14 ޖޫން 2019 - 06:56

ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އަދި އެންމެ ނުފޫޒު ގަދަ އެވޯޑް ކަމަށްވާ އޮސްކާގެ ކުރިއަށް އޮތް ތިން އަހަރުގެ ތާރީހުތައް އިއުލާންކޮށްފި އެވެ.
ދުރާލައި ތާރީހުތައް އިއުލާންކޮށްފައިވާ އިރު އަންނަ އަހަރު ބާއްވާ 92 ވަނަ އޮސްކާ އެވޯޑް ހަފުލާ ބާއްވާނީ ފެބްރުއަރީ، 9 ގަ އެވެ. އޭގެ ފަހުން 93 ވަނަ އޮސްކާ އެވޯޑް ހަފުލާ ފެބްރުއަރީ، 28، 2021 އަށް ތާވަލުކޮށްފައިވާ އިރު، 94 ވަނަ އޮސްކާ އެވޯޑް ހަފުލާ ބާއްވާނީ ފެބްރުއަރީ، 27، 2022 ގަ އެވެ.
އަންނަ އަހަރުގެ އޮސްކާ އެވޯޑްސްއާ ގުޅުން ހުރި ހާއްސަ ތާރީހުތަކަށް ބަލާއިރު، އެވޯޑަށް ހުށަހަޅާ ފިލްމުތަކުގެ މެދުގައި ބާއްވާ ޕްރިލިމިނަރީ ވޯޓިން އަންނަ ޑިސެމްބަރު މަހުގެ 6 ގައި ފަށައި ވޯޓް ބަންދުކުރާނީ އެ މަހުގެ 10 ގަ އެވެ.
މީގެ އިތުރުން އެވޯޑަށް ވާދަ ކުރާ ފިލްމުތަކުގެ ފައިނަލް ވޯޓިން ޖެނުއަރީ، 30، 2020 ގައި ފަށައި ވޯޓް ބަންދު ކުރާނީ ފެބްރުއަރީ، 4، 2020 ގަ އެވެ.
އޮސްކާ އެވޯޑް އިންތިޒާމު ކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) މިހާރު ވަނީ މި އަހަރާއި އަންނަ އަހަރަށް އެކެޑެމީގެ ގަވަނިން ބޯޑް ވެސް އިއުލާންކޮށްފަ އެވެ. އަދި ބޯޑްގެ މެމްބަރުންގެ މަސައްކަތްތައް އަންނަ މަހުގެ 1 އިން ފެށިގެން ރަސްމީކޮށް ފަށާނެ އެވެ.
ރިޕޯޓްތައސް ބުނާ ގޮތުން ފެބްރުއަރީ 25 ގައި ބޭއްވި މި އަހަރުގެ 91 ވަނަ އޮސްކާ އެވޯޑް ހަފުލާއާ އެއްގޮތަށް އަންނަ އަހަރުގެ ހަފުލާ ވެސް ކުރިއަށް ގެންދާނީ ހާއްސަ ހޯސްޓަކާ ނުލައި، ގިނަ ފަންނާނުންތަކެއް ހަފުލާ ޕްރެޒެންޓްކޮށްދޭ ގޮތަށެވެ.