09 ސެޕްޓެމްބަރ 2016 - 07:42

މިއީ ފްރާންސްގެ އެންމެ ފުރަތަމަ މުސްލިމް މިނިސްޓަރުގެ ގޮތުގައި އެންމެންނަށް އެނގުނު ނަޒާތު ވަލާއުދު ބަލްކަސިމް އެވެ. އުމުރުން 36 އަހަރުގައި 2014 ވަނަ އަހަރު އޭނާ އަށް ފްރާންސްގެ ވިމެން މިނިސްޓަރުކަން ލިބިވަޑައިގެން ނަމަވެސް އޭރު އެއީ މުސްލިމެއް ކަމަށް ބުނާ ވާހަކަ ނޫނީ މާބޮޑަށް މީޑިއާގައި ދެކެވިފައެއް ނުވެ އެވެ. މީޑިއާ އިން ބުނާ ގޮތުގައި މިއީ "ނަމެއްގައި މުސްލިމް" ބޭފުޅެކެވެ. ދީނީ ކަންކަމަށް ސަމާލުކަމެއް ނުދެއްވަ އެވެ. އެކަމަކު ހަށިގަނޑު ނިވާވާ ގޮތަށް "ބުރްކިނީ" އެޅުން ފްރާންސްގެ ބައެއް ހިސާބުތަކުގައި މަނާކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް ބަލްކަސިމް ވަކާލާތުކުރައްވަން ފެއްޓެވުމާ އެކު އޭނާގެ މާޒީގެ ޝައުގުވެރި ވާހަކައެއް މީޑިއާގައި ތިލަވި އެވެ.

ގަދަކަމުން ބުރްކިނީ އެޅުވުން އަދި ބުރްކިނީ އެޅުން މަނާކުރުމަށް ވެސް ވަލާއުދު ބަލްކަސިމް ދެކޮޅެވެ.

ބަލްކަސިމް ޝައުގުވެރީ އޭނާގެ ފިކުރުގެ ސަބަބަކުން ނޫނެވެ. އޭނާގެ މާޒީ އާއި މިހާރު އޭނާ ހުންނެވި ހިސާބު އަޅާކިޔާލުމުންނެވެ.

ބަލްކަސިމް އުފަންވެ ވަޑައިގަތީ މޮރޮކޯގެ ރަށްފުށުގެ އަވަށެއްގަ އެވެ. ބަލްކަސިމްއާ އެއްބަނޑު ހަތް ކުދިން ތިބެ އެވެ. އޭނާ އަކީ ދެ ވަނަ ދަރިފުޅެވެ. އުމުރުން ހަތަރު އަހަރު ވަންދެން އުޅުއްވީ އަވަށުގެ ފަރުބަދަތައް ހިމެނޭ ދަނޑުވެރި ހިސާބުގަ އެވެ. އުމުރުން ހަގު ނަމަވެސް ގެރިބަކަރިއަށް ކާން ދިނުމާއި އެސޮރުމެން ބެލެހެއްޓުމުގެ މަސައްކަތް ކުރެއްވި އެވެ.

ވަލާއުދު ބަލްކަސިމްގެ ބައްޕަ އަކީ އޭރު ފްރާންސްގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހެކެވެ. އުމުރުން ހަތަރު އަހަރުގައި ވަލާއުދު ބަލްކަސިމް އޭނާއާ އެއްބަނޑު އެހެން އަންހެން ކުއްޖަކާއި މަންމައާ އެކު ބައްޕަ ގާތަށް ފްރާންސަށް ހިޖުރަކުރި އެވެ.
ވަލާއުދު ބަލްކަސިމް ކުޑައިރު ވެސް ސިޔާސީ ކަންކަމަށް ހުންނަ ޝައުގުވެރިކަމާ އެކު މަސައްކަތް ކުރައްވާފައި ވަނީ އެ އަމާޒަށެވެ. ކޮންމެވެސް ދުވަހަކުން ވަޒީރަކަށް ވުމުގެ އުންމީދު އޮވެ އެވެ. މި ހުވަފެން ހަގީގަތަކަށް ވުމަށް މެދުވެރިވީ ސިޔާސީ ދާއިރާއިން ކިޔަވަން ސްކޫލުން ސްކޮލަޝިޕެއް ލިބުމުންނެވެ. ޕެރިސް އިންސްޓްޓިއުޓް އޮފް ޕޮލިޓިކަލް ސްޓަޑީޒްގައި ކިޔަވާވިދާޅުވެ 2002 ވަނަ އަހަރު އުމުރުން 26 އަހަރުގައި ގުރެޖުއޭޓްވި އެވެ.
ކިޔަވާވިދާޅުވުމަށް ފަހު ސޯޝަލިސްޓް ޕާޓީއާ ގުޅިވައިގެންނެވި އެވެ. ކައިވެންޏަށް، އެއްމާބަނޑު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ވެސް ލިބިވަޑައިގެންފައިވާ ވަލާއުދު ބަލްކަސިމް އަށް ވިމެން މިނިސްޓަރުކަން ލިބިވަޑައިގެންފަހުން އޭނާގެ ސިޔާސީ ދަތުރު ދަނީ ބާރަށް ކުރިއަށެވެ. މިހާރު އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި ވަލާއުދު ބަލްކަސިމްގެ އެންމެ ކުޑައިރުގެ ދުވަސްތައް ހޭދަކުރެއްވީ ތައުލީމު ހާސިލްކުރެވެން ނެތް ފަގީރު އަވަށެއްގަ އެވެ. އެތަނުގައި ކަރަންޓެއް އަދި އެހެން އަސާސީ ވަސީލަތްތަކެއް ވެސް ނުހުރެ އެވެ.
ފްރާންސަށް ހިޖުރަކުރި މީހަކަށް އެ ގައުމުގެ މުހިންމު ސިޔާސީ މަގާމަކަށް އާދެވުނު ގޮތް އެއީ ނަމޫނާއެއްގެ ގޮތުގައި އެތައް ބަޔަކު ސިފަކުރެ އެވެ. މިއި އުންމީދެއް އޮވެގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެ ކަމުގެ މިސާލެކެވެ.