11 ޖޫން 2019 - 15:42

އައްޑޫގައި މިހާރު ހަދަމުން އަންނަ އާ ހޮސްޕިޓަލަށް ކިޔާނެ ތިން ނަމެއް ކަނޑައަޅައި، އެ ނަންތަކަށް ހިޔާލު ހޯދަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލްގެ ޓްވިޓާގައި އާންމުކޮށްފައިވާ ތިން ނަމަކީ އިކްޓޯރިއަލް އައްޑޫ ހޮސްޕިޓަލް، އައްޑޫ ހޮސްޕިޓަލް އަދި ސުވާދިވް ހޮސްޕިޓަލެވެ.
ކައުންސިލުން ބުނި ގޮތުގައި އަންނަ އޮގަސްޓް މަހު ބޭނުން ކުރެވޭނެ ކަމަށް ބެލެވޭ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ކިޔާނެ ނަމެއް ފާސް ކުރާނީ ހިޔާލު ހޯދަން ހުޅުވައިލި ތިން ނަމުގެ ތެރެއިން، އެންމެ ގިނަ ބަޔަކި ތާއީދު ކުރާ ނަމަކަށް ރިއާޔަތްކޮށްފަ އެވެ.
ކައުންސިލުން ކަނޑައެޅި ތިން ނަމުގެ ތެރެއިން އިކްޓޯރިއަލް ނިސްބަތް ވަނީ ހޮސްޕިޓަލަކަށް ބަދަލު ކުރާ އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށެވެ. އެތަނަކީ 2011 ގައި 17 ވަނަ ސާކް ސަމިޓް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިމާރާތް ކުރި ތަނެކެވެ. ނަމަވެސް އީސީސީ ހޮސްޕިޓަލަކަށް ބަދަކު ކުރަން ނިންމީ ރައީސް އަބުދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ.
އާ ހޮސްޕިޓަލަށް ކަނޑައެޅި ނަންތަކުގެ ތެރޭގައި ހިމެނޭ ސުވާދިވް ނިސްބަތް ވަނީ ދެކުނުގެ ހަތަރު އަތޮޅެއް އިނގިރޭސިންނާ ބައިވެރިވެގެން މީގެ 50 އެތައް އަހަރެއް ކުރިން އުފެއްދި ސަރުކާރަށެވެ.