07 ސެޕްޓެމްބަރ 2016 - 06:37

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
"ކީއްވެ ނަހަދަންވީ؟" ޖިންނި ވެސް ކުރީ ސުވާލެކެވެ. "ކީއްވެހޭ ނަހަދަންވީ؟ މުޅި ރާއްޖޭގަ އެ އޮތީ ސިހުރު. މާލޭގަ ސިހުރު. ހުޅުމާލޭގަ އެތައްމިތާނގަ އެހެރީ ސިހުރު ވަޅުލާފަ. ބާބަކިއު ހަދާ ދިމާގެ ގަސްތަކަށް ވެސް އެހެރީ ސިހުރުލާފަ. މިހާރު ވެސް އަހަރުމެން މި އުފުލަނީ ކަލޭމެން އެކަކުއަނެކަކަށް ހަދާފަ ހުރި ސިހުރުތައް. ސައްތައިންސައްތަ މުސްލިމުންނޭ ބުނީމަ ނިމުނީތަ؟ އަހަރުމެންނާ ކަލޭމެންގެ ތަފާތަކީ ކޮބާ؟ ކަލޭމެން ތި ހީކުރަނީ ސިހުރު ހަދާ މީހާ އަތުލައިގަނެވޭ ކަމަށްތަ؟ ތި އަތުލައިގަނެވެނީ ދިވެހިން. އޭގެ ތެރެއިން ވެސް ދެތިން މީހުން. ބިދޭސީން ލައްވާ ވެސް އެބަ ސިހުރު ހަދާ."
އަޝްރީތަ ވާހަކަދައްކާ ރާގުން ހީވަނީ އެއީ އޭނައަށް ފެނިފައިވާ ކަންތައްތަކެއް ހެންނެވެ. ޖިންނިޝައިތާނުންގެ ބަހަށް އިންސާނާ ހެއްލެނީ އެހެންވެއެވެ. އެކަމަކު، އެއީ ބެދޭމަޅިއެކެވެ.
"ކަލޭމެންނަކަށް ނޭނގޭ އެކައްޗެއް ވެސް،" މަލާމާތުގެ ރާގަކަށް އަޝްރީތަ ބުންޏެވެ. "އަހަރުމެން އަސްލު ކަލޭމެންނަށް އޮޅުވާލާފަ އޮންނާނީ. މީހުންގެ ނަންތަކާ، އެކައުންޓު ނަންބަރުތައް ވެސް އޮޅުވާލާފަ އޮންނާނީ. އެއްވެސް ނަންބަރެއް ނުހޯދޭނެ. ފެންނާނީ ނުބައި ނަންބަރުތަކެއް. އަހަރުމެން ބޭނުން މީހަކަށް ވެރިކަން ފުރޮޅާލާނަން. ބޭނުން ގޮތަކަށް ވޯޓު ވެސް އޮޅުވާލާނަން. މަޤާމުތައް ވެސް އަހަރުމެން ބޭނުން ގޮތަކަށް ބަހާލާނީ."
އެ ގޮތުގައި ފަންސަވީހަކަށް މިނެއްޓު ހޭދަވިއެވެ. އެ ޝައިތާނާ ދެއްކީ އޭނަ ދައްކަން ބޭނުންވެފަ ހުރި ވާހަކައެވެ. ޖިންނިޝައިތާނުން ތެދެއް ބުނެފާނެކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. ދަނޑިވަޅެއް ލިބިއްޖެއްޔާ ދޭތެރެޖައްސާނެއެވެ. ޝައްކު އުފައްދާނެއެވެ. ވަސްވާސްދީ މަގުފުރައްދާނެއެވެ. ތެދެއްހެން ހީވާ ބަހުރުވައިން ދޮގުހެދުމަކީ ޖިންނިޝައިތާނުންގެ ހުނަރެކެވެ. ހާދީ ވެސް އެ އަޑެއް ނޭހިއެވެ.
"ކަލޭ ބޭކާރު ވާހަކަ ނުދައްކާ! ތީ ޝައިތާނެއް. ކަލޭ ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނަން،" ޖެހިލުމެއް ނެތި ހާދީ ބުންޏެވެ. "ކަލެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ، އިސްލާމްދީން ގަބޫލުކުރުން."
ހާދީއަކީ، ނުކިޔަމަންތެރި ޖިންނީންނަށް ދީނަށް ގޮވައިލުމަށް ފަހު، އިންކާރު ކޮށްފިއްޔާ އަދަބުދޭ މީހެކެވެ. ޙަޤީޤަތުގައި އެއީ ކަން ކުރަންވާ ގޮތެއް ނޫނެވެ. އަހަންނަށް އެ ކަން އެނގުނީ ފަހުންނެވެ. އަލިފާނުން އަދަބުދިނުމަކީ އިންސާނުންނަށް އޮތް ކަމެއް ނޫނެވެ. އިސްލާމްދީން ގަބޫލުކުރުމަށް ހާދީ ދިން ދަޢުވަތަށް ޖިންނި ފާޅުގައި ދެކޮޅުހެދިއެވެ. ބޮޑާވެގަތެވެ. ހާދީ ހަތިޔާރަކަށް ނެގީ ފެންފުޅިއެވެ. އަހަރެންގެ ގަޔަށް ފެންޖަހައިލުމާއެކު ޖިންނީގެ ގައިގެ އެތައްމިތަނުން ފޮޅުނަގައި ކެކެން ފެށިއެވެ. ސިޔާސީ ވާހަކަ ދެއްކުން ހުއްޓައިލީ އެ ހިސާބުންނެވެ.
"ހުމޭރަށް ސިހުރު ހެދީ ކާކު؟" އަމުރުވެރި ރާގެއްގައި ހާދީ ބުންޏެވެ. "ކުރާ ސުވާލަށް އެކަނި ޖަވާބުދީ! އޭރުން އެންމެންގެ ވެސް ވަގުތު ސަލާމަތްވާނެ."
"ހުވަދުއަތޮޅު މީހެއް،" ޖިންނި ޖަވާބުދިނެވެ. "އޭނަގެ ގެއެއް ވެސް ނަމެއް ވެސް ނުބުނާނަން. ދެން ކަލޭ އަމިއްލައަށް ހޯދާ! ކަލޭ ނުޖެހޭނެ މަގޭ އެހީ ހޯދާކަށް."
"ފަހު ފަހަރަށް މި ބުނަނީ،" ހާދީ އިތުރު ފުރުޞަތެއް ދިނެވެ. "އިސްލާމްދީން ގަބޫލުކުރޭ!"
"ނުކުރާނަން،" ޖިންނި ދިނީ ކުރު ޖަވާބެކެވެ. "ފަހު ފަހަރަށް މަ ވެސް މި ބުނީ."
އާންމު ގޮތެއްގައި ވާހަކަދައްކަނީ ފަހަރަކު ޖިންނިއެކެވެ. އެކަމަކު ބައެއް ފަހަރު، އަށެއްކަ ޖިންނި އެއްފަހަރާ ވެސް ވާހަކަދައްކައެވެ. ޖުމުލައިގެ އެކި ހިސާބު އެކި އެއްޗެހި ވެސް ކިޔައެވެ. އެވެރިންނަށް އެއީ މަޖާގަނޑެއް ކަހަލައެވެ. އަނިޔާ ލިބުނަސް ދެރަ ގަބޫލެއް ނުކުރެއެވެ. ގޮތެއް ދުލެއް ނުކުރެއެވެ. އޭގެ ތެރޭގައި ވަރަށް ވަރުގަދަ އެއް ޖިންނި އުޅުނެވެ. އެއީ މާރިދެކެވެ.
"މަށަކީ ވަރުގަދަ މާރިދެއް. ނަން އެނގޭތަ؟ އަޝްރީތަ،" ހާދީއާ ދިމާއަށް އަޝްރީތަ ބުންޏެވެ. "ހުރިހާ މާރިދުންގެ ތެރޭގަ ވެސް ނުހުންނާނެ އަހަރެންހާ ވަރުގަދަ ޖިންނިއެއް. މަގޭ ކުރިމައްޗަށް ކޮންމެ އެއްޗެއް އެރިޔަސް ކޮށާލާނަން. މަ ނުގަންނާނެ އެއްވެސް ބިރެއް."
ބިރުގަންނަވައިގެން އަޤީދާ ބަލިކަށި ކުރުމަކީ ޖިންނިން ގެންގުޅޭ ހަތިޔާރެކެވެ. ހާދީއަށް އެ ކަން އެނގެއެވެ.
"އެންމެ ރަނގަޅު،" ހާދީ ބުންޏެވެ. "ތިހާ ވަރުގަދަކަމަށް ދަޢުވާ ކުރަންޏާ ކަލޭ ބުނެބަލަ ހުމޭރަށް ސިހުރު ހަދަނީ ކާކުކަން؟ ބުންޏަސް ކަލެއަށް ލިބޭނެ ދެރައެއް ނެތެއްނު."
"މި ބައްރުގަ ތިބޭނެ ގަދަ ފަސް ސިހުރުވެރިން،" ޖަވާބުގައި އަޝްރީތަ ބުންޏެވެ. "އެއީ، ސީދާ އިބިލީހުގެ ވާގި ލިބޭ ފަސް ސިހުރުވެރިން. އެ ތަނުން އެކަކު ހުމޭރަށް ސިހުރުހަދަނީ. އެ ވަރުން ފުދޭނެތަ؟"
އަހަރެން ވަރަށް ޖެހިލުންވިއެވެ. ހިތް ނުތަނަވަސް ކުރުވިއެވެ. އެހާ ކުޅަދާނަ މީހަކު ލައްވާ އަހަންނަށް ސިހުރު ހަދާތީއެވެ. އަހަރެން ފަދަ މީހަކަށް ސިހުރުހަދަން އެހާ "މޮޅު" މީހަކު ހޯދީ ކީއްވެ ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ ކާކު ހެއްޔެވެ؟ ވަރަށް މަސައްކަތް ކުރެވުނެވެ. އެކަމަކު، އެ އިން އެއްވެސް ސުވާލަކަށް އަޝްރީތަ ޖަވާބެއް ނުދިނެވެ. ބާކީ ތިބި ހަތް ޖިންނީންގެ ތެރޭގައި ވަރަށް ތުއިވެގެން އުޅުނު ސަކަ މިޒާޖުގެ ފިރިހެން ޖިންނިއެއް އުޅުނެވެ. ނަމަކީ ތަނޮސްއެވެ. އެއީ، އިންސާނުންގެ ތެރޭގައި އުޅޭ އެ ފަދަ މީހުންނާ ދާދި އެއްކަހަލަ މިޒާޖެއްގެ ޖިންނިއެކެވެ. ކޮންމެ ޖިންނިއެއް ވާހަކަދައްކަން ފަށާއިރަށް އެ ޖިންނިއެއްގެ ހުންނަ ޚަރަކާތްތައް އަހަރެންގެ ހަށިގަނޑަށް ވެރިވެއެވެ. އެ ޖިންނީގެ ސިފަތައް ވެސް ކޮންމެވެސް ވަރަކަށް އަހަރެންގެ ހަށިގަނޑަށް ވެރިވެއެވެ. ތަނޮސް ވާހަކަދައްކަން ފަށާއިރަށް އޭނަގެ ތުންފަތް ހުންނަހެން އަހަރެންގެ ތުންފަތް ފުރޮޅެއެވެ. އޭނަ ފަދައިން އަހަންނަށް ވެސް ވާހަކަދެއްކެނީ ރަނޑުކޮށެވެ. އަންހެން ޖިންނިއެއް ވެސް އުޅުނެވެ. ނަމަކީ، ޗާނިޔާއެވެ. އޭނައަކީ ޔަހޫދީއެކެވެ. އެކަމަކު ވާހަކަދައްކަނީ ދިވެހިބަހުންނެވެ. ވާހަކަދެއްކުމުގެ ބަދަލުގައި އޭނަ ގިނައިން ކިޔަނީ ލޯބީގެ ލަވައެވެ. ލޯބީގަ ފަނާވާތީ ހިތާއޭ ކިޔާފަ ކިޔާ ލަވައެއް އިރުއިރުކޮޅާ ކިޔައެވެ. ދެން ބެހެން ފެށީ ރާޤީއާއެވެ.
"ކަލޭގެ ތުނބުޅި ހާދަ ރީއްޗޭ!" ޗާނިޔާ ލާނެތްވެލައިފައި ބުންޏެވެ. "އެހެރަ މީހާ މަށަކަށް އެހާ ރީއްޗެއް ނޫން."
އިންސާނުންގެ ހަށިގަނޑަށް ވަދެވުމުން، ބައެއް ޖިންނީންނަށް މަސްތެއް އިހުސާސްކުރެވޭ ކަހަލައެވެ. ހާދީގެ ސުވާލަށް ޖަވާބުނުދީ ބޭކާރު ވާހަކަދައްކަނިކޮށް އަޝްރީތަ ހަޅޭއްލަވައިގަތެވެ. ތެޅިފޮޅެން ފެށިއެވެ. އޭނަ ކުރާ ހަރަކާތްތައް އަހަންނަށް ކުރެވެއެވެ. ފުންމައިގެން އެނދަށް އަރައި ބާލީސްތަކާއި، ބަރު ގޮދަޑި ވެސް އެއް އަތުން ނަގައި ހޫރައިލީމެވެ. ޙަޤީޤަތުގައި އެއީ އެކަކު އެކަންޏަށް ހޫރައިލެވޭނެ އެއްޗެއް ނޫނެވެ. އަހަރެން އެ ކަން ކުރިޔަސް އެއީ އަޝްރީތަގެ ބާރެވެ. ގޮދަޑި ހޫރާލުމަށް ފަހުން އަހަރެން ގެންގޮސް ފާރުގައި ތަތްކޮށްލިއެވެ. އަހަރެންގެ ހަތަރެސްފައި ވެސް ހުރީ ފާރުގައި ތަތްވެފައެވެ. އެކަމަކު އަހަންނެއް ނުވެއްޓެއެވެ. ވެއްޓި އަނިޔާއެއް ވެދާނެތީ އެހެން މީހުން އައިސް އަހަރެން އެނދުމަތީގައި ބޭއްވިއެވެ. އެކަމަކު، އެތައް ބަޔަކު އެކުވެގެން ވެސް އަހަރެން ކޮންޓުރޯލެއް ނުކުރެވެއެވެ. އޭރު އިރު އޮއްސެނީއެވެ. އަހަރެން އޮތީ ލޯމަރައިގެންނެވެ. އެކަމަކު، އެ ތަނުގައި ހިނގާ ހުރިހައި ކަމެއް އަހަންނަށް ފެނެއެވެ. އެ ތަނުގައި ތިބި މީހުން ވެސް ފެނެއެވެ.
"އަހަރުމެންގެ ގަޑިޖެހެނީ. ކަލޭމެން އެންމެން މިހެންމިހެން ކޮށައިލާނަން،" އަތުން ގޮތް ދައްކައިލައިމުން އަޝްރީތަ ބުންޏެވެ. "އިރުއޮއްސޭ ވަގުތު ކަލޭމެންނަށް ވުރެ އެތައް ގުނައެއް އަހަރުމެން އިތުރުވާނެ."
ބައްޕަ ބިރުގަތީ އަހަރެން ކޮންޓުރޯލު ނުކުރެވިދާނެތީއެވެ. މި ކަންކަން އަހަންނަށް އެނގުނީ ފަހުންނެވެ. ބާރަ މީހުން ގެނައެވެ. އޭގެ ތެރޭގައި ގިނައީ ނަމާދުކޮށް ރަނގަޅަށް އުޅޭ މީހުންނެވެ. ޖަލީލު ފިޔަވައެވެ. ޖަލީލަކީ ނަމަކަށް މުސްލިމެކެވެ. ހެޔޮކަމެއް ނުކުރާ ތާނގައި ނުބައި ކަންކަމަށް ދެވިހިފައިފައި ހުރި މީހެކެވެ. އަހަރެންގެ ގައިގައި އެ އެންމެން ހިފަހައްޓައިގެން ތިބިއިރު ވެސް އަހަރެން ކޮންޓުރޯލެއް ނުކުރެވެއެވެ. އަޝްރީތަ ނިކަން ބާރަށް ޖަލީލާ ދިމާއަށް ހަޅޭއްލަވައިގަތެވެ.
"ކަލޭތީ ކާފަރެއް،" ވަރުގަދަ އަޑަކުން ޖަލީލާ ދިމާއަށް އަޝްރީތަ ހަޅޭއްލަވައިގަތެވެ. "ފުރަތަމަ މަރާލާނީ ކަލޭ!"
އަހަރެންގެ ގައިން ދޫކޮށްލުމަށް ފަހު ޖަލީލު ދުވެ ފިލިއެވެ. އަހަންނަށް އެނގުނު ގޮތުގައި އެ ފަހަރު ޖިންނި ބުނީ ތެދެކެވެ. ޖިންނީންނަށް އެ ކަހަލަ ކަންކަން އެނގެނީ ކިހިނެއްކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ.
"އަހަރުމެންނަށް އަނިޔާކުރުން ހުއްޓައިނުލައިފިއްޔާ ހުމޭރަށް އަހަރުމެން ވެސް އަނިޔާކުރާނަން،" އަޝްރީތަ އިންޒާރުދިނެވެ. "މި ފަށަނީ."
"ﷲ އިރާދަކުރެއްވިއްޔާ ކަލޭމެންނަކަށް ނުކުރެވޭނެ އެއްކަމެއް ވެސް." ހާދީ ކުޑަކޮށް ވެސް ޖެހިލުމެއް ނުވެއެވެ.
ހާދީ ކިޔަވަން ފެށިއެވެ. އަޝްރީތަ ވަރަށް ގަދަހެދިއެވެ. އެހެންނަމަވެސް، ޤުރްއާންގެ ކުރިމަތީގައި އެ މާރިދަށް ގަދައެއް ނުހެދުނެވެ. ކިޔަވަމުން ހާދީގެ ޝަހާދަތް އިނގިލިން ވައިތެރޭގައި ވައްބުރުތަކެއް އަޅައިލިއެވެ. އެއާއެކު އަޝްރީތަ ގައިގައި ހިލިހިލާޖެހިގެން އައިސް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އެއްވެސް އަތަކަށް ހިރި ވެސް ނުލެވުނެވެ. ހާދީ ހުއްޓައިނުލައި ދީނަށް ގޮވައިލިއެވެ. އިސްލާމްދީނުގެ މަތިވެރިކަމާއި، ﷲގެ ކުރިފުޅުމަތީގައި ޝައިތާނުން ކިހާ ބަލިކަށިކަން އޮޅުންފިލުވައިދިނެވެ. މުސްލިމުންނަށް ހުރި ދަރުމަ އާއި ސުވަރުގޭގެ އުފާވެރި ޚަބަރާއި، ނަރަކައިގެ ބިރުވެރިކަން ތަކުރާރުކޮށް ކިޔައިދިނެވެ. ކުޅަދުންވަންތަކަމުގެ ހެކިތައް ބުނެދިނެވެ. އެ މާރިދު ހަތިޔާރު ބެހެއްޓީ އެ ހިސާބުންނެވެ.
"ދެން ހުއްޓާލާ!" އަޝްރީތަ އެދުނެވެ. "ތިއަކު ނެތް ދޮގެއް. ތީ ހަދައިގެން ދެއްކޭނެ ވާހަކައެއް ނޫން. މަ ބޭނުން އިސްލާމްވާން. ކިހިނެއް ހަދަންވީ؟"
އަޝްރީތަ ޝަހާދަތް ކިއެވެ. އޭރު އަހަންނަށް އޭނަ ފެންނަނީ ބައެއް ފަހަރުއެވެ. ގިނަ ވަގުތު އިވެނީ އަޑެވެ. އަޑުތައް ތަފާތުކަމުން އެއީ ކާކުކަން ފާހަގަކުރަން އެނގެނީއެވެ. އެހެންނަމަވެސް، ފަހުން އެ ފަދަ މަންޒަރު ފެންނަން ފެށުމުން ކަންތައް ހިނގައިގެންދާނެ ގޮތް ވިސްނެވެ. އިސްލާމްވުމާ އެކު ޖިންނީންގެ ހަށިތައް ނޫރަކުން ބަބުޅަން ފަށައެވެ. މުޅި ތަނަށް އޭގެ އަލިކަން ފެތުރެއެވެ. ކުއްލިއަކަށް އެ ޖިންނި ރޯން ފެށި އަޑު އިވުނެވެ. ދަރިފުޅު މަރުވެގެން ބައްޕަ ރޯ ކަހަލަ ގޮތަކަށެވެ. އެ ވަރަށް އޭނަ ހިތުގައިޖެހުނެވެ.
"ކަލޭ ތި ރޮނީ ކީއްވެގެން؟" ހާދީ ސުވާލުކުރިއެވެ.
ނުނިމޭ