ލާއޮސް ބަލިކޮށް ރާއްޖެ ކޮލިފައިންގެ ގްރޫޕް ސްޓޭޖާ ގާތަށް
ލާއޮސް ބަލިކޮށް ރާއްޖެ ކޮލިފައިންގެ ގްރޫޕް ސްޓޭޖާ ގާތަށް

އޭޝިއަން ކަޕް ކޮލިފައިން ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި މިރޭ ލާއޮސް އަތުން މާލޭގައި 4-0 އިން މޮޅުވެ ކޮލިފައިން ގްރޫޕް ސްޓޭޖާ ގާތަށް ދިވެހިރާއްޖެ ޖެހިލައިފި އެވެ.

ލާއޮސް ބަލިކޮށް ރާއްޖެ ކޮލިފައިންގެ ގްރޫޕް ސްޓޭޖާ ގާތަށް
ލާއޮސް ބަލިކޮށް ރާއްޖެ ކޮލިފައިންގެ ގްރޫޕް ސްޓޭޖާ ގާތަށް

ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ނުގޮސް ދެން ރާއްޖެ ކަޓާނީ ލާއޮސްގައި މި ދެ ޓީމު އަންނަ މަހު 11 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުން ފަސް ލަނޑުގެ ތަފާތަކުން ބަލިވެއްޖެ ނަމަ އެވެ.

ލާއޮސް ބަލިކޮށް ރާއްޖެ ކޮލިފައިންގެ ގްރޫޕް ސްޓޭޖާ ގާތަށް
ލާއޮސް ބަލިކޮށް ރާއްޖެ ކޮލިފައިންގެ ގްރޫޕް ސްޓޭޖާ ގާތަށް

ރާއްޖޭގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މިރޭ 31 ވަނަ އުފަންދުވަސް ފާހަގަކުރި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަނެއް ދެ ލަނޑުގެ ޖެހީ ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) އާއި އަލީ ފާސިރު (ސެންޓޭ) އެވެ.

ފަސް ހާހަށް ވުރެން ގިނަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗު ފަށައިގެން ރާއްޖޭން މަސައްކަތްކުރީ މެދުތެރެއިން ކޮންޓްރޯލް ހޯދައިގެން އެޓޭކް ކުރުމަށެވެ. އެހެން ނަމަވެސް ކައުންޓައެޓޭކްގައި ލާއޮސް އިން އައީ ރާއްޖެ އަށް ނުރައްކާ ބޮޑުކުރަމުންނެވެ.

ރާއްޖެ އަށް މެޗުގެ 14 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ސެންޓޭ އެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެންޓޭ މި ލަނޑު ޖެހީ އަހުމަދު އަބްދުﷲ (ލިލީ) ދިން ބޯޅައަކުންނެވެ. ލާއޮސް އޭރިއާ ތެރެއިން ސެންޓޭ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނުގައި ތަތްކޮށްލައިފަ އެވެ.

މި ހާފްގައި ލާއޮސްގެ ކޮނެސާވަން ޝިއަވޮން ވަނީ ނުރައްކާތެރި ދެ ހަމާލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން ކޮނެސާވަން ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުފުޅާކުރަން ދަގަނޑޭ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތިން ލާއޮސްގެ ޑިފެންޑަރުން ވަނީ ބޭރުކޮށްލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ 12 މިނިޓް ތެރޭގައި ދަގަނޑޭ އަށް ލަނޑު ޖަހަން ރަނުގެ ދެ ފުރުސަތެއް ލިބުނެވެ. މެޗުގެ 49 ވަނަ މިނިޓްގައި ލާއޮސް އޭރިއާ ތެރެއިން މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ބޯޅަ ރަނގަޅަށް ފަޔަށް އަރާ ގޮތެއްނުވި އެވެ. އޭގެ ހަތަރު މިނިޓް ފަހުން އަސަދުﷲ އަބްދުﷲ ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ލާއޮސް ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދަގަނޑޭ ރާއްޖޭގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. ލާއޮސް އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ އެ ޓީމުގެ ޑިފެންޑަރުން ބްލޮކް ކުރުމުން ލިބުނީ ދަގަނޑޭ އަށެވެ. ދަގަނޑޭ ފޮނުވާލި ބޯޅަ ލާއޮސް ކީޕަރު އަތުގައި ޖެހިފައި ދެ ވަނަ ފަހަރަށް ލިބުމުން އޭނާ ވަނީ ގޯލު ރޮނގުމަތިން އެ ބޯޅަ ގޯލަށް ވައްދާލާފަ އެވެ.

ލީޑުފުޅާކޮށް ރާއްޖޭން ލަނޑު ޖަހަން އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެކަމަކު އަސަދުﷲ އާއި މި މެޗުގައި މޮޅުކުޅުމެއް ދެއްކި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.

ރާއްޖޭގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ބޮކުރީ އެވެ. ދަގަނޑޭ ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ބޮކުރީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ލާއޮސް ކުޅުންތެރިއެއްގެ ފައިގައި ޖެހިފަ އެވެ.

ލާއޮސް އިން ވަނީ މި ހާފްގައި ވެސް ކައުންޓަ އެޓޭކްގައި ރާއްޖެ އަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން ކޮނެސާވަން އާއި މޮނޮލޮމް ޕޮމްސޫވަން ވަނީ އޭރިއާ ބޭރުން ރަނގަޅު ދެ ޝޮޓެއް ނަގައިފަ އެވެ. އޭގެ ތެރެއިން މޮނޮލޮމް ޖެހި ބޯޅަ ރާއްޖޭގެ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ.

ދަގަނޑޭ މެޗުގެ ފަހު ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އަހުމަދު ރިޒުވާން (ރިޒޭ) ދިން ބޯޅައެއް އޭރިއާ ތެރެއިން ހޯދުމަށް ފަހު ދަގަނޑޭ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.