15 ޖޫން 2019 - 07:57

ދުނިޔޭގެ ގައުމުތަކުން މިހާރު ކޮންމެ ކަމެއް ކުރިޔަސް ބަރޯސާ ވަނީ ޓެކްނޮލޮޖީއަށެވެ. ޓެކްސީގެ ހިދުމަތާއި ޑެލިވަރީ ހިދުމަތް ފަދަ ކަންކަމަށް ބޮޑު އިންގިލާބެއް އަންނަން ދެން މާ ގިނަ ދުވަހެއް ވެސް ނުނަގާނެ އެވެ. އުދުހޭ ޓެކްސީތަކާއި ޑެލީވަރީގެ ހިދުމަތްދޭ ޑްރޯންތަކާއި ރޮބޮޓްތައް މަސައްކަތްތައް ވެސް މިހާރު އޮތީ ޓެސްޓް ކުރުމުގެ މަރުލަހަލާގެ ތެރޭގަ އެވެ.

ރެސްޓޯރަންޓްތަކުގެ ކެއުންތައް ޑެލިވަރީކޮށް ދިނުމުގެ ހިދުމަތްދޭ އިންޑިއާގެ ކުންފުނި ޒޮމޭޓޯ ވެސް މާ ލަހެއް ނުވެ ޑްރޯން ބޭނުންކޮށްގެން ޑެލިވަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފާނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ ހަފުތާގައި ހައިބްރިޑް ޑްރޯނެއްގެ އެހީގައި ޑެލިވަރީގެ ހިދުމަތް ވަނީ ޓެސްޓްކޮށްފަ އެވެ. އަދި 5 ކިލޯމީޓަރުގެ ރާސްތާކަށް ދަތުރުކޮށްގެން ފޯރުކޮށް ދޭން ޖެހޭ ޑެލިވަރީ ޑްރޯންގެ އެހީގައި 10 މިނިޓްގެ ތެރޭގައި ފޯރުކޮށް ދެވުނު ކަމަށް ބުންޏެވެ.
އެކަމަކު އެ ޑެލިވަރީ ކުރިއަށް ގެންދިޔަ ތަނެއް ޒޮމޭޓޯ އިން ހިއްސާއެއް ކުރެ އެވެ. ނަމަވެސް ޓެސްޓް ދަތުރުގެ ވީޑިއޯކޮޅެއް ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.
އެ ކުންފުނިން މުޅިން އަލަށް ޑެލިވަރީ އަށް ޑްރޯން ޓެސްޓް ކުރީ ޑިރެކްޓަރޭޓް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވެސް އެ ފުރުސަތު އޮތްކަން މިދިޔަ މަހުގެ 13 ވަނަ ދުވަހު އިއުލާންކޮށްފައި ވަނިކޮށެވެ.
ޖީސީއޭ އިން ބުނީ ބިޔޯންޑް ވިޝުއަލް ލައިން އޮފް ސައިޓް އޮޕަރޭޝަންސް (ބީވީއެލްއޯއެސް) އާއި ރިމޯޓްލީ ޕައިލެޓެޑް އެއާކްރާފްޓް ސިސްޓަމް (އާރްޕީއޭސް) ނުވަތަ އަންމޭންޑް އެއާކްރާފްޓް ސިސްޓަމް (ޔޫއޭއެސް) މެދުވެރިކޮށް ހިދުމަތް ދޭން ބޭނުންވާ ކުންފުނިތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއީ) ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ޒޮމޭޓޯގެ ބާނީ އަދި ސީއީއޯ ދީޕިިންދަރު ގޯޔަލް އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ވިދާޅުވީ ޑެލިވަރީގެ މުސްތަގުބަލު މިހާރު ގުޅިފައި ވަނީ ޑްރޯންއާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޑެލިވަރީ އަށް ނަގާ ވަގުތު ކުޑަކުރަން އެއަށް ވުރެ ރަނގަޅު ގޮތެއް މިހާރަކު ނެތް. އަނެއްކާ މަގުތަކުގެ ތޮއްޖެހުން ބޮޑުކަމުން އެއްގަމު ވެހިކަލްތަކުގައި ފާސްޓް ޑެލިވަރީއަކީ ވާނެ ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ. "މިހާރު ޑެލިވަރީއަކަށް ބައިގަޑި އިރު ނުވަތަ ފަނަރަ މިނިޓް ނެގުމަކީ ވެސް ހަމަ ވަރަށް ބޮޑު ޑިލޭއެއް."
ދީޕިންދަރު ވިދާޅުވީ ޑެލިވަރީ އަށް ކާމިޔާބުކަމާ އެކު ޑްރޯން ޓެސްޓްކޮށްފައިވާ، އެ ހިދުމަތް ޒޮމޭޓޯ އިން ދިނުމަކީ މުސްތަގުބަލުގެ އަމާޒެއް ކަމަށެވެ.
"އެކަހަލަ ޕްލޭންތަކެއްގެ ތެރޭގައި އަހަރެމެން އުޅޭތާ ވެސް ދުވަސްތަކެއްވެއްޖެ،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މިއީ ހަމައެކަނި ހުވަފެނެއްގެ ގޮތުގައި އޮންނާނެ ކަމެއް ކަމަކަށް ވުރެ ބޮޑަށް ކުރެވޭ އުންމީދުތައް ފޮނި."