޕިންކް" ގެ ތަމަޅަ ފިލްމު "ނާކޮންޑާ ޕާރްވާއީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ކޯޓް ރޫމެއްގެ ކުރިއަށްދާ ޝަރީއަތެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމުގައި އަމީތާބް ކުޅުނު ވަކީލްގެ ރޯލް ތަމަޅަ ފިލްމުގައި ކުޅެފައި ވަނީ މަޝްހޫރު ތަމަޅަ އެކްޓަރު އަޖިތު ކުމާރެވެ. ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ވިދިޔާ ބާލަން ވެސް ހިމެނެ އެވެ.

އެޗް ވިނޯތު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝްރަދާ ސްރީނާތު، "ޕިންކް" ގެ ކާސްޓްގައި ވެސް ހިމެނޭ އެންޑްރިއާ ޓެރިއަންގް، އަބިރާމީ ވެންކަޓަޗަލަމް އަދި އަރުޖުން ޗިދަންބަރަން ހިމެނެ އެވެ.

"ނާކޮންޑާ ޕާރްވާއީ" ރިލީޒް ކުރާނީ އަންނަ އޮގަސްޓް މަހުގެ 10 ގަ އެވެ.

އަޖޭ ދޭވްގަން އާއި ލަވް ރަންޖަން އަދި ޓީ ސީރީޒް ގުޅިގެން ހަދާ ކޮމެޑީ ފިލްމު "ތުއްރަމް ހާން" ގެ ޝޫޓިން ނިންމާލައިފި އެވެ.

ހެންސެލް މެހެތާ ޑައިރެކްޓް ކުރާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ އެވެ. މިއީ 2010 ހައި ރިލީޒް ކުރި "ލަވް ސެކްސް އޯރް ދޯކާ" އަށް ފަހު މި ޖޯޑު އެކީގައި ފެނިގެން ދާނެ ދެވަނަ ފިލްމެވެ.

ރާޖް މީގެ ކުރިން ވެސް ވަނީ ހެންސެލްއާ ވަރަށް ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2012 ގެ ފިލްމު "ޝާހިދު" ހިމެނެ އެވެ. އަދި ސިޓީ ލައިޓްސް (2014) އާއި އަލީގަޅު (2015) ގައި ވެސް ދެ މީހުން އެކީގައި މަސައްކަތްކޮށްފައިވެ އެވެ.

"ތުއްރަމް ހާން" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެެވެ.