11 ޖޫން 2019 - 11:57

ރ. އަތޮޅުގައި ތަރައްގީ ކުރާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު އަންނަ ސެޕްޓެމްބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

މި ރިސޯޓަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ރިސޯޓުތަކާއި ހޮޓެލް ތަރައްގީ ކުރާ ކުންފުންޏެއް ކަމުގައިވާ އިންޓަކޮންޓިނެންޓަލް ގްރޫޕުން ތަރައްގީީ ކުރާ ރިސޯޓެކެވެ. މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީ ޕްލޭނުގައި 35 މިނެޓު ތެރޭގައި ދެވޭނެ އެވެ.

މި ރިސޯޓުގައި 81 ވިލާ ހުރެ އެވެ. މީގެ ތެރޭގައި ބީޗް ވިލާތަކާއި ލެގޫން އަދި އޯވާ ވޯޓާ ވިލާތައް ހިމެނެ އެވެ. މި ވިލާތަކުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭއިރު ޕްރައިވެޓް ޓެރަހެއްގެ އިތުރުން ޕޫލެއް ވެސް ހުރެ އެވެ.
އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް ދެވޭނެ ފުރިހަމަ މަންޒިލެއްގެ ގޮތުގައި އެ ރިސޯޓުން ވަނީ ސިފަ ކޮށްފަ އެވެ. އެގޮތުން ކުޑަކުދިންނަށް ވަގުތު ހޭދަ ކޮށްލެވޭނެ ކިޑްސް ކްލަބެއް ހުންނައިރު އޯވާ ވޯޓާ ސްޕާ ވިލާތައް ވެސް މި ރިސޯޓުގައި ހުރެ އެވެ.
މި ރިސޯޓަކީ ހަނިފަރު ބޭއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ރިސޯޓަކަށްވާތީ ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންނަށް މިޔަރާއި މަޑިތަކާއެކު ސްނޯކްލިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ވަނީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ އެންމަޑިތަކަށް ހިމާޔަތް ދިނުމަށް މަންތާ ޓްރަސްޓާ އެކު ޕާޓްނާޝިޕް ވެސް ހަދައިފަ އެވެ.