13 ޖޫން 2019 - 07:12

މީގެ 13 އަހަރު ކުރިން ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ރަންގް ދެ ބަސަންތީ" ނުކުޅެ ދޫކޮށްލެވުނީތީ މިހާރު ދެރަވާ ކަމަށް އެކްޓަރު ޝާހިދު ކަޕޫރް ބުނެފި އެވެ.
މި މަހުގެ 21 ގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ކަބީރު ސިންގް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އޭނާ ބުނީ ފިލްމު ދޫކޮށްލީ ގިނަ ތަރިން ހިމެނޭ ފިލްމަކަށްވާތީ އެވެ. އެކަމަކު "ރަންގް ދެ ބަސަންތީ" އަށް ބެލުންތެރިން ދިން ލޯތްބާއި ބޮކްސް އޮފީހުގައި ފިލްމު ހޯދި ކާމިޔާބީ ފެނިފައި، އެ ފިލްމު ނުކުޅެވުނީތީ ފަހުން ވަރަށް ދެރަވި ކަމަށް ބުންޏެވެ.
"އެއީ ހިއްސާއަކަށް ނުވެވުނީމަ އަހަރެން އަބަދުވެސް ރެގްރެޓް ކުރާނެ ފިލްމެއް،" އާންމުކޮށް ސޯލޯ ހީރޯ ފިލްމުތައް ކުޅޭ އެކްޓަރު ބުންޏެވެ.
ދެހާސް ހައެއްގައި ރިލީޒް ކުރި "ރަންގް ދެ ބަސަންތީ" އަކީ އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓް ކުރި ފިލްމެކެވެ. އެ ފިލްމުގެ ތަރިންނަކީ އާމިރު ހާން، ޝަރުމަން ޖޯޝީ، ކުނާލް ކަޕޫރް، ސޯހާ އަލީ ހާން، އަތުލް ކުލްކަރުނީ އަދި ސައުތުގެ މަޝްހޫރު އެކްޓަރު ސިދާތެވެ.
ޝާހިދަށް އެ ފިލްމުން ކުޅެން ލިބުނީ ސިދާތި ކުޅުނު ކަރަން ސިންގާނިއާ/ބަގަތު ސިންގްގެ ރޯލެވެ.
"ރަންގް ދެ ބަސަންތީ" އަކީ ގައުމަށްޓަކައި ފިދާވާ ޒުވާނުންތަކެއްގެ ވާހަކަ ވަރަށް އަސަރު ގަދަ އަދި ތަފާތު ގޮތަކަށް ކިޔައި ދިން ފިލްމެކެވެ.
ހަތަރު ނެޝަނަލް އެވޯޑް ވެސް ލިބުނު މި ފިލްމަކީ 2006 ގެ ބަފްޓާ އެވޯޑްސްގެ ބެސްޓް ފޮރިން ލެންގްއޭޖް ފިލްމަށް ނޮމިނޭޓް ވެސް ވި ފިލްމެކެވެ. އަދި އިންޑިއާ އިން އެ އަހަރު އޮސްކާ އާއި ގޯލްޑެން ގްލޯބްސް އަށް ހުށަހެޅި ފިލްމަކީ "ރަންގް ދެ ބަސަންތީ" އެވެ.
މެހެރާގެ ފަރާތުން ލިބުނު ފުރަތަމަ ފުރުސަތު ބޭނުން ޝާހިދު ދޫކޮށްލި ނަމަވެސް، އޭނާ ހަދާ ކުޅިވަރު ފިލްމެއް ޝާހިދަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.