މޫނު ބަދަލުކުރި ފުރަތަމަ މީހާ މަރުވެއްޖެ
މޫނު ބަދަލުކުރި ފުރަތަމަ މީހާ މަރުވެއްޖެ

ޕެރިސް (ސެޕްޓެމްބަރު 7) - ދުނިޔޭގައި ފުރަތަމަ ފަހަރަށް މޫނު ބަދަލު ކުރި ފްރާންސްގެ އަންހެނެއް ކަމަށްވާ އިސަބެއްލާ ޑައިނޮޔާ މަރުވެއްޖެ ކަމަށް އެ ގައުމުގެ ޑޮކްޓަރުން ބުނެފި އެވެ.

މޫނު ބަދަލުކުރި ފުރަތަމަ މީހާ މަރުވެއްޖެ
މޫނު ބަދަލުކުރި ފުރަތަމަ މީހާ މަރުވެއްޖެ

ޑައިނޮޔާ ގެންގުޅުނު ކުއްތާ ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ މޫނަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ޑޮކްޓަރުން 2005 ވަނަ އަހަރު ވަނީ ނޭފަތަކާއި އަނގައެއް އަލުން ލައްވައިފަ އެވެ. ނަމަވެސް އޭނާ ވަނީ އަލަށް އިންދި ގުނަވަންތަކަށް ހަށިގަނޑު ހޭނުމަށް ބޭނުން ކުރާ ބޭސް ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށްކޮށްދޭ ބޭސްތައް ގިނަ އަދަދަކަށް ބޭނުންކޮށްފަ އެވެ. ނަތީޖާއަކަށްވީ ކެންސަރު ބަލީގައި އުމުރުން 49 އަހަރުގައި މިދިޔަ އެޕްރީލް މަހު އޭނާ ދުނިޔެ ދޫކުރުމެވެ. އެކަމަކު ހޮސްޕިޓަލުން މި ޚަބަރު އާއްމު ކުރުން ލަސްކޮށްފައި ވަނީ ޑައިނޮޔާގެ އާއިލާ އަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށްވެ އެވެ.

ބީބީސީ އަށް 2009 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ޑައިނޮޔާ ބުނީ ލޯގަނޑުގެ ކައިރީގައި ހުއްޓުމުން އޭނާ އަށް ސިފަ ވަނީ އޭނާ އަށް ގުނަވަން ހަދިޔާކުރި މީހާ އާއި އޭނާގެ ސިފަ އެކުވެފައިވާހެން ކަމަށެވެ. ޑައިނޮޔާގެ މޫނަށް ލައްވާފައި ވަނީ ސިކުނޑި މަރުވެފައިވާ މީހެއްގެ ގުނަވަންތަކެވެ.

ބީބީސީ އިންޓަވިއުގައި ޑައިނޮޔާ ބުނެފައި ވަނީ އޭނާ އަށް ކުއްތާ ހަމަލާދީ މޫނުގެ ސިފަ ގެއްލުވާލީ އޭނާ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރުމުން ކަމަށެވެ. ނިދާ ބޭސް މާގިނައިން ބޭނުން ކުރުމަށް ފަހު އޭނާ ހޭއެރީ ލޭގެ ކޯރަކަށް ކަމަށާއި އެ ވަގުތު ކުއްތާ ވެސް ކައިރީގައި އޮތް ކަމަށް ބުންޏެވެ. މޫނުގައި ކުއްތާ ވަކިއަޅާ އެކި ހަމަލާ ދީފައި ވަނީ ޑައިނޮޔާ ހޭއަރުވަން ވެގެންނެވެ.

މި ހަމަލާތަކުގައި އޭނާގެ އަނގަޔަށާއި ނޭފަތް އަދި ދަތްދޮޅި އަށް ލިބިފައިވާ ގެއްލުންތައް އޮޕަރޭޝަން ކޮށްގެން ރަނގަޅު ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ނިންމި އެވެ. ޑޮކްޓަރުން ނިންމީ އޭނާގެ މޫނު ބަދަލު ކުރުމަށެވެ.

އޭގެ ފަހުން ފާއިތުވެގެން މިދިޔަ އަހަރުތަކުގައި އެމެރިކާ، ސްޕޭން، ތުރުކީ، ޗައިނާ އަދި ޕޮލެންޑް ފަދަ ގައުމުތަކުގައި ވަނީ މޫނު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ކޮށްފަ އެވެ. މޫނު އެކުގައި ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ފުރަތަމަ ކުރީ ސްޕޭނުގައި 2010 ވަނަ އަހަރު އެވެ.