10 ޖޫން 2019 - 20:45

ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރު ކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީން) އިން އިއުލާން ކޮށްފި އެވެ.
އެމްއެމްޕީއާރުސީން ހުޅުވާލީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހަ ގައުމެއްގައި ރާއްޖެ އިޝްތިހާރު ކުރާށެވެ. އެ ގައުމުތަކަކީ އެމެރިކާ، ޔޫކްރެއިން، ތައިލެންޑް، އިންޑިއާ، ރަޝިއާ އަދި ޗައިނާ އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރަން މި މަހުގެ 24 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އެ ކުންފުނިން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ގްލޯބަލް ކެމްޕެއިނުގެ ދަށުން ކަމަށެވެ. އިޝްތިހާރު ކުރާނެ ގައުމުތައް ކަނޑައެޅީ ރާއްޖެ އަށް އެންމެ ފައިދާވާނެ ގޮތަށް ބަލައިގެން ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.
"މި ފުރުސަތު ހުޅުވާލި ހަ ގައުމަކީ ވެސް ރާއްޖެ އަށް އެންމެ މުހިންމު މާކެޓުތައް. މި ގައުމުތަކުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް ފައިދާވާނެ،" ތޮއްޔިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަނީ އެ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ މި ކެމްޕެއިނުގައި ހަދާ ވީޑިއޯތަކާއި އިޝްތިހާރުތައް ބެލުމަށް ފަހު ކޮންމެ މީހަކު ވެސް ދަތުރެއް ބުކް ކުރުން" ތޮއްޔިބު ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރަން ކޭމްޕްތަކާއި ފެއާ އަދި ރޯޑް ޝޯ ފަދަ އިވެންޓްތައް ވެސް އެމްއެމްޕީއާރުސީން ބާއްވަ އެވެ.