06 ސެޕްޓެމްބަރ 2016 - 20:40

މި ނަތީޖާއާ އެކު ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގައެއް ވަނީ ވަރަށް ބޮޑަށް ޔަގީންވެފައި. ލާއޮސްގައި މި ދެ ޓީމު އަންނަ މަހު 11 ވަނަ ދުވަހު ކުޅޭ މެޗުން ރާއްޖެ އަތުން މަދުވެގެން 5 ލަނޑުގެ ތަފާތުން މޮޅުވެގެން ނޫނީ ލާއޮސް އަށް ދެން އޮތް ބުރުން ޖާގަ ނުލިބޭނެ.

މެޗުގެ ކުޅުން ނިމިއްޖެ. ރާއްޖެ 4-0 ލާއޮސް. ރާއްޖެ ޓީމުގެ ލަނޑުތައް ޖެހީ ކެޕްޓަން ދަގަނޑޭ ދެ ލަނޑާއި ސެންޓޭ އަދި ބޮކުރީ.

ދަގަނޑޭ ރާއްޖޭގެ ހަތަރު ވަނަ ލަނޑު ޖަހައިފި. ރާއްޖެ 4-0 ލާއޮސް. މިއީ މި މެޗުގައި ދަގަނޑޭ ޖެހި ދެ ވަނަ ލަނޑު.

ދަގަނޑޭ ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ރިޒޭ ފޮނުވާލި ބޯޅަ ލާއޮސް ކީޕަރު މަތަކޮށްފި

އަސަދުﷲ ގެ ބަދަލުގައި ރާއްޖޭން އަހުމަދު ރިޒުވާން (ރިޒޭ) ކުޅެން އަރުވައިފި.

ލާއޮސް ހާފްގެ ތެރެއިން ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ބޮކުރީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ލާއޮސް ޑިފެންޑަރެއް ފައިގައި ޖެހިފައި.

ރާއްޖެ ތިން ވަނަ ލަނޑެއް ޖަހައިފި. މި ލަނޑު ޖެހީ ބޮކުރީ.

ރާއްޖެ ޓީމުން އުމެއިރުގެ ބަދަލުގައި އިމްރާން ނަޝީދު ކުޅެން އަރުވައިފި. އިމްރާން ނަޝީދު އަކީ ކްލަބް އީގަލްސްގެ ކެޕްޓަން. އޭނާ ގައުމީ ޓީމުން ފުރަތަމަ ޖާގަ ހޯދީ މި އަހަރު ޔަމަން މެޗަށް ނެގި ސްކޮޑުން.

ލާއޮސް ޓީމުގެ މޮނޮލޮމް ރާއްޖެ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ކީޕަރު އިމްރާން މަތަކޮށްފި.

ރާއްޖެ ޓީމުން ބަދަލެއް. ފުރަތަމަ ލަނޑު ޖެހި ސެންޓޭގެ ބަދަލުގައި ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) ކުޅެން އަރުވައިފި.

ލާއޮސް ކީޕަރު ކައިރިން ނައްޓާލުމަށް ފަހު އަސަދުﷲ އެ ބޯޅަ ދިނީ ސެންޓޭ އަށް. ސެންޓޭ ދިން ބޯޅަ ދަގަނޑޭ އޭރިއާ ބޭރުން ފޮނުވާލި ނަމަވެސް ގޯލު ރޮނގުމަތިން ލައޮސް ޑިފެންޑަރަކު ބޭރުކޮށްލައިފި.

ލާއޮސް އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ އެ ޓީމުގެ ޑިފެންޑަރުން ބްލޮކް ކުރުމުން ލިބުނީ ދަގަނޑޭ އަށް. ދަގަނޑޭ ފޮނުވާލި ބޯޅަ ލާއޮސް ކީޕަރު އަތުގައި ޖެހިފައި ދެ ވަނަ ފަހަރަށް ލިބުމުން އޭނާ ވަނީ ގޯލު ރޮނގުމަތިން އެ ބޯޅަ ގޯލަށް ވައްދާލާފައި.
ދަގަނޑޭ ރާއްޖޭގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފި. ރާއްޖެ 2-0 ލާއޮސް
ލާއޮސް އޭރިއާ ތެރެއިން އަސަދުﷲ ހުސްކޮށްލާފައި އޭރިއާ ތެރެއިން ދަގަނޑޭ އަށް ދިން ބޯޅަ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިން. މިއީ ދަގަނޑޭ އަށް މި ހާފްގައި ލިބުނު ދެ ވަނަ ހުސް ފުރުސަތު.
ދަގަނޑޭ އަށް ވަރަށް ހުސް ފުރުސަތެއް. ލިލީ ނަގައިދިން ހުރަހަކުން ލާއޮސް އޭރިއާ ތެރެއިން ދަގަނޑޭ މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އެ ބޯޅަ ރަނގަޅަށް ފަޔަކަށް ނޭރި.
ދަގަނޑޭ ނަގައިދިން ކޯނަރަކުން ލާއޮސް އޭރިއާ ތެރެއިން ލިލީ ފޮނުވާލި ބޯޅަ ލާއޮސް ޑިފެންޑަރުން ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.
ދެ ވަނަ ހާފްގެ ކުޅުން ފަށައިފި. ފެށީ ލައޮސް އިން.
ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ރާއްޖެ 1-0 ލާއޮސް. ރާއްޖޭގެ ލަނޑު މެޗުގެ 14 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސެންޓޭ.
ލާއޮސް ހާފުގެ ތެރެއިން އުމެއިރު ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ލިލީ ބޮލުން ޖައްސާލީ އޭރިއާ ތެރޭގައި ހުސްކޮށްހުރި ދަގަނޑޭ އަށް. ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ލާއޮސް ޑިފެންޑަރަކު އައިސް ބޯޅަ ބޭރުކޮށްލައިފި.
ލާއޮސްގެ މަނޮލޮމް އޭރިއާ ބޭރުން ފޮނުވާލި ބޯޅައިގައި އެއްވެސް ބާރެއް ނެތް. އިމްރާން ވަނީ ފަސޭހަ ކަމާ އެކު އެ ބޯޅަ އަތަށް ނަގާފައި.
ލާއޮސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ހަމްޕު ދިން ބޯޅަ އަސަދުﷲ އަށް ލިބުމުގެ ކުރިން ލާއޮސް ޑިފެންޑަރުން އެ ބޯޅަ ބޭރުކޮށްލައިފި. ހަމްޕު އަންނަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކަމުން.
ލާއޮސް އޭރިއާ ބޭރުން އެ ޓީމުގެ ސެންޑާއޯ ރާއްޖޭގެ އަސަދުﷲ އަށް ފައުލުކުރުމުން ރެފްރީ އޭނާ އަށް ރީނދޫ ކާޑު ދައްކައިފި.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިންނަށް އަންނަނީ އުނދަގޫތަކެއް ކުރިމަތިވުމަން.
ލިލީ އޭރިއާ ބޭރުން ނަގައިދިން ހުރަސް އަސަދުﷲ އަށް ލިބުމުގެ ކުރިން ލާއޮސް ކީޕަރު ހޯދައިފި. މިހާރު މެޗު ކުރިއަށްދަނީ ވިއްސާރައިގެ ތެރޭގައި.
ދަގަނޑޭ އަށް ލިބޭ ބޯޅަތަކުގައި ލާއޮސްގެ ދެ ކުޅުންތެރިއަކު އަންނަނީ އޭނާ ހުއްޓުވުމަށް މަސައްކަތް ކުރަމުން. އުމެއިރު އާއި އަޑުބަރޭ އަންނަނީ މެދުތެރޭގައި ރަނގަޅު ކުޅުމެއް ދައްކަމުން.
ލާއޮސް ޓީމުގެ ކޮނެސާވަން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުން. ކޮނެސާވަން އަކީ 2014 ވަނަ އަހަރު ކުޅުނު މެޗުގައި ރާއްޖެ ކޮޅަށް ލާއޮސްގެ ހަމައެކަނި ލަނޑު ޖެހި ކުޅުންތެރިއާ.
މި ސީޒަނުގައި މިހާތަނަށް ސެންޓޭ ވަނީ 18 ލަނޑު ޖާހައިފައި. އޭނާ ވަނީ 2014 ވަނަ އަހަރު ލާއޮސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ޖަހާފައި.
ސެންޓޭ މެޗުގެ 15 ވަނަ މިނިޓްގައި ރާއްޖެ އަށް ލީޑު ނަގައިދީފި. ލާއޮސް އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމަކުން އުމެއިރު ނަގައިދިން ބޯޅަ ލާއޮސް ޑިފެންޑަރުން ބޭރުކޮށްލުމުން އެ ބޯޅަ ހޯދުމަށް ފަހު ލިލީ ބޮލުން އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ލިބުނީ ސެންޓޭ އަށް. ސެންޓޭ ވަނީ ބާރު ޝޮޓަކުން ބޯޅަ މަތީ ކަނަށް އަމާޒުކޮށްލައިފައި.
ފުރަތަމަ ދިހަ މިނިޓްގެ ކުޅުން ނިމުނުއިރު ލާއޮސް އިން ކުޅެމުން އަންނަނީ ފަހަތަށް ޖެހިގެން. ރާއްޖޭން މެދުތެރެ ކޮންޓްރޯލް ހޯދައިގެން އެޓޭކް ކުރަން މަސައްކަތް ކުރަމުން އައިނަމަވެސް ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާއެއް އަދި ފޮނުވާނުލެވޭ.
ރާއްޖޭގެ އޭރިއާ ބޭރުން ލާއޮސްގެ ކޮނެސާވަން ފޮނުވާލި ބާރު ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުން. ލާއޮސް ޓީމުން އަންނަނީ ކައުންޓައެޓޭކުގައި ރާއްޖެ އަށް ނުރައްކާ ކުރަމުން.
ލާއޮސްގެ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމަކުން ދަގަނޑޭ ނަގައިދިން ބޯޅަ ލާއޮސް އޭރިއާ ތެރެއިން ލިލީ ބޮލުން ފޮނުވާލި ނަމަވެސް ލާއޮސް ކީޕަރު ފަސޭހަ ކަމާ އެކު ބޯޅަ އަތަށް ނަގައިފި.
ފުރަތަމަ ހާފްގެ ކުޅުން ފަށައިފި. ކުޅުން ފެށީ ރާއްޖޭން.
މިރޭގެ މެޗަށް ރާއްޖެ ނުކުތްއިރު މިއަދަކީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ އުފަން ދުވަސް.
ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ 2013 ވަނަ އަހަރު ލާއޮސް އަތުން 2-1 އިން ބަލިވެފައި. އެކަމަކު އެ ފަހަރު ޒުވާން ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންތަކެއް، ހިމެނުނު ސީނިއާ ޓީމުން ވަނީ 2014 ވަނަ އަހަރު ލާއޮސް އަތުން 7-1 އިން މޮޅުވި.
މިރޭގެ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ އަންނަ މަހު 11 ވަނަ ދުވަހު ލާއޮސްގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ.
ބަންގްލަދޭޝްއާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނުކުތް ފުރަތަމަ އެގާރައިގައި ހިމެނުނު ނާއިޒު ހަސަން (ދާދު) މިރޭގެ މެޗުގައި ނުކުޅޭނެ. ދާދުގެ މެޗުގައި މިރޭ ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ ހަމްޕު. ހަމްޕު ވަނީ ފަހު ހާފްގައި ކުޅެން އަރާ ބަންގްލަދޭޝް ކޮޅަށް ލަނޑު ޖަހާފައި.
ދަނޑުގެ ގޮނޑިބަރި އާއި އިރުމަތީ ފަރާތު ސިޑި ބަރި ވަނީ ގާތްގަނޑަކަށް ފުރިފައި. ގާތްގަނޑަކަށް ހުރިހާ ސަޕޯޓަރުން ތިބީ ރަތްހެދުމުގައި.
ރާއްޖޭގެ ފުރަތަމަ 11: އިމްރާން، މުހައްމަދު ރަޝީދު (ހޮކޭ)، ޝާފިއު އަހުމަދު، އަމްދާން އަލީ (އެންޑީ)، އަލީ ފާސިރު (ސެންޓޭ)، އަސްހަދު އަލީ (އަޑުބަރޭ)، އަސަދުﷲ އަބްދުﷲ، މުހައްމަދު އުމެއިރު، އަލީ އަޝްފާގް (ދަގަނޑޭ)، އަހުމަދު އަބްދުﷲ (ލިލީ)، ހަމްޒާ މުހައްމަދު (ހަމްޕު)
އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފުގެ ފުރަތަމަ ލެގުގައި ދިވެހިރާއްޖެ އާއި ލާއޮސް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!