10 ޖޫން 2019 - 10:50

އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ ދުވަސްވީ އެކްޓަރު ގިރިޝް ކަރްނާދު މިއަދު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ 81 އަހަރުގެ އެކްޓަރު މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި މުމްބާއީ ކަމަށާއި މަރުވި ސަބަބެއް ސާފު ނުވާ ކަމަށެވެ. ގިރިޝްގެ މަރާ ގުޅިގެން ވަރަށް ގިނަ ފަންނާނުން އަންނަނީ ޓްވިޓާގައި ހިތާމަ ފާޅު ކުރަމުންނެވެ.
ގިރިޝް އަކީ ހިންދީ ސިނަމާގެ އިތުރުން ކަންނާޑާ، ތެލެގޫ އަދި ތަމަޅަ ބަހުން ހަދާފައިވާ ގިނަ ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ފެނުނު ހިންދީ ފިލްމަކީ 2017 ގައި ރިލީޒް ކުރި ސަލްމާން ހާނާއި ކެޓްރީނާ ކެއިފްގެ "ޓައިގާ ޒިންދާ ހޭ" އެވެ.
ގިރިޝް ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ޝިވާއޭ"، ޖޫހީ ޗާވްލާ އާއި ޝަބާނާ އަޒްމީގެ "ޗޯކް އެންޑް ޑަސްޓާ" އަދި އަނިލް ކަޕޫރުގެ "ޕުކާރު" ހިމެނެ އެވެ.
އިންޑިއާގެ ސިނަމާ އަށް ގިރިޝް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން އޭނާ އަށް ޕަދުމާ ޝްރީ އާއި ޕަދުމާ ބުޝަން އެވޯޑް ވެސް އަރުވާފައިވެ އެވެ.