29 މެއި 2016 - 11:38

ބޮލީވުޑްގައި އަލަށް ވިދަމުން އަންނަ ކުޅަދާނަ ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް، ފިލްމު އެކްޓަރު ސަލްމާންގެ ކިބައިން މައާފަށް އެދި ފޭސްބުކްގައި ޕޯސްޓްކުރި ސިޓީ ސަލްމާނަށް ފެނިފައިވީ ނަމަވެސް މިހާރު ބެލެވޭ ގޮތުން އަރިޖީތަށް މާފު ކުރަން ސަލްމާން ތައްޔާރެއް ނޫނެވެ. އަދި "ސުލްތާން" އަށް އަރިޖީތު ކިޔައިދިން ލަވަ ރާހަތު ފާތިހު އަލީ ޚާން ލައްވާ ރެކޯޑްކުރުވަން ސަލްމާން އާއި ފިލްމު އުފައްދާ ފަރާތުން އެއްބަސްވެފައިވާ ކަމަށް ވެސް ބޮލީވުޑުން ލިބޭ ޚަބަރުތައް ބުނެ އެވެ.
"ޖަގް ގޫމިޔާ" ކިޔާ މި ލަވައަކީ ފިލްމުގައި ހިމެނޭ އެންމެ އަސަރުގަދަ ލަވަ ކަމަށް ވެ އެވެ. އެހެންކަމުން ރާހަތު ކަހަލަ އަސަރު ގަދަ އަޑެއްގެ ވެރިޔަކަށް މި ލަވަ އަށް މާ ރަނގަޅަށް އިންސާފު ކުރެވޭނެކަމަށް ވެސް ފިލްމު އުފައްދާ ފަރާތުން މިހާރު ގަބޫލު ކުރާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ބުނެފައި ވެ އެވެ. ނަމަވެސް ރަސްމީކޮށް މިކަމާ ގުޅޭ އެއްވެސް ވާހަކައެއް ސަލްމާން ވެސް އަދި "ސުލްތާން" އުފައްދާ ފަރާތުން ވެސް ދައްކާފައެއް ނުވެ އެވެ.
އަދި ފިލްމުގެ މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީ ވެސް އަރިޖީތު-ސަލްމާން މައްސަލައާ ގުޅޭ ގޮތުން މީޑިއާ އަށް ވާހަކަދައްކަން ބޭނުންނުވާ ކަމަށް ބުނެފައި ވެ އެވެ.
ވިޝާލް މިއުޒިކް ތައްޔާރުކޮށްދިން "ޓީން"ގެ މިއުޒިކް އިވެންޓެއްގައި ވިޝާލް ގާތު ނޫސްވެރިން އަރިޖީތު-ސަލްމާން މައްސަލައާ ގުޅޭ ސުވާލުތައް ކުރަން ފެށުމުން އޭނާ ދިނީ ވަރަށް ރުންކުރު ޖަވާބެކެވެ. އޭނާ ބުނީ އެ ތަނަށް އައިސް ހުރީ "ޓީން"ގެ މިއުޒިކާ ބެހޭ ގޮތުން ވާހަކަ ދައްކަން ކަމަށާއި "ސުލްތާން"ގެ މިއުޒިކާ ބެހޭ ގޮތުން އެ ތަނުގައި ވާހަކަ ދެއްކެން ނެތް ކަމަށެވެ.
އަރިޖީތު ދެކެ ސަލްމާން ހިތްހަމަނުޖެހުނީ މީގެ ތިން އަހަރު ކުރިން ބޭއްވި އެވޯޑު ޝޯއެއްގައި އެވޯޑެއް ބަލައި ސްޓޭޖަށް އަރާފައި ސަލްމާން ހިތްހަމަނުޖެހޭ އެއްޗެއް އޭނާ އަށް ބުނެވިގެން ކަމަށް ވެ އެވެ.
މުމްބާއި މިރާ އަށް އަރިޖީތު ދީފައިވާ އިންޓަވިއުއެއްގައި އެ ކަން ވީ ގޮތް އޮޅުން ފިލުވައިދީފައި ވެ އެވެ. އޭނާ ބުނީ އެ ފަހަރު ލިބުނު އެވޯޑަކީ އޭނާގެ ކެރިއަރުގެ ފުރަތަމަ އެވޯޑަށް ވާތީ އޭނާ ހުރީ ވަރަށް ހާސްވެފަ އެވެ. އެ އެވޯޑު ޝޯ ހޯސްޓްކުރީ ސަލްމާން ޚާނެވެ. ބެލެވޭ ގޮތުން އަރިޖީތު ހުރީ އެވޯޑު ލިބޭނެ ކަމަށް އުންމީދު ކޮށްގެނެއް ވެސް ނޫނެވެ. އާދައިގެ ފައިވާނަކަށް އަރައި ހެދުން އަޅާފައި ވެސް ހުރީ އެވޯޑެއް ބަލާ މީހަކު ދާން ތައްޔާރުވެފައި ހުރި ގޮތަކަށް ނޫނެވެ. ބޯވެސް ހޭވި އޭނާ ހީވަނީ ދެންމެ ދެންމެ ނިދާ ހޭލައިގެން އައިސް ހުރި ހެންނެވެ.
އަރިޖީތު މަޑުމަޑުން އައިސް ސްޓޭޖަށް އެރުމުން "ނިދުނީތޯ؟" ސަލްމާން ސުވާލު ކުރި އެވެ. އޭނާ ބުނީ "ތި މީހުންނާ ހެދި ނިދުނީ" ކަމަށެވެ. އަރިޖީތަށް ޖަވާބު ދެމުން ސަލްމާން ބުނީ "އޭގައި އެ މީހުންގެ އެއްވެސް ކުށެއް ނެތް ކަމަށާއި އޭނާ އެ ކަހަލަ ލަވަ ކިޔާތީ ވާ ގޮތެއް" ކަމަށެވެ.
އެވަގުތު ސަލްމާން އެއްވެސް ވަރަކަށް އަރިޖީތުގެ ވާހަކައާ ހިތްހަމަނުޖެހުނުކަމެއް ފާޅެއް ނުކުރެ އެވެ.
އަރިޖީތު ބުނެފައިވާ ގޮތުގައި އޭނާ އަށް ބުނެވުނީ އެހާ ރަނގަޅު އެއްޗެއް ނޫންކަން ވިސްނުމުން އެވޯޑާ ހަވާލުވެފައި ސަލްމާނާ ސަލާން ކޮށްލަމުން އޭނާގެ ކަންފަތް ދޮށުގައި ސޮރީއޭ ބުންޏެވެ. އަދ ހަމަ އެރޭ މައާފަށް އެދި ނޯޓެއް ލިޔެ ސަލްމާނަށް މެސެޖު ވެސް ކުރި ކަމަށެވެ. އަރިޖީތު ކުރި މެސެޖަށް އަނެއް ދުވަހު ހެނދުނު ސަލްމާން ޖަވާބު ދިން ކަމަށާއި އޭނާގެ ޖަވާބުން އަރިޖީތު ކަންތައް ކުރި ގޮތުން ވަރަށް ހިތްހަމަނުޖެހި ރުޅި އައިސްފައިވާ ކަން ހާމަވާ ކަމަށް އަރިޖީތު ބުންޏެވެ. އަދި ރަނގަޅަށް އުޅޭނެ ގޮތުގެ އިރުޝާދު ވެސް ދީފައިވާ ކަމަށް އަރިޖީތު ބުންޏެވެ.
ހަމަ އެއާއެކު ދެން އެންމެ ރަނގަޅު ކަމަށް ވެސް ސަލްމާން ބުނެފައިވާ ކަމަށް ވެ އެވެ.
ސަލްމާން އޯކޭއޭ ބުނެފައިވާތީ އަރިޖީތު ހުރީ ހިތްހަމަޖައްސާލައިގެން އެ މައްސަލަ އެ ހިސާބުން ނިމުނީ ކަމަށް ނިންމައިގެންނެވެ. ނަމަވެސް ސަލްމާން އޭނާ އަށް މައާފް ނުކުރާކަން އަރިޖީތަށް ފަހުން އެނގުމުން ފާއިތުވީ ތިން އަހަރުއްސުރެ ސަލްމާން ކިބައިން މައާފަށް އެދެމުން ދިޔަ ކަމަށް އަރިޖީތު ބުންޏެވެ. އަދި އޭނާ އަށް އެކަން ޔަގީންވީ "ސުލްތާން" އަށް އަރިޖީތު ލަވައެއް ކިޔައިދިން ކަން ސަލްމާނަށް އެނގި އެ ލަވަ ފިލްމުން ކަނޑާލަން ސަލްމާން އެންގިކަން އެނގުނު ހިސާބުންނެވެ.
ފޭސްބުކްގައި އޭނާ ސަލްމާންގެ ކިބައިން މައާފަށް އެދި ސިޓީއެއް ޕޯސްޓްކުރީ އެކަން އެނގުމުންނެވެ. ނަމަވެސް އެކަމާ ގުޅިގެން މައްސަލަ އިތުރަށް ގޯސްވުން ނޫން ކަމެއް ނުވި އެވެ.
އަރިޖީތު އަކީ މިހާރު އެންމެ ގިނަ ބަޔަކަށް އެންމެ މަގްބޫލު ލަވަކިޔުންތެރިޔާ އަށް ވާތީ އޭނާގެ ފޭނުން ވެސް އެތައް މިލިއަނަކުން ގުނާލެވެ އެވެ. އެހެންކަމުން ސަލްމާންގެ ކިބައިން އަރިޖީތު މައާފަށް އެދި ފޭސްބުކްގައި ކުރި ޕޯސްޓާއެކު އަރިޖީތުގެ ފޭނުން ވެސް ވަނީ ރުޅި ގަދަވެފަ އެވެ. އެމީހުން ބޮޑަށް ރުޅި އައީ ސަލްމާން ދެކެއެއް ނޫނެވެ. އަރިޖީތު ދެކެ އެވެ. ފޭނުން ގަބޫލު ކުރާ ގޮތުގައި އަރިޖީތަކަށް މިހާރު ކޮންމެހެން ސަލްމާނެއް މުހިއްމެއް ނޫނެވެ. ސަލްމާނަށް ލަވަކިޔައި ނުދިނަސް އަރިޖީތަށް ލިބޭނެ ގެއްލުމެއް ނޯންނާނެ އެވެ. އެހެންކަމުން އަރިޖީތު ކޮންމެހެން ސަލްމާން މައާފު ކުރޭތޯ އާދޭސްކުރަމުން ހިނގާކަށް ނުޖެހެ އެވެ.
އަރިޖީތާއި ސަލްމާންގެ މައްސަލައިގައި ބައެއް މީހުން ބުނަނީ އެ ދެ މީހުންގެ މެދުގައި މާ ބޮޑު މައްސަލައެއް ނުހިނގާ ކަމަށާއި އެކަން މާ ބޮޑު ކޮށްލައިގެން އުޅެނީ އަރިޖީތު ކަމަށެވެ. ސަލްމާނަކީ ވަރަށް މަޖާ މިޒާޖެއްގެ މީހަކަށް ވާތީ އަރިޖީތު މައާފަށް އެދުނީމާ މަޖަލަކަށް ރުޅިއައީ ކަމަށް ހެދީ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އަދި ކުޑަކުއްޖެއްހެން ފާއިތުވީ ތިން އަހަރުއްސުރެ އަރިޖީތު މައާފަށް އެދެމުންދާތީ އޭނާ އަށް ވެސް އެކަން މަޖަލަކަށް ވެގެން އުޅެނީ ކަމަށް ސަލްމާންގެ މިޒާޖު ދަންނަ ބައެއް މީހުން ބުނެ އެވެ.
އެހެން އެ ކަންތައް އޮއްވާ އަރިޖީތު "ސުލްތާން" އަށް ކިޔައިދިން ލަވަ ކޮންމެވެސް ސަބަބަކާ ހުރެ ފިލްމުގައި ނުހިމަނަން ގަސްތުކުރުމުން އަރިޖީތު އަށް އެއީ ސަލްމާން ރުޅި އައިސްގެން ކުރި ކަމެކޭ ހީވެގެން އުޅެނީ ކަމަށް ބައެއް މީހުން ދެކެ އެވެ.
ކޮންމެއަކަސް މި މައްސަލައިގެ ހަގީގަތް އެކި މީހުން ކިޔައިދެނީ އެކި ގޮތަށެވެ. ޚުދް ސަލްމާން މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެގެން ނޫނީ މިކަން ވެގެން އުޅޭ ގޮތް ހަގީގަތުގައި އޮޅުން ފިލަން ވަރަށް ދަތިވާނެ އެވެ.