12 ޖޫން 2019 - 12:39

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ދޭ ލޯނަށް އެދުނު ގިނަ އަދަދެއްގެ ދަރިވަރުން ޑިސްކޮލިފައިވުމުން އަލުން ރޭ ފުރުސަތު ހުޅާލައިފި އެވެ.
މާޗު މަހު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން 242 ޖާގައަށް ހުޅުވާލުމުން، ހާއްސަ ޕޯޓަލެއް މެދުވެރިކޮށް 993 ދަރިވަރުން ހުށަހެޅި އިރު، ލޯނަށް ހޮވުނީ އެންމެ 79 ދަރިވަރެކެވެ. އެހާ ބައިވަރު ދަރިވަރުން ޑިސްކޮލިފައިވުމުން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް މިނިސްޓްރީއަށް އަމާޒުވި އެވެ.
ބާކީ އޮތް 163 ޖާގައަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހު 24 ވަނަ ދުވަހުގެ މެންދުރު 1:30 އާ ހަމައަށެވެ. މިދިޔަ ބުރުގައި ޑިސްކޮލިފައިވި ދަރިވަރުންނާއި އަލަށް ހުށައަޅާ ދަރިވަރުންނަށް ވެސް ކުރިމަތިލެވޭނެ އެވެ.
ބޭރުގައި ކިޔެވުމުގެ ލޯނަށް އަލުން ހުޅުވާލި އިރު ގެނައި އެންމެ ބޮޑު ބަދަލަކީ ދަރިވަރު ބޭނުން ކޮންމެ ގައުމެއްގައި ވެސް ކިޔެވުމުގެ ފުރުސަތު ދިނުމެވެ. ކުރިން ނަމަ ލޯނު ދެނީ ސަރުކާރުން ކަނޑައަޅާފައިވާ ގައުމުތަކުގައި ކިޔަވަން އެކަންޏެވެ.
ނަމަވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައި ވަނީ ލޯނަށް ކޮލިފައިވާ ދަރިވަރުން ބޭނުން ކޮންމެ ގައުމަކަށް ދިޔަސް ސަރުކާރުން ދޭން ކަނޑައަޅާ މިންވަރަށް ލޯނު ދޫކުރާ ގޮތަށެވެ. އޭގެ މާނައަކީ ސަރުކާރުން ލޯނު ދޭ އަދަދަށް ވުރެ އެ ގައުމެއްގައި ކިޔަވަން ހިނގާ ހަރަދު ބޮޑުވާ ނަމަ، އިތުރުވާ ބައި ދަރިވަރު އަމިއްލައަށް ދެއްކުމެވެ.
އަލަށް ކިޔަވަން ފަށާާ ދަރިވަރުންގެ އިތުރުން މިހާރު ކިޔެވުން ފަށާފައިވާ މީހުންނަށް ވެސް މި ލޯނަށް ހުށައެޅޭނެ އެވެ. އެގޮތުން 163 ޖާގައިގެ ތެރެއިން 84 ޖާގަ ހާއްސަކޮށްފައި ވަނީ ކިޔަވަން ފަށާފައިވާ ދަރިވަރުންނަށެވެ.
- ޕައިލެޓްކަން ކިޔަވަން: 5 ޖާގަ
- ސްކިލް ޝޯޓޭޖް ލިސްޓުގައިވާ ކެޓަގަރީތަކުން ޑިޕްލޮމާ ކިޔަވަން: 10 ޖާގަ
- ކޮންމެ ދާއިރާއަކުން ވެސް ޑިޕްލޮމާ ކިޔަވަން: 3 ޖާގަ
- ސްކިލް ޝޯޓޭޖް ލިސްޓުގައިވާ ކެޓަގަރީތަކުން ޑިގްރީ ކިޔަވަން: 3 ޖާގަ
- ކޮންމެ ދާއިރާއަކުން ވެސް ޑިގްރީ ކިޔަވަން: 20 ޖާގަ
- އެމްބީބީއެސްއިން ބެޗަލާސް ޑިގްރީ: 4 ޖާގަ
- ސްކިލް ޝޯޓޭޖް ލިސްޓުގައިވާ ކެޓަގަރީތަކުން މާސްޓާސް ކިޔަވަން: 29 ޖާގަ
- ކޮންމެ ދާއިރާއަކުން ވެސް މާސްޓާސް ކިޔަވަން: 8 ޖާގަ
- ސްކިލް ސޯޓޭޖް ލިސްޓުގައިވާ ކެޓަގަރީތަކުން ޕީއެޗްޑީ ކިޔަވަން: 2 ޖާގަ
- ޕައިލެޓްކަން ކިޔަވަން: 5 ޖާގަ
- ސްކިލް ޝޯޓޭޖް ލިސްޓުގައިވާ ކެޓަގަރީތަކުން ޑިޕްލޮމާ ކިޔަވަން: 23 ޖާގަ
- ކޮންމެ ދާއިރާއަކުން ވެސް ޑިޕްލޮމާ ކިޔަވަން: 8 ޖާގަ
- ސްކިލް ޝޯޓޭޖް ލިސްޓުގައިވާ ކެޓަގަރީތަކުން ޑިގްރީ ކިޔަވަން: 6 ޖާގަ
- ކޮންމެ ދާއިރާއަކުން ވެސް ޑިގްރީ ކިޔަވަން: 6 ޖާގަ
- އެމްބީބީއެސްއިން ބެޗަލާސް ޑިގްރީ: 3 ޖާގަ
- ސްކިލް ޝޯޓޭޖް ލިސްޓުގައިވާ ކެޓަގަރީތަކުން މާސްޓާސް ކިޔަވަން: 17 ޖާގަ
- ކޮންމެ ދާއިރާއަކުން ވެސް މާސްޓާސް ކިޔަވަން: 9 ޖާގަ
- ސްކިލް ސޯޓޭޖް ލިސްޓުގައިވާ ކެޓަގަރީތަކުން ޕީއެޗްޑީ ކިޔަވަން: 2 ޖާގަ
ލޯނަށް ހުށަހަޅާއިރު ބޭނުންވާ ލިޔެކިޔުންތައް ހަމަކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކުރެ އެވެ. ކުރީ ފަހަރު ގިނަ ބަޔަކު ޑިސްކޮލިފައިވީ ބޭނުންވާ ޑޮކިއުމެންޓްސް ހަމަނުވުން ފަދަ މައްސަލަތައް ދިމާވެގެން ކަމަށް، މިނިސްޓްރީން ބުނެފައިވެ އެވެ.
އަލުން ލޯނަށް އެދި ހުޅުވާލި އިރު ޕޯޓަލަށް ދިމާވާ މައްސަލައަކާ ގުޅިގެން އެއްވެސް ދަރިވަރަކު ދެން ޑިސްކޮލިފައި ނުވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފަ އެވެ.