ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމާ ގުޅޭ ބޮޑު ކޮންފަރެންސެއް ބާއްވަނީ
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމާ ގުޅޭ ބޮޑު ކޮންފަރެންސެއް ބާއްވަނީ

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމާ ގުޅޭ ގޮތުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ފޯރަމާ އެކު ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމާ ބެހޭ ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް މި މަހުގެ 27،28 ގައި ބާއްވާ ކޮންފަރެންސް ކުރިއަށް ގެންދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، ކޮންފަރެންސްގެ ފުރަތަމަ ދުވަސް ޓޫރިޒަމް ސިނާއަތުގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ހާއްސަކޮށްފައި ވާއިރު، ދެވަނަ ދުވަހު އޮންނާނީ ޓޫރިޒަމް އިޝްތިހާރު ކުރުމާ ގުޅޭ މަޝްވަރާތައް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފުރަތަމަ ދުވަހު ބާއްވާ "ހައި ލެވެލް ޓޫރިޒަމް އިންޑަސްޓްރީ ފޯރަމް"ގައި ސަރުކާރުގެ ކަމާއި ބެހޭ އިސް ފަރާތްތަކާއި ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ޓޫރިޒަމް ސިނާއަތް އިތުރަށް ތަރައްގީކޮށް، ކުރިއަރުވަން ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގައި ހިޔާލު ހޯދާނެ އެވެ. މި ފޯރަމް ބާއްވަނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ތިމާވެށްޓާއި ދަތުރުފަތުރުގެ ނިޒާމުގެ އިތުުރުން މީހުން ބިނާކުރުމެވެ.

ދެވަނަ ދުވަހު އޮންނަ "ޑެސްޓިނޭޝަން މާކެޓިން އެންޑް ޕްރޮމޯޝަން ކޮންފަރެންސް"ގައި ބައިވެރިވަނީ ޓޫރިޒަމް އިޝްތިހާރު ކުރުމުގައި އުޅޭ ފަރާތްތަކާއި ރިސޯޓުތަކުގެ އިސްވެރިންނެވެ. މި ދާއިރާއިން މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންފަރެންސްގައި ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ދިރާސާކޮށްގެން ޓޫރިޒަމް އިޝްތިހާރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

"މި ކޮންފަރެންސްގައި އެންމެ މުހިއްމުކަމެއް ދެވޭނީ 2017 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާނެ ކަންކަން ކަނޑައެޅުމަށް ހިޔާލު ބަދަލުކުުރުމަށާއި މަޝްވަރާ ކުރުމަށެވެ،" ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބޭރުގެ ތަޖުރިބާކާރުން ވެސް ބަައިވެރިވެ މައުމޫލާތާއި ތަޖުރިބާ ހިއްސާ ކުރުމަށް ކޮންފަރެންސްގައި ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ޕީއާރު ކުންފުނިތަކުގެ ބޭފުޅުންނާއި ސޯޝަލް މީޑިއާގެ ތަޖުރިބާކާރުންނާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް ހިމެނެ އެވެ.

ޓޫރިޒަމް ސިނާއަތުގެ ކޮންފަރެންސެއް ބާއްވަން މި ނިންމީ ރާއްޖޭގެ ޓޫރިޒަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރަން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ރާއްޖޭގެ ޓޫރިޒަމް އަޑިއަޅާލާފައި އޮތުމަށް ފަހު މިހާރު އަނެއްކާ ވެސް ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އެކަމަކު، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗަައިނާ ފަދަ މުހިއްމު މާކެޓުތައް ދަށަށް ދިއުމުގެ ބިރު އެބައޮތެވެ.