"އޫބާ އީޓްސް" ދެން އަންނާނީ އުދުހިފައި
"އޫބާ އީޓްސް" ދެން އަންނާނީ އުދުހިފައި

އެމެރިކާގެ ކުންފުނި އޫބާ ބޮޑަށް މަޝްހޫރުވެފައި ވަނީ ޓެކްސީ ހިދުމަތް ދޭ ކުންފުންޏެއްގެ ގޮތުގަ އެވެ. އެގޮތުން 2023 އިން ފެށިގެން އެ ކުންފުނިން އުދުހޭ ޓެކްސީ ތައާރަފު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން 2014 އިން ފެށިގެން "އޫބާ އީޓްސް" ގެ ނަމުގައި ދެމުން އަންނަ، ރެސްޓޯރަންޓްތަކުގެ ކެއުންތައް ޑެލިވަރީކޮށް ދޭ ހިދުމަތަށް ވެސް ބޮޑު ބަދަލެއް ގެންނަން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އެއީ ޑްރޯންގެ އެހީގައި ދޭ ޑެލިވަރީގެ ހިދުމަތުންނެވެ. މިކަމުގެ ރަސްމީ ހުއްދަ އެ ކުންފުންޏަށް މިހާރު ލިބިފައިވާ އިރު، އޫބާ އިން ކުރި ޓްވީޓެއްގައި ބުނީ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ކުރިއަށް އޮތް ހޫނު މޫސުމުގައި އޫބާގެ ޑްރޯލް ޑެލިވަރީގެ ހިދުމަތް ފަށާނެ އެވެ.

މިކަން އިއުލާންކޮށްފައި ވަނީ މިހާރު ކުރިއަށްދާ އޫބާ އިލެވޭޓް ސަމިޓް ތެރޭގަ އެވެ.

އޫބާ އިން ބުނީ ޑްރޯން ޑެލިވަރީގެ ހިދުމަތް އެންމެ ފުރަތަމަ ފަށާނީ އެމެރިކާގެ ސެން ޑިއޭގޯ އިން ކަމަށެވެ.

އޫބާ އިލެވޭޓްގެ އޮޕަރޭޝަންސް ހެޑް ލޫކް ފިޝާ ވިދާޅުވި ގޮތުގައި ސެން ޑިއޭގޯ ސްޓޭޓް ޔުނިވަސިޓީއާ ގުޅިގެން ފަށާ ހިދުމަތުގެ ތެރެއިން ފުރަތަމަ ކަސްޓަމަރުންނަށް ފޯރުކޮށް ދޭނީ މަޝްހޫރު މެކްޑޮނަލްގެ އޯޑަރުތަކެވެ. އަދި މި އަހަރުގެ ފަހުކޮޅުގައި އިތުރު ރެސްޓޯރަންޓްތަކާ އެކު އެއްބަސްވުން ހަދާނެ އެވެ.

"މި ހިދުމަތް ފަށަން އަހަރެމެން ތައްޔާރުވަމުން އަންނަނީ އެފްއޭއޭ [ފެޑެރެލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން] ގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު،" ލޫކް ވިދާޅުވި އެވެ. "އޫބާގެ ހިދުމަތް ސެން ޑިއޯގައި ފެށުމަށް ފަހު، ހިދުމަތް ވީހާ ވެސް ބޮޑަށް ފުޅާ ކުރުން އަމާޒަކީ. ބޭނުން ވަނީ ކަސްޓަމަރުންގެ ފޯނުން ފިތާލެވޭ ބަޓަނަކާ އެކު އަވަސް އަދި ފަސޭހަ ހިދުމަތެއް ދިނުން."