13 ޖޫން 2019 - 10:37

ރައްޔިތުންގެ މަޖިލިހުން ސަރުކާރު ހިންގަން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ޖޫން 29، 2010 ގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓުގެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމަކީ ސިޔާސީ ގޮތުން ރާއްޖެ ދުށް އެންމެ ބޮޑު އެއް މައްސަލަ އެވެ. ރައީސް ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ފިޔަވައި ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވި އެއް ސަބަބަކީ އިދިކޮޅު ޑީއާރުޕީ އާއި ޕީއޭގެ މެމްބަރުން ކޮންޓްރޯލް ކުރަމުން ދިޔަ މަޖިލިހުން ސަރުކާރަށް އުނދަގޫކުރުމެވެ.

ވަޒީރުންގެ ކުއްލި އިސްތިއުފާއަށް ފަހު އެ ބޭފުޅުން އަލުން މަގާމާ ހަވާލުުވެވަޑައިގަތުމުން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ޖެހޭތޯ ނުވަތަ ނޫންތޯ ސުވާލު އުފެއްދި އެވެ. ސަރުކާރުން ގަބޫލުކުރީ ރައްޔިތުންގެ މަޖިލިހުގެ ރުހުމަކީ ރަމްޒީ ކަމެއް ކަމަށެވެ. އަދި އޭރުގެ ރައްޔިތުންގެ މަޖިލިހުން އަލުން ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން އެ ބޭފުޅުންނާ އިންޓަވިއުކޮށް، އެއީ ގާބިލް ބައެއްތޯ ބަލަން ގަވާއިދުގައި ހިމެނި އެވެ. މި ހުރިހާ ކަމަކަށް ހައްލު ހޯދަން، އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރި އެވެ. ސަރުކާރުގެ ނިންމުން ސުޕްރީމް ކޯޓުގައި ދިފާއުކުރެއްވީ މިހާރުގެ ބަންޑާރަނައިބު އަދި އޭރު ސޮލިސިޓަ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އޮކްޓޯބަރު 28، 2010 ގައި ނެރުނު ހުކުމްގައި ވަނީ މަޖިލިހުގެ ގަވައިދުގައި ބުނާ މާއްދާ އަށް އަމަލު ކުރުމަކީ ގާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ ދުސްތޫރީ އުސޫލާއި ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރާއި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލިހަށް ލިބޭ ބާރު ބަޔާންވެފައިވާ ދުސްތޫރީ އުސޫލާ ތައާރަފްވާނެ އިޖުރާއާތެއް ކަމަށެވެ.

އެހެންކަމުން އެއީ ގާނޫނުއަސާސީގައި ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލިހަށް ލިބިފައިވާ ބާރުތައް ފަހަނައަޅާ އިޖުރާއާތުތަކެއް ކަމަށް ކަނޑައަޅައި، އެއަށް އަމަލު ނުކުރެވޭނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.

އޭގެ އަށް އަހަރު ފަހުން އަނެއްކާ ހަމަ އެ ބަހުސް ފެށުނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން، ކުރިން އެމްޑީޕީން ދެކޮޅުހެދި ކަމެއް ގަވާއިދުގައި ހިމެނުމުންނެވެ. މަޖިލިހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) ގައި މިހާރު ބުނަނީ ވަޒީރުންނަށް ރުހުން ދޭން ޖެހޭ މައްސަލަތަކުގައި އެ މަގާމަކަށް އެ ބޭފުޅަކު ގާބިލުތޯ ނުވަތަ ނޫންތޯ ބެލުމާއި އެ މަގާމަކާ ގުޅޭ މައުލޫމާތު އެ ބޭފުޅަކަށް ލިބިގެންވާކަން ނުވަތަ ނޫން ކަން ބަލަން ވާނެ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ކަންކަން ކުރާނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީންނެވެ.
ގާނޫނީ ބައެއް ވަކީލުންގެ ނަޒަރުގައި މަޖިލިހުގެ ގަވައިދުގައި އޭރު އޮތީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮއްވައި އަލުން އެ މާއްދާ ކޮމިޓީއެއްގެ މެންޑޭޓް ތެރޭގައި ހިމަނައި، އެއަށް އަމަލުކުރަން ލާޒިމްކޮށްގެން ނުވާނެ އެވެ. އެކަމަކު އެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި މަޖިލިހުން ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމުގެ ބާރު އެބަ އޮތެވެ.
މަޖިލިހުގައި މިހާރު އަމަލުކުރާ އުސޫލަށް ބަލާ އިރު، ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލިހަށް ފޮނުވަނީ އެ ވަޒީރެއްގެ ހުރިހާ ލިޔެކިޔުންތަކާ އެކު އެވެ. އަދި މާ ބޮޑު ދިރާސާއެއް ކުރުމަކާ ނުލައި، ހުރިހާ ވަޒީރުންނަށް މަޖިލިހުގެ ކޮމިޓީ އާއި ތަޅުމުގައި ރުހުން އޮތް ކަމަށް ނިންމަ އެވެ. އެއާ ޚިލާފަށް، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ދައުލަތުގެ ސަފީރުންނަށް ރުހުން ދިނުމުގެ ކުރިން، އެބޭފުޅުންގެ މައުލޫމާތުތައް ދިރާސާކޮށް، މަޖިލިހުގެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރެ އެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އެ ބައި އަނެއްކާ މިހާރު ގަވާއިދަށް ލުމަކީ އެންމެ މަތީ ކޯޓުގެ ނިންމުމަކާ ހިލާފުވުން ކަމަށެވެ.
އެ ހުކުމުން ސާފުވި އެއް ކަމަކީ ގާނޫނުއަސާސީގައި ވަޒީރުންނާ ގުޅޭ ގޮތުން ހުރި ޝަރުތުތައް ފުރިހަމަވާ ނަމަ، އެ ބޭފުޅުންނަށް ރުހުން ދޭން ޖެހޭނެކަން ކަމަށް، އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަޒީރަކު ވަކިކުރަން ބޭނުން ނަމަ އެކަން ކުރަން ވާނީ ވަކި މައްސަލައެއް މަޖިލިހަށް ހުށަހަޅައިގެން ކަން ސާފުވާ ކަމަށެވެ.
ވަޒީރުންގެ މަޖިލިހުގެ މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި ބޭރުގެ ރައްޔިތަކަށް ނުވުމާއި މުސްލިމަކަށް ވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށް ވުމާއި އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވުމުގެ އިތުރުން ދެން ހިމެނެނީ ބުއްދި ހަމައަށް ހުރި މީހަކަށް ވުމުގެ ޝަރުތެވެ.
އުޝާމް ވިދާޅުވީ އޭރު އެ މާއްދާ ގޯސްވި ބޭފުޅުންނަށް މަޖިލިހުގެ މެޖޯރިޓީ ލިބުނީމަ އެކަން ރަނގަޅު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ.
"މީގައި އޮތް ގޮތަކީ ހުކުމް [އެގޮތަށް] އޮތީމައާ ވެސް އެކީގައި އެ ހުކުމް ރިވިއުކުރުން،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި އެ ހުކުމް އެގޮތަށް އޮތްހާ ހިނދަކު، ރައްޔިތުންގެ މަޖިލިސް ވެސް ކޯޓުތަކުގެ ހުކުމްތަކަށް ތަބާވާން ޖެހޭނެ އެވެ. އެކަމަކު މިހާރު "ބާރުގަދަވީމަ" ކޯޓުގެ ހުކުމްތަކަށް ތަބާނުވާ ހިސާބަށް ދިއުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން އެބޭފުޅުންނާ ސުވާލުކުރުމަކީ ރިޔާސީ ނިޒާމުތަކުގެ ސިފައެއް ކަމަށް ވާތީ، އުޝާމް އެކަމަށް ތާއިދުކުރައްވަ އެވެ. ހަމައެކަނި މައްސަލައަކީ ސުޕްރީމް ކޯޓުގެ ހުކުމެވެ.
އުޝާމްގެ ވިސްނެވުމާ ހިޔާލު ތަފާތު އެއް ބޭފުޅަކީ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ.
އޭނާ ވިދާޅުވީ ވަޒީރަކަށް ރުހުން ދޭން ވެސް އެނގޭނީ ސުވާލުކޮށްގެން ކަމަށެވެ. އަދި ހަމައެކަނި "ފޮޓޯގަނޑަކަށް" ބަލާފައި ވަޒީރުންނަށް ރުހުން ދެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމެއް އޮތަސް ސިރާޖު ވިދާޅުވީ ހަމައެކަނި ލިޔެކިޔުންތަކަކަށް ބަލާފައި، ވަޒީރެއްގެ ގޮތެއް ނޭނގޭނެ ކަމަށެވެ. އަދި ވަޒީރެއްގެ ގާބިލްކަން ދެނެގަނެވޭނީ މަޖިލިހުގެ ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކޮށްގެން ކަމަށް ވިދާޅުވި އެވެ.
"މިއީ ރައީސްގެ މިނިސްޓަރެކޭ ބުނީމަ، އެވީ ތައްގަނޑު ޖަހަންތޯ؟ އެހެނެއް ނުވާނެ. ދުނިޔޭގެ އެކި ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އުސޫލެއް ވެޓިން ޕްރޮސެސްއަކީ. ވަޒީރުންގެ ގޮތުގައި ބޭފުޅުން ކަނޑައަޅަނީ ސުވާލުކޮށްގެން ކޮލިޓީ މީހެއްތޯ ބަލާފައި،" ސިރާޖު ވިދާޅުވި އެވެ.
ކުރީގެ މަޖިލިހުން ގަވާއިދަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމި އިރު އުއްތަމަ ފަނޑިޔާރަކަށް އިންނެވި އަހުމަދު ފާއިޒް ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ހުކުމް އޮތިއްޔޭ ކިޔާފައި މަޖިލިހުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ގާނޫނެއް ނުވަތަ ގަވައިދެއް ހަދަން ހުރަހެއް އޮންނާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. ގާނޫނާއި ގަވައިދުތައް ހެދުމަކީ މަޖިލިހަށް އޮތް ބާރެއް ކަމަށް ވާތީ ވަކި ހުކުމެއް އޮތުމަކީ މަޖިލިހުގެ އިހްތިސާސްގައި ހިމެނޭ ކަމެއް ކުރަން ހުރަހެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމުން މާ ބޮޑު މައްސަލައެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" އޭރު އެ މާއްދާއަށް އަމަލްނުކުރެވޭނެ ކަމަށް ނިންމެވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފާއިޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލިހުން ހެދި ގަވައިދަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ވާ ނަމަ، ސުޕްރީމް ކޯޓުގައި އެކަމާ ޗެލެންޖު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެ މާއްދާއާ ގުޅިގެން ހިޔާލު ތަފާތުވެގެން އުޅެނީ، ފާއިޒް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައި ހުރި ފުށުއެރުންތަކެއްގެ ސަބަބުންނެވެ.
އެގޮތުން ނެންގެވި އެއް ޕޮއިންޓަކީ ވަޒީރުން ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނީ ރައީސްއަށާއި މަޖިލިހަށް ކަމަށް ގާނޫނުއަސާސީގައި ލިޔެފައި އޮތް ބަ އެވެ. ފާއިޒް ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމެއްގައި ވަޒީރުން ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނީ ރައީސަށެވެ.
"އެހެންވީމަ އެކަހަލަ މަފްހޫމްތަކެއް އެކުލަވާލެވިފައި ހުރީމަ، ކަމަށް ގަބޫލުކުރެވެނީ ގަވައިދަށް އެކަހަލަ އިސްލާހުތަކެއް ގެންނަނީ. ޕާލަމެންޓްރީ ވިސްނުމަކުން ވިސްނާ ނަމަ، މަޖިލިހަށް ޖަވާބުދާރީވާން ޖެހޭ ބަޔަކަށް ރުހުން ދިނުމުގެ ކުރިން މެމްބަރުން ބޭނުންވާނެ [ގަވައިދު] ކޮށައިމަށައި މިނާ މިނުންތަކެއް ނޫނީ ބަލަން ޖެހޭ ބެލުންތައް ބަލާފައި ނޫނީ ރުހުން ނުދޭން،" ފާއިޒް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން އޭރު ހުކުމްކުރީ ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި ހާލަތަށް ބެލުމަށް ފަހު އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުން ހަދާ ގަވައިދެއް މިންކުރަން ޖެހެނީ ކުރާ ހުކުމަކުން ނޫން ކަމަށާއި މިން އަޅަން ޖެހޭނީ ގާނޫނުއަސާސީއާ ކަމަށް ވިދާޅުވި އެވެ.
ބައެއް ގާނޫނުތަކާއި ގަވައިދުތަކުގައި ގާނޫނުއަސާސީގައި ހުރި ޝަރުތުތަކަށް ވުރެ، އިތުރު ޝަރުތުތައް ހިމަނަމުންދާތީ އެކަމާ ގުޅޭ ގޮތުން ފާއިޒް ވިދާޅުވީ ގާނޫނުތަކާއި ގަވައިދުތަކަށް ލާން ވާނީ ގާނޫނުއަސާސީގައި ނަފީނުވާ ޝަރުތުތައް ކަމަށެވެ. އަދި އިތުރު ޝަރުތުތައް ގާނޫނުތަކާއި ގަވައިދުތަކަށް ލުމަކީ އާ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅިގެން ކޯޓަކުން މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއާ މެދު ގޮތެއް ނިންމާފައި ނުވާތީ މިއީ އަޅުގަނޑުމެންގެ ލީގަލް ސިސްޓަމްގައި ތަރައްގީވެފައި އޮތް ގޮތެއް. ފުށުއަރާ އެއްޗެއްގެ ގޮތުގައި ބެލެވޭނެ ކަމަކަށް ނުދެކެން،" ފާއިޒް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި ގަވައިދަށް މިހާރު ގެނައި ބަދަލާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮތެއް ނިންމަވަން ޖެހެ އެވެ. ރައީސް އައްޔަންކުރައްވާ ވަޒީރަކު މަޖިލިހަށް ހާޒިރުކޮށް ސުވާލު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަމަ، ބަހުސް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.