13 ޖޫން 2019 - 07:08

ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ތީމްޕާކް ބަހުރެއިނުގައި، އޮގަސްޓް މަހު ހުޅުވަން ނިންމައިފި އެވެ.
މިހާރު ވެސް އާޓިފިޝަލް ރަށްތަކެއް އެކުލެވޭ ދިޔާރު އަލް މުހައްރަގްގައި ތިމާވެއްޓާ ރައްޓެހިކޮށް ތަރައްގީކުރާ ތީމްޕާކަކީ 100،000 އަކަމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ގޮތަށް ތަރައްގީ ކުރާ ތަނެކެވެ. އަދި މި ތީމްޕާކްގެ އެންމެ ހާއްސަ އެއް ސިފައަކަށް ވާނީ ބޮއިންގެ 747 މަރުކާގެ 70 މީޓަރުގެ މަތިންދާބޯޓެއް ކަނޑުއަޑީގައި ބާއްވާފައި އޮތުމެވެ. އަދި ބަހުރައިންގެ ގަދީމީ ބައެއް އާސާރުތަކާއި އާޓިފިޝަލް މުރަކަ ފަރުތަކާއި އެ ނޫން ވެސް ގިނަ ފީޗާތަކެއް ތީމްޕާކްގައި އެކުލެވޭނެ އެވެ.
މެދުއިރުމަތީގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ބަހްރެއިނުން ބުނި ގޮތުގައި މި މަޝްރޫއުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޑައިވް ކުރަން ލޯބި ކުރާ މީހުންގެ މަންޒިކަލަށް އެ ގައުމު ހެދުމެވެ.
"މިއީ ބޮއިންގެ ބޮޑު އުޅަނދަކާ އެކު ތަރައްގީކުރާ ކަނޑުއަޑީގެ އެންމެ ބޮޑު ތީމްޕާކަށް ވާނެ،" ބަހުރެއިންގެ އިންޑަސްޓްރީ، ކޮމާސް އެންޑް ޓޫރިޒަމް މިނިސްޓަރު ޒައިދު ބިން ރާޝިދު އަލް ޒަޔާނީ ހޯމަ ދުވަހު ޕްރޮޖެކްޓާ ބެހޭ ގޮތުން ބޭއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
މި ޕްރޮޖެކްޓަކީ ސުޕްރީމް ކައުންސިލް ފޮ އެންވަޔަރަމަންޓާއި ބަހުރެއިން ޓޫރިޒަމް އެންޑް އެގްޒިބިޝަން އޮތޯރިޓީ (ބީޓީއީއޭ) އާއި އެ ބަހުރެއިންގެ ޕްރައިވެޓް ސެކްޓާތައް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑުއަޑީގެ ތީމް ޕާކަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުންނަށް އޮގަސްޓް މަހުގެ ތެރޭގައި ހުއްދަ ދީފައިވާ ޑައިވިން ސެންޓަރުތައް މެދުވެރިކޮށް ބުކިންސް އަށް ހުޅުވައިލާނެ އެވެ.
"އަހަރެމެން ވަރަށް ފަހުރުވެރިން ތިމާވެއްޓާ ރައްޓެހި އަދި މުޅިން ތަފާތު ފީޗާތަކެއް އެކުލެވޭ ތީމްޕާކެއް ބަހުރެނުގައި ހުޅުވޭތީ،" ޒައިދު ވިދާޅުވި އެވެ.