25 ޖޫން 2019 - 07:37

ފްރާންސްގައި 1944 ވަނަ އަހަރު ގާއިމުކުރި އެމެރިކާ ސިފައިގެން މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ ކޭޓީ ރޮބިންސް އަށް ފްރާންސް މީހެއް ކަމަށްވާ ޖިނީން ޕިއާސަން ފެނި ލޯބިވެވުނެވެ. އޭރު ޖިނީންގެ އުމުރުން އެންމެ 18 އަހަރެވެ. އެކަމަކު މި ގުޅުމަށް ހުސްކަމެއް އައީ ރޮބިންސަށް ފްރާންސް ދޫކޮށް، އޭނާގެ އަމިއްލަ ގައުމަށް ދާން ޖެހުމުންނެވެ.
އެ ގުޅުން ދެމެހެއްޓޭނެ ގޮތެއް ނެތް ކަމަށް ބަލައި، ދުވަސްކޮޅެއް ފަހުން އެމެރިކާގައި ރޮބިންސް އެހެން މީހަކާ ކައިވެނިކުރީ އެވެ.
ޖިނީން ބުނީ ރޮބިންސް ފުރައިގެން ދާން ފެށުމުން ވަރަށް ދެރަވެ ރޮވުނު ކަމަށެވެ. އޭނާ ބޭނުންވީ ހަނގުރާމައަށް ފަހު ރޮބިންސް އެމެރިކާއަށް ނުގޮސް ފްރާންސްގައި އުޅުމަށެވެ.
ހަނގުރާމައަށް ފަހު ޖިނީން ވަނީ އިނގިރޭސި ބައެއް ލަފްޒުތައް ދަސްކުރަން ފަށައިފަ އެވެ. އޭނާގެ އެދުމަކީ ރޮބިންސް ކޮންމެވެސް ދުވަހަކުން އެނބުރި ފްރާންސަށް އައުމެވެ.
ކައިވެންޏަށް ފަހު ވެސް ރޮބިންސް، ޖިނީންގެ ފޮޓޯގަނޑެއް ގެންގުޅުނެވެ. މީގެ ދުވަސްކޮޅެއް ކުރިން ދެ ވަނަ ބޮޑު ހަނގުރާމައިގެ 74 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެނބުރި ފްރާންސަށް ދިޔައީ އެ ފޮޓޯގަނޑު ހިފައިގެންނެވެ. ޖިނީން ދުނިޔޭގައި ހުރިކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ. މިކަމުގައި ރޮބިންސަށް އެހީވީ ފްރާންސްގެ ނޫސްވެރިއެކެވެ. އެ ނޫސްވެރިޔާ ޖިނީން ހޯދައި، ރޮބިންސާ ބައްދަލުކޮށްދިނެވެ.
"އަހަރެން އަބަދުވެސް ލޯބިވިން. ދުވަހަކު ވެސް އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދޭ،" ޖިނީން ފެނުމާއެކު ރޮބިންސް ބުންޏެވެ.
ޖިނީން ބުނި ގޮތުގައި ރޮބިންސް އޭނާ ދެކެ ލޯބިވާ ވާހަކަ އިނގިރޭސި ބަހުން ބުންޏަސް ދޭހަވާ ވަރަށް ހުރީ ބަސް އެނގިފަ އެވެ.
އެހާ ދުވަސް ފަހުން އަލުން ފްރާންސަށް ދިޔަ ސަބަބާ ބެހޭ ގޮތުން ރޮބިންސް ބުނީ ކުރިން ވެސް ފްރާންސަށް ދާން ބޭނުންވި ކަމަށާއި އެކަމަކު ކައިވެނީގެ ފަހުން އެކަން އެހެން ވާން ނޯންނަ ކަމަށެވެ.
ރޮބިންސާއި ޖިނީން ވެސް މިހާރު ތިބީ ހުވަފަތް ވެފަ އެވެ. އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު ދެމީހުން ވަކިވީ ފެންކަޅިވެފައި ތިބެ އެވެ. އެކަމަކު އަލުން އެކަކު އަނެކަކާ ބައްދަލުވުމަށް ވައުދުވެ ފޮނި އުންމީދުގައި ތިބެ އެވެ.