12 ޖޫން 2019 - 19:13

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުންތަކުގެ މައުލޫމާތު އާންމު ކުރަމުން ގެންދިއުމަށް ޖޭއެސްސީން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ޖޭއެސްސީގެ ކޮންމެ ބައްދަލުވުމަކަށް ފަހު، އެ ބައްދަލުވުމެއްގައި ހިނގި މުހިންމު ކަންކަމުގެ މައުލޫމާތު މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަން އެ ކޮމިޝަންގެ މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެގޮތަށް މައުލޫމާތު އާންމު ކުރަމުން ގެންދާނެ ކަމަށް ޒަހީން ވިދާޅުވި އެވެ.
ޒަހީން ވިދާޅުވީ އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ހުސްކޮށް އޮތުމުން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އެކުލަވާލި ކްރައިޓީރިއާ ކޮމިޝަންގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން އަންނަ ހަފުތާގައި އިއުލާން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަހީން ވިދާޅުވި ގޮތުގައި މިއަދުގެ ޖަލްސާގައި އެ ކޮމިޝަނަށް ދާދިފަހުން އައްޔަން ކުރެވުނު ދެ ބޭފުޅުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަން ކުރެއްވި ހިސާން ހުސައިން ވެސް ފުރަތަމަ ފަހަރަށް އެ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ.
މިއަދު ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އެ ކޮމިޝަންގެ 10 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރަކު އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތެވެ.