މަލިކު މީހުންނާ އެކު އިހަވަންދު އަށް ތަފާތު އީދެއް
މަލިކު މީހުންނާ އެކު އިހަވަންދު އަށް ތަފާތު އީދެއް

ހއ. އިހަވަންދޫގައި މި އަހަރު ކުލަ ގަދަކޮށް އީދު ފާހަގަކުރަން މަލިކުން ބަޔަކު ގެންނަން ނިންމައިފި އެވެ.

ހާއްސަ ހަރަކާތްތަކަކާ އެކު ތަފާތުކޮށް އެ ރަށުގައި އީދު ފާހަގަކުރަން މި ހަމަޖެއްސީ އިހަވަންދޫ މަސްވެރިންގެ ގުޅުން ޖަމިއްޔާ (އިމަގު) އަށް 20 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށެވެ. އެ ރަށުގައި އީދުގެ ހަރަކާތްތައް ރާވައި ހިންގަނީ އެ ޖަމިއްޔާ އިންނެވެ.

އެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ސައުދުﷲ އަހްމަދު ރަޝީދު ބުނީ މަލިކު މީހުން ބައިވެރިވާ މިއުޒިކް ޝޯއެއްގެ އިތުރުން ތަފާތު ކުޅިވަރުތަކާ އެކު ގިނަ ހަރަކާތްތަކެއް ބާއްވަން ރާވާފައިވާ ކަމަށެވެ. ދިވެހިން އާއްމުކޮށް އީދު ފާހަގަކުރާ ގޮތުގެ އިތުރުން މަލިގެ ސަގާފަތާއި ދިރިއުޅުމާއި އެ ގައުމުގައި އީދު ފާހަގަކުރުން އޮންނަ ގޮތް ވެސް އިހަވަންދޫން މިފަހަރު ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

މަލިކު މީހުންނާ އެކު އީދު ފާހަގަކުރުމުގެ އެއް ބޭނުމަކީ، އޭނާ ބުނިގޮތުގައި، އިހަވަންދު އާއި މަލިކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ގާތް ރަހުމަތްތެރިކަން އުފެއްދުމެވެ.

"އިމަގު ޖަމިއްޔާއާ މަލިކު ރައްޔިތުންނާ އޮންނަ ރަހުމަތްތެރި ގުޅުމުގެ ތެރެއިން އީދަށް ދައުވަތު މި ދެވުނީ. ގިނަ ބަޔަކު މިކޮޅަށް [އިހަވަންދު] އަށް އަންނާނެ. އޭގެ ތެރޭގައި މަލިކުގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނޭނެ،" ސައުދުﷲ ބުންޏެވެ.

އޭނާ ބުނިގޮތުގައި އިހަވަންދޫގައި އީދު ކުޅިވަރު އަމާޒުކޮށްފައި ވަނީ ވަކި އުމުރުފުރައަކަށް ނޫނެވެ. ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންނަށް ބައިވެރިވެވޭނެ ހަރަކާތްތައް އޮންނާނެ ކަމަށް ސައުދުﷲ ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.