06 ސެޕްޓެމްބަރ 2016 - 15:20

ޖެނީވާ (ސެޕްޓެމްބަރު 6) - ހުޅަނގުގެ ބައެއް ސިޔާސީ މީހުންނާއި އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕުގެ ސިޔާސަތުތަކަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު ހުސައިން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޒައިދު ވިދާޅުވީ ހޮލެންޑުގެ ކަނާތު ފިޔައިގެ ސިޔާސީ ލީޑަރު ގީޓް ވިލްޑާސް އާއި ޑޮނަލްޑް ޓްރަމްޕާއި އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް ކެމްޕޭން ކުރެއްވި ނައިޖެލް ފަރާޖް ފަދަ ސިޔާސީ މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ވިސްނުން ގެންގުޅޭ ބައެއް ކަމަށެވެ.
ވިލްޑާސް މިދިޔަ މަހު އާއްމުކުރި އިންތިޚާބީ މެނިފެސްޓޯގައި ވަނީ އޭނާ އިންތިޚާބު ވެއްޖެ ނަމަ ހޮލެންޑުގެ ހުރިހާ މިސްކިތެއް ބަންދުކޮށް ގުރުއާން ކިޔެވުން މަނާކޮށް އަދި މުސްލިމުން އެ ގައުމަށް ވަނުން މަނާކުރާނެ ކަމަށެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އަންނަ އަހަރު ހޮލެންޑުގައި އޮންނަ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ވިލްޑާސްގެ ފްރީޑަމް ޕާޓީ އެވެ.
ދަ ހޭގުގައި އޮތް ޕީސް، ޖަސްޓިސް އެންޑް ސެކިއުރިޓީ ފައުންޑޭޝަނުގެ ބައްދަލުވުމުގައި ޒައިދު ވިދާޅުވީ ފްރީޑަމް ޕާޓީގެ މެނިފެސްޓޯ އަކީ ވަރަށް "ހުތުރު" އެއްޗެއް ކަމަށާއި ޓްރަމްޕާއި ހަންގޭރީގެ ބޮޑު ވަޒީރު ވިކްޓާ އޯބަން، ފްރާންސްގެ ނޭޝަނަލް ފްރަންޓުގެ ލީޑަރު މަރިން ލެ ޕިން އަދި އިނގިރޭސި ވިލާތުގެ އިންޑިޕެންޑެންޓު ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖަކީ އެއް ވިސްނުމުގެ ބައެއް ކަމަށެވެ.