10 ޖޫން 2019 - 14:07

ރިސޯޓުތަކުގެ ގޮނޑުދޮށް ހަދަން އެހެން ތަންތަނުން ވެލި ނެގުމުގެ ހުއްދަ ދިނުމުގެ އުސޫލު އުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ ކަނޑުގެ ދިރުންތައް އާލާކޮށް، ފަޅުތައް ހިމާޔަތްކުރުމުގެ ބޭނުމުގައި ކަމަށެވެ.
ރިސޯޓުތަކުގެ ގޮނޑުދޮށް ރީތި ކުރުމަށް އެ ރިސޯޓެއްގެ އިހްތިސާސުން ބޭރުގައިވާ ފަޅުތަކުން ވެލި ނެގުމަށް ހުއްދަ ދިނުމުގެ ގޮތުން 2017 ވަނަ އަހަރު އުސޫލެއް އެކުލަވައިލި ނަމަވެސް އެ އުސޫލަށް އަމަލުކުރުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް މީހުން ތިމާވެއްޓަށް އިހުމާލުވެ، ގާނޫނާއި ގަވައިދާ ހިލާފު އަމަލުތައް ހިންގާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި ތިމާވެއްޓަށް އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅިގެން މިދިޔަ އޭފްރީލް މަހާއި މެއި މަހު ވެސް އެ މިނިސްޓްރީން ސާކިއުލާއެއް ނެރުނެވެ. ނަމަވެސް އަދިވެސް މިފަދަ ކަންކަމުގައި ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން އިހުމާލުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.