10 ޖޫން 2019 - 12:36

އާއިލާއާ އެކު މިދިޔަ ހަފުތާގައި ރާއްޖެ އައި ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީއާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައްދަލު ކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވިވެކާ އެކު ބޭއްވި ބައްދަލުވުމުގައި އިންޑިއާގައި ރާއްޖެ ޕްރޮމޯޓް ކުރުމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ރާއްޖެއާ ބެހޭ ގޮތުން ވިވެކް ފާޅުކުރި ޝުއޫރުތަކަށް މަރުހަބާ ކިޔާ ކަމަށް ވެސް ބުންޏެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރާއްޖެ އައި ވިވެކް ޗުއްޓީ ހޭދަ ކުރަނީ ރ. އަތޮޅުގައި އަދާރަން އިން ހިންގާ ހެރިޓެންސް އާރަށުގަ އެވެ. މި ދަތުރުގައި ވިވެކާ އެކު އޭނާގެ މަންމަ އާއި ބައްޕަ އާއި އަންހެނުންނާއި ދެ ކުދިން ވެސް ބައިވެރިވެ އެވެ. އަދި މިއީ ވިވެކް އާއިލާއާ އެކު ރާއްޖެ އައި ދެވަނަ ފަހަރު ވެސް މެ އެވެ.
އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން މި ފަހުން ޗުއްޓީ ހޭދަ ކުރާ މަންޒިލަކަށް ރާއްޖެވެފައިވާ އިރު، ރާއްޖެ އަށް މި ސަރަހައްދުގެ ގައުމުތަކުން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމަކީ ވެސް އިންޑިއާ އެވެ.
އިންޑިއާގެ ފިލްމުތަކާއި ފިލްމީ ތަރިންނަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ބައެކެވެ.
ވިވެކް ޗުއްޓީ އަށް މި ފަހަރު ރައްޖެ އައިސްފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އަށް ވަޑައިގަތް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް އޭނާ ކުޅުނު ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" މިދިޔަ މަހުގެ 24 ގައި ރިލީޒްކޮށްފައި ވަނިކޮށެވެ.